ހަމަނުޖެހުންތައް ބޮޑުވެ، ޓިއުނީޝިއާގައި ކާފިއު އިއުލާންކޮށްފި

ޓިއުނީޝިއާގައި ސަރުކާާރާ ދެކޮޅަށް ބޭއްވި އެއްވުމެއް ހުއްޓުވުމަށްޓަކައި ފުލުހުން ކަރުން ގޭސް ޖަހަނީ -- ފޮޓޯ: ރޮއިޓާސް

ތޫނިސް (ޖެނުއަރީ 23): ވަޒީފާގެ ފުރުސަތުތައް މަދުވުމުގެ ސަބަބުން ޓިއުނީޝިއާގައި މީގެ ފަސް ދުވަސްކުރިން ފެށި އެއްވުންތަކުގައި ހަމަނުޖެހުންތައް ހިންގަމުންދިޔުމުގެ ސަބަބުން އެ ގައުމުގައި އިއްޔެ ކާފިއު އިއުލާންކޮށްފި އެވެ.

ރޭގަނޑު އަށެކުން ފަތިހު ފަހެކާއި ހަމައަށް ވަކި މުއްދަތެއް ނެތި ކާފިއު އިއުލާން ކުރީ ވެރިރަށް ތޫނިސްގައި ހަމަނުޖެހުން ހިންގަމުންދާ ފަރާތްތަކާއި ފުލުހުންނާ ދޭތެރޭ ކުރިމަތިލުންތައް ހިނގާފައި ވަނިކޮށެވެ. އެ ހަމަނުޖެހުންތަކުގައި 59 އޮފިސަރުންނަށާއި 40 އާއްމުންނަށް އަނިޔާވި ކަމަށް ފުލުހުން ބުނެ އެވެ.

މިދިޔަ އާދިއްތަ ދުވަހު ޓިއުނީޝިއާގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަން ފެށީ އެ ގައުމުގެ ޒުވާނަކު ވަޒީފާ ނުލިބުމުގެ ސަބަބުން ސަރުކާރާ ދެކޮޅަށް ހަޅުތާލުކުރުމުގެ ތެރޭގައި މަރުވުމުންނެވެ. ދެހާސްދިހަ ވަނަ އަހަރުވެސް ޓިއުނީޝިއާގައި އެފަދަ ހަމަނުޖެހުނުތަކެއް ހިންގައި ރައްޔިތުން ގެނައި އިންގިލާބަކުން ވެރިކަން ބަދަލުކުރި އެވެ. އަދި ޓިއުނީޝިއާގައި ޑިމޮކްރަސީ ގާއިމުކުރެވުނެވެ.

ނަމަވެސް، އޭގެ ފަހުން ޓިއުނީޝިއާގައި ވަޒީފާގެ ފުރުސަތު ނުލިބިފައިވާ މީހުންގެ އަދަދު ވަނީ 13 ޕަސެންޓުން 15 ޕަސެންޓަށް އިތުރުވެފަ އެވެ. އަދި ޒުވާނުންގެ މެދުގައި ވަޒީފާ ނެތް މީހުންގެ އަދަދު ވަނީ 30 ޕަސެންޓަށް އަރާފަ އެވެ.

ހަމަނުޖެހުންތަކަށް ހުއްޓުމެއް ގެނައުމަށްޓަކައި ޓިއުނީޝިއާގެ ސަރުކާރުން ވަނީ އެ ގައުމުގެ 5000 މީހުންނަށް ވަޒީފާގެ ފުރުސަތު ދޭނެ ކަމަށް ބުދަ ދުވަހު ބުނެފަ އެވެ. ނަމަވެސް އޭގެ އަނެއް ދުވަހު އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ވަނީ އެ އިއުލާނުގައި އޮޅުމެއްވާ ކަމަށާއި ސަރުކާރުން ދޭން އެއްބަސްވެފައި ވަނީ 5000 މީހުން ވަޒީފާތަކަށް ތަމްރީނު ކުރަން ކަމަށް ބުނެފަ އެވެ. އޭގެ ސަބަބުން ޓިއުނީޝިއާގެ ރައްޔިތުން އިތުރަށް ރުޅިގަދަވެ ގައުމުގެ އެކި ސަރަހައްދުތަކުގައި ކުރަމުންދިޔަ އިހުތިޖާޖުތައް ވަރުގަދަ ކުރި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޓިއުނީޝިއާގެ ވެރިރަށް ތޫނިސްގައި ރައީސްގެ 12 ގާޑުންނަށް ޖާނުން ފިދާވެގެން ބޮމުގެ ހަމަލާއެއްދީ މަރާލުމުގެ ސަބަބުން އެގައުމުގައި ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. (ނޫސްއޭޖެންސީތައް)

comment ކޮމެންޓް