ތޫނިސްގެ ރައީސް 57 ފަނޑިޔާރަކު މަގާމުން ވަކިކުރައްވައިފި

ޓިއުނީޝިއާގެ ރައީސް ކައިސް ސައީދު-- ފޮޓޯ / އޭޕީ

ތޫނިސްގެ ރައީސް ގައިސް ސައީދު އެގައުމުގެ 57 ފަނޑިޔާރެއްގެ މައްޗަށް ކޮރަޕްޝަނާއި "ޓެރަރިސްޓުން" ހިމާޔަތް ކުރާ ކަމުގެ ތުހުމަތު ކުރައްވައި އެ ފަނޑިޔާރުން މަގާމުން ވަކިކުރައްވައިފިއެވެ.

ޓީވީ މެދުވެރިކޮށް އިއްޔެ ރައީސް ސައީދު ވިދާޅުވީ އެ ފަނޑިޔާރުން މަގާމުން ވަކިކުރީ ޝަރުއީ ދާއިރާގެ މަސައްކަތްތަށް ރަނގަޅު ކުރުމަށް ގިނަ ފުރުސަތުތަކެއްދީ، އެކަންތައްތައް އިސްލާހުނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމަށްފަހު ކަމަށެވެ.

އިއްޔެ މަގާމުން ވަކިކުރި ފަނޑިޔާރުންގެ ތެރޭގައި މިދިޔަ ފެބްރުއަރީ މަހު ސައީދު އުވާލެއްވި ސުޕްރީމް ޖުޑީޝަލް ކައުންސިލްގައި އިސްކޮށް ހުންނެވި ޔޫސުފް ބައުޒަކާ ވެސް ހިމެނެ އެވެ.

އެއީ 2011 ވަނަ އަހަރު ތޫނިސްއަށް ގެނައި އިންގިލާބަށް ފަހު އެގައުމުގެ ޝަރުއީ ދާއިރާގެ މިނިވަންކަން ޔަގީން ކުރުމަށް ޓަކައި މަސައްކަތް ކުރަމުން ދިޔަ ކައުންސިލެކެވެ. އަދި އެ ކައުންސިލް އުވާލުމުން، ރައީސް ސައީދު ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުތައް އިތުރުވިއެވެ.

ތޫނިސްގެ ސަރުކާރުން ކޮވިޑް-19 ބަލިމަޑުކަމާ ކުރިމަތިލި ގޮތާ މެދު ރައްޔިތުން ނުރުހުންވެ، މިދިޔަ އަހަރު ބޭއްވި ބޮޑެތި މުޒާހަރާތަކުގެ ތެރޭގައި ރައީސް ސައީދު ވަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް އުވާލައްވައި ގައުމު ހިންގުމުގެ ހުރިހާ ބާރުތަކެއް ނަންގަވާފައެވެ.

ސައީދު ވަނީ މި މަސް ތެރޭގައި ތޫނިސްއަށް އާ ގާނޫނު އަސާސީއެއް ތައާރަފް ކުރައްވައި އެ ގާނޫނު އަސާސީއާ ބެހޭ ގޮތުން އަންނަ ޖުލައި މަހު ފެންނަ ނުފެންނަ ވޯޓެއް ނަގަން އިންތިޒާމު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް