ކޮމިއުނިޓީ ސާވިސްއަށް ގައިދީން ބަދަލުކުރުމުގެ ބާރު ކޮމިޝަނަރަށް ދިނުން ހިމެނޭހެން ޕެރޯލާއި ޖަލުތަކުގެ ގާނޫނު އިސްލާހުކުރަނީ

ޖަލެއްގައި ގައިދީންތަކެއް: ކޮމިއުނިޓީ ސާވިސްއަށް ގައިދީން ބަދަލުކުރުމުގެ ބާރު ކޮމިޝަނަރަށް ދިނުން ހިމެނޭހެން ޕެރޯލާއި ޖަލުތަކުގެ ގާނޫނު އިސްލާހުކުރަން މަސައްކަތްކުރައްވާ ކަމަށް އިޙްސާން ވިދާޅުވި --- ފޮޓޯ: ކަރެކްޝަންސް

ކޮމިއުނިޓީ ސާވިސްއަށް ނުވަތަ މުޖުތަމައަށް ޚިދުމަތްކުރުމަށް ކޯޓުން ހުކުމްކުރުމުން މުޖުތަމައަށް ޚިދުމަތްކުރުމަށް ގައިދީން ބަދަލުކުރުމުގެ ބާރު ޖަލުތަކުގެ ކޮމިޝަނަރަށް ދިނުން ހިމެނޭހެން ޖަލުތަކާއި ޕެރޯލުގެ ގާނޫނަށް އެ އިސްލާހު ގެނައުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމަށްފަހު 'ސަން'އިން ސުވާލުކުރުމުން އިޙްސާން ވިދާޅުވީ މުޖުތަމައަށް ޚިދުމަތްކުރުމަށް ނުވަތަ ޖަލަށް ލުމަށް ކޯޓުން ހުކުމްކުރާނެ ކަމަށެވެ.

"ދެން އަޅުގަނޑުމެން މިހާރު ޖަލުތަކާއި ޕެރޯލާ ބެހޭ ގާނޫނަށް އެބަ ގެންނަން އެ އިސްލާހު، މިހާރު [ބަންޑާރަނައިބުގެ އޮފީހަށް] ލައިފައި އޮތް އިސްލާހުތަކުގެ ތެރޭ ވާނެ، އޭރަށް ޖަލަށް ވެސް އެކްސަސައިޒްކުރުމުގެ ފުރުސަތު ލިބޭ،" އިޙްސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ ބޭރު ގައުމުތަކުގައި މުޖުތަމައަށް ޚިދުމަތްކުރުމަށް ގައިދީން ބަދަލުކުރަނީ ޖަލުތަކުގައި ގައިދީން އުޅޭ އުޅުމަށް ބެލުމަށްފަހު ކަމަށެވެ. ނަމަވެސް ގައިދީން މުޖުތަމައަށް ޚިދުމަތްކުރުން ރާއްޖޭގައި އޮންނަނީ އޭނާ ވިދާޅުވިގޮތުގައި ހުކުމުގެ ބައެއްގެ ގޮތުގައެވެ.

މީގެ އިތުރުން ވެސް ޕެރޯލްގެ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އިޙްސާން ވިދާޅުވިއެވެ.

ބޭރުގެ ބައެއް ގައުމުތަކުން ގައިދީންނާއި ކުށްވެރިން މުޖުތަމައަށް ޚިދުމަތްކުރުމަށް ހުކުމްކުރާ ގޮތަށް ބަލާއިރު ޔޫކޭގައި މުޖުތަމައަށް ޚިދުމަތްކުރުމަށް ހުކުމްކުރަނީ ފުރަތަމަ ފަހަރަށް ކުށްކުރާ ފަރާތްތަކަށް ނުވަތަ ކުދި ކުށްތަކަށް އަރައިގަންނަ ފަރާތްތަކަށެވެ. އެގޮތުން އެ ގައުމުގައި 40 ގަޑިއިރާއި 300 ގަޑިއިރާ ދެމެދުގެ މުއްދަތަކަށް މުޖުތަމައަށް ޚިދުމަތްކުރުމަށް ހުކުމްކުރެއެވެ.

އޮސްޓްރޭލިއާއަށް ބަލާއިރު އެ ގައުމުގައި ގައިދީންނާއި ކުށްވެރިން 40 ގަޑިއިރާއި 750 ގަޑިއިރާ ދެމެދުގެ މުއްދަތަކަށް މުޖުތަމައަށް ޚިދުމަތްކުރުމަށް ހުކުމްކުރެއެވެ. އަދި ކުށްވެރިން ހުކުމާ އެއްގޮތަށް އަމަލުކުރޭތޯ ޕްރޮބޭޝަން އޮފިސަރުން އަބަދު ވެސް މޮނިޓާކުރެއެވެ.

ބޮޑެތި ގައުމުތަކުގައި މުޖުތަމައަށް ޚިދުމަތްކުރުމާ ބެހޭ ހުކުމްތައް ތަންފީޒުކުރުމުގެ ބާރުތައް ދީފައި އޮންނަނީ އެ ގައުމުތަކުގެ ޕެރޯލް ބޯޑަށެވެ.

comment ކޮމެންޓް