އައިޖީއެމްއެޗްގެ އާ ލެބޯޓްރީ ހުޅުވައިފި

އައިޖީއެމްއެޗް ---- ސަން ފައިލް ފޮޓޯ

އިތުރު ފަސޭހަތަކާ އެކު އައިޖީއެމްއެޗްގެ އާ ލެބޯޓްރީ ހުޅުވައިފި އެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް މިއަދު ސަން އަށް ވިދާޅުވީ އާ ލެބޯޓްރީ ހުޅުވި ނަމަވެސް އަދި ހުރިހާ ޓެސްޓުތަކެއް މިއަދު ނުހެދޭނެ އެވެ. ނަމަވެސް ކުރިއަށް އޮތް ހަފްތާ ތެރޭ ލެބޯޓްރީން ހުރިހާ ހިދުމަތެއް ދޭން ފަށާނެ ކަމަށް ޒީނަތު ވިދާޅުވި އެވެ.

"އަދި ހެދޭނީ ހަމައެކަނި ހުސްބަނޑާ ހުރެ ލޭ ނެގުމުގެ ޓެސްޓުތައް އެކަނި. އަޅުގަނޑުމެން އާ ލެބޯޓްރީއަށް އަދި އިކުއިޕްމަންޓްތައް ބަދަލު ކުރަމުން މިދަނީ،" ޒީނަތު ވިދާޅުވި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ހެދި އާ ލެބޯޓްރީ ހުރީ ކުރިން ވެސް ލެބޯޓްރީ ހުރި ތަނުގަ އެވެ. އަދި މިހާރުގެ އާ ލެބޯޓްރީގައި 11 ކައުންޓަރުން ހިދުމަތްދޭ އިރު، ކުރިން ލޭ ނެގުމަށް ޓަކައި ރަޖިސްޓްރީ ކުރަން ވަކިން ކިޔުއެއްގައި ޖެހި އަދި ލޭ ނެގުމަށް އިތުރު ކިޔުއެއްގައި ޖެހެން ޖެހުނު ނަމަވެސް އާ ލެބޯޓްރީން ހިދުމަތް ހޯދާ އިރު، އިތުރު ކިޔުއެއްގައި ނުޖެހި ނަމްބަރު ނަގައިގެން ލޭ ނެގުމުގެ ހިދުމަތް ލިބޭނެ ކަމަށް ޒީނަތު ވިދާޅުވި އެވެ.

ކުރިން ހުރި ލެބޯޓްރީގެ ވެއިޓިން އޭރިއާ ކޮރިޑޯއާއަށްވާ ގޮތަށް ބޭރަށް ހުރި ނަމަވެސް ފަހުން ހުޅުވި އާ ލެބޯޓްރީގެ ތެރޭ ވެއިޓިން އޭރިއާ އެއްވެސް ހިމަނާފައިވާނެ ކަމަށް ޒީނަތު ވިދާޅުވި އެވެ.

ސަރުކާރުގެ މައި ހޮސްޕިޓަލުން ކުރިން ހުރި ލެބޯޓްރީ އިތުރު ބަދަލުތަކާ އެކު އަލުން ހުޅުވި އިރު، މިދިޔަ ބުދަ ދުވަހު ވަނީ އެ ހޮސްޕިޓަލުގައި އެމްއާރުއައި ސެންޓަރެއް ހުޅުވައި ހިދުމަތްދޭން ފަށާފަ އެވެ.

comment ކޮމެންޓް