ނިމުނު އަހަރު 500 އަށްވުރެ ގިނަ މީހުން ސްޓްރޯކް ޖެހިގެން އައިޖީއެމްއެޗްގައި އެޑްމިޓްކުރި

އައިޖީއެމްއެޗް ކުރިމަތި: ނިމުނު އަހަރު 500 އަށްވުރެ ގިނަ މީހުން ސްޓްރޯކް ޖެހިގެން އައިޖީއެމްއެޗްގަ އެޑްމިޓްވި -- ފޮޓޯ/ މާނިއު މުހައްމަދު

ނިމުނު އަހަރު ސްރޯކް ޖެހިގެން 500 އަށްވުރެ ގިނަ މީހުން އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެޑްމިޓްކުރި ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ސްޓްރޯކްގެ އަލާމާތްތަކާއި ސްޓްރޯކުން ރައްކާތެރިވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން ނިއުރޯސާޖަރީ ޑރ. ޢަލީ އާފީ ވަނީ ސްޓްރޯކަކީ، ދުނިޔޭގެ ނިސްބަތަށް ބަލާއިރު މިހާރު އިތުރުވެފައިވާ ބައްޔެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ކުރިއާ އަޅާބަލާއިރު އެ ނިސްބަތް މިހާރު 50 އިންސައްތަ އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވަނީ 25 އަހަރުން މަތީގެ މީހަކަށް އެ އުމުރުގައި ސްޓްރޯކެއް ޖެހުމުގެ ރިސްކަކީ ހަތަރުބައި ކުޅަ އެއްބައި ކަމަށާއި، އެއީ 25 އިންސައްތަ ކަމަށް އޭނާ ވިދާޅުވިއެވެ.

25 ޕަސެންޓް ސްޓްރޯކް ރިސްކަކީ އެހެންވީމަ ވަރަށް އާންމު ބައްޔެއް ސްޓްރޯކަކީ. ރާއްޖޭގެ ހާލަތަށް ބަލާލާއިރު، އައިޖީއެމްއެޗްގެ ޑޭޓާއަށް ބަލާއިރުވެސް މިދިޔަ އަހަރުގެ ތެރޭގައިވެސް 500 އަށްވުރެ ގިނަ ޕޭޝެންޓުން [ބަލިމީހުން] ސްޓްރޯކް ޖެހިގެން އައިޖީއެމްއެޗްގައި އެޑްމިޓްވެފައި ވަނީ،ކޮންސަލްޓަންޓް ސްޕެޝަލިސްޓް އިން ނިއުރޯސާޖަރީ ޑރ. ޢަލީ އާފީ

އެ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެ ހޮސްޕިޓަލުގެ ކޮންސަލްޓެންޓް ސަބް-ސްޕެޝަލިސްޓް ނިއުރޯލަޖީ ޑރ. ސަލްމާން ނިޒާމް ވިދާޅުވީ، ސްޓްރޯކް ޖެހުމަށް މަގުފަހިކޮށްދޭ ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކުރެވޭ ކަމަށެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ލޭގެ ޕްރެޝަރު ހުންނަ މީހުން ޕްރެޝަރަށް ބޭސްނުކައި ހުރުމުގެ ސަބަބުން ލޭގެ ޕްރެޝަރު މައްޗަށް ދިއުމެވެ.

ދެވަނަ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ހަކުރު ބަލީގައި އުޅެން ޖެހުމެވެ. މީގެ އިތުރުން ހިތުގެ މައްސަލަތައް ހުންނަ މީހުންނާއި ކޮލެސްޓްރޯލް މަތިކޮށް ހުންނަ މީހުންގެ އިތުރުން، ބައެއްފަހަރު އުފެދޭ އިންފެކްޝަނެއްގެ ސަބަބުން ވެސް ސްޓްރޯކް ޖެހުމަށް މަގުފަހިވާ ކަމަށް ވިދާޅުވިއެވެ.

މިގޮތަށް ވަރަށް ބައިވަރު ކަންތައްތައް އެބަހުރި. ކިޑްނީ ބަލީގެ މައްސަލަ ހުންނަ މީހުންނާއި ލޭގެ ބައެއް މާއްދާއެއް ދަށްވެ، މަތިވެ، ވަރަށް ބައިވަރު ކަންތައްތަކެއް އެބަހުރި. ދެން އަޅުގަނޑު ފާހަގަކޮށްލަން ސްޓްރޯކަށް މަގުފަހިވާ ކަމެއް ދުންފަތުގެ އިސްތިއުމާލު ކުރުމަކީވެސް،ކޮންސަލްޓެންޓް ސަބް-ސްޕެޝަލިސްޓް ނިއުރޯލަޖީ ޑރ. ސަލްމާން ނިޒާމް

އޭނާ ވަނީ ސްޓްރޯކްގެ އަލާމާތެއް ފެނިއްޖެ ނަމަ ވަގުތުން ހޮސްޕިޓަލަށް ސިއުމަށް އިރުޝާދު ދެއްވާފައެވެ. އެހެންކަމުން މީހާގެ ބެލެންސް ކަޓައި، ލޯފުސްވެ، މޫނުގެ އެއްފަރާތް މަސައްކަތް ނުކޮށް، އަތުގެ ވާގިދޫވެ، ދައްކާ ވާހަކަ ނުސާފުވެ ކަންކަން ދިމާވާނަމަ ވަގުތުން ހޮސްޕިޓަލަށް ދިއުމަށް ޑޮކްޓަރު ވަނީ އެދިވަޑައިގެންފައެވެ.

comment ކޮމެންޓް