މާލޭ ޖަލުގައި ރޭ ހިނގި ހަމަނުޖެހުމެއްގައި ބަޔަކަށް އަނިޔާވެއްޖެ

މާފުށީޖަލު: ހަމަނުޖެހުމެއްގައި މޯލްޑިވްސް ކަރެންޝަނަލް ސާވިސަސްގެ ބައެއް އޮފިސަރުންނަށް އަނިޔާވި -- ސަން ފައިލް ފޮޓޯ

މާލޭ ޖަލުގައި ރޭ ހިނގި ހަމަނުޖެހުމެއްގައި މޯލްޑިވްސް ކަރެންޝަނަލް ސާވިސަސްގެ ބައެއް އޮފިސަރުންނާއި ބައެއް ގައިދީންނަށް އަނިޔާވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސްގެ އިންފޮމޭޝަން އޮފިސަރު ސަން އަށް މިރޭ ވިދާޅުވީ ހަމަނުޖެހުން ހިނގީ ޖަލުގެ ގޮޅިއެއް ބަލައި ފާސްކުރަން އޮފިސަރުން ދިއުމުން ގައިދީން އެކަމަށް ހުރަސް އަޅައި ކުރިމަތިލުމަކަށް ދިއުމުން ކަމަށެވެ.

"ރޭގަނޑުގައި އަޅުގަނޑުމެން ހަމަ ގޮޅިއެއް ބަލައި ފާސްކުރަން ވަންނަން އުޅުމުގެ ތެރޭގައި ގޮޅީގައި ތިބި ގައިދީން އެކަމަށް ހުރަސް އަޅައި އަޅުގަނޑުމެންގެ އޮފިސަރުން ގައިގައި އަތްލީމާ އެކަން ކޮންޓްރޯލް ކުރުމުގެ ތެރޭގައި ބައެއް ކަހަލަ ކުދިކުދި އަނިޔާތައް ގައިދީންނަށް ވެސް އަޅުގަނޑުމެންގެ އޮފިސަރުންނަށް ވެސްވީ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަނިޔާވި ގައިދީންގެ ތެރެއިން އެކަކު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް މިހާރު ވެސް ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ކަރެކްޝަނަލް ސާވިސަސްގެ އޮފިސަރުންގެ ތެރެއިން އަނިޔާވީ އޮފިސަރަކަށް ވެސް ރޭ އެ ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށެވެ.

"އެއީ އަޅުގަނޑުމެން ބިޑިއަޅުވަން އުޅުމުގެ ތެރޭގައި ގަދަ ދެއްކީމާ އަތަށް ލިބުނު ގެއްލުމަކަށް. މިހާރު ވެސް ފަރުވާ ދެމުން އަންނަނީ،" އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް