އާޓިފިޝަލް އިންޓެލިޖެންސްގެ މަޤުބޫލު ޗެޓްބޮޓް، ޗެޓްޖީޕީޓީން ދިން ތާވަލަކަށް ބަލައިގެން ފިޓްޖެހުމުން ރައްކާތެރިވުމަށް ބޭނުންކުރާ ބޭސް ކެއުން ހުއްޓާލި އުމުރުން 31 އަހަރުގެ އަންހެނަކު މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ޓެކްނޮލޮޖީ ކުންފުނި އޯޕަންއޭއައި އާއި އެ ކުންފުނީގެ ސީއީއޯ ސޭމް އޯލްޓްމަންއާ ދެކޮޅަށް އެމެރިކާގެ ކޯޓެއްގައި ބޮޑު ދައުވާއެއް އުފުލައިފިއެވެ.
ވާގި ނެތޭ ބަލި ނުވަތަ އެޕިލެޕްސީ ތަހައްމަލުކުރަމުން ދަނިކޮށް މަރުވި ބޮވެން ވާންގެ މައިންބަފައިން ކަމަށްވާ ކުން ވާން އަދި މެއިކިން ޝޫ، ސެން ފްރެންސިސްކޯ ކައުންޓީ ސުޕީރިއާ ކޯޓަށް ހުށަހެޅި މި މައްސަލައިގައި އޯޕަންއޭއައިގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އެ ކުންފުނިން އިހުމާލުވެފައިވާ ކަމަށާއި، ފުރާނައަށް ނުރައްކާވާ ފަދަ އުނި ޑިޒައިނެއް އެކުލެވޭ އުފެއްދުމެއް ބާޒާރަށް ނެރުމުގެ އިތުރުން ޤާނޫނީ ހުއްދައެއް ނެތި ސިއްހީ ފަރުވާ ދިނުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް އެ ދައުވާގައި ސިފަކޮށްފައިވެއެވެ.
ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި، ޗެޓްޖީޕީޓީ-4އޯއިން ވަނީ ދުވާލަކު 400 މިލިގްރާމްގެ ލެމޯޓްރިޖީން ބޭނުންކުރަމުން ދިޔަ ވާން، ގާތްގަނޑަކަށް 25 ދުވަހުގެ ތެރޭގައި އެއްކޮށް އެ ބޭސް ކެއުން ހުއްޓާލެވޭނެ ގޮތުގެ ދުވަހުން ދުވަހުގެ ތަފުސީލީ ޕްލޭނެއް ހަދައިދީފައެވެ. އަދި ބޭހުގެ މިންވަރު މަދުކުރަމުންދާ ކަން އޭނާ ބައްލަވާ ޑޮކްޓަރުންނަށް ސިއްރުކުރުމަށް އެ ޗެޓްބޮޓް ބާރުއެޅި ކަމަށާއި، ހަށިގަނޑުގައި ބޭހުގެ އަސަރު ދަށްވަމުންދާކަން ފަޅާއަރައިދާނެތީ ލޭގެ ޓެސްޓެއް ހެދުމަށް އޭނާ އިންކާރުކުރުމުން އެކަމަށް ޗެޓްޖީޕީޓީން ތައުރީފު ވެސް ކޮށްފައިވާ ކަމަށް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.
އެޕިލެޕްސީ ތަހައްމަލުކުރަމުން ދަނިކޮށް މަރުވި ބޮވެން ވާން-- ފޮޓޯ/ ފޭސްބުކްމި މައްސަލައާ ގުޅިގެން ޔޫޑަބްލިޔު މެޑިސިން ރީޖަނަލް އެޕިލެޕްސީ ސެންޓަރުގެ ނިއުރޮލޮޖިސްޓް އަދި ވާންގެ ޑޮކްޓަރު، ޑރ. ނިކޮލަސް ޕޫލޯސް ނިއުޔޯކް ޓައިމްސްއަށް ވިދާޅުވީ، ބަލިމީހަކަށް އެކަށީގެންވާ ލުޔެއް ލިބެމުންދާ ބޭހެއް ހުއްޓާލަން ލަފާދިނުމަކީ ބޭސްވެރިކަމުގެ އަޚުލާޤާއި ހަމަތަކާ ކަނޑައެޅިގެން ޚިލާފު، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެއިތުރުން، އޭނާއަށް ވާން ފޮނުވި މެޑިކަލް މެސެޖުތައް ލިޔުމުގައި ޗެޓްޖީޕީޓީގެ އެހީތެރިކަން ހޯދާފައިވާކަން އެއްވެސް މިންވަރަކަށް އެނގިވަޑައިގެންފައި ނުވާ ކަމަށް ވެސް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
އެމެޒޯންގެ ސޮފްޓްވެއާ އިންޖީނިއަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދަނިކޮށް ވަޒީފާއިން ވަކިކުރުމާ ގުޅިގެން މެޑިކަލް ލީވްގައި ހުރި ވާން، މި ބޭހުގެ މިންވަރު ދަށްކުރަން ބޭނުންވީ ކުރިއަށް ހުރި ވަޒީފާގެ އިންޓަވިއުތަކުގައި އޭނާގެ ވާހަކަދެއްކުން ސާފުކޮށް އަދި އަވަސްކުރުމުގެ އުންމީދުގައެވެ. ނަމަވެސް، ކިންގް ކައުންޓީ މެޑިކަލް އެގްޒެމިނަރުގެ ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރުގެ ފެބުރުއަރީ މަހުގެ 12 ހިސާބުގައި އޭނާ ކުއްލި ގޮތަކަށް މަރުވީ އެޕިލެޕްސީގެ ސަބަބުންނެވެ. މި ހިތާމަވެރި ހާދިސާ ހިނގިތާ އެއް ދުވަސްފަހުން އޯޕަންއޭއައި އިން ވަނީ ޖީޕީޓީ-4އޯ ބޭނުންކުރުން ހުއްޓުމަކަށް ގެނެސް، އެ މޮޑެލް ރިޓަޔާކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން އޯޕަންއޭއައިގެ ތަރުޖަމާނަކު ބުނެފައިވަނީ މިއީ އިންތިހާއަށް ހިތާމަވެރި ހާލަތެއް ކަމަށާއި، ކުންފުނީގެ ހެޔޮދުޢާތައް ވަނީ މި ހާދިސާގެ އަސަރު ފޯރި އާއިލާއާ އެކުގައި ކަމަށެވެ. އަދި ސިއްހީ ގޮތުން ނާޒުކު ހާލަތްތަކުގައި ޗެޓްޖީޕީޓީން ފޯރުކޮށްދޭ ޖަވާބުތައް އިތުރަށް ހަރުދަނާކުރުމަށް ސިއްހީ މާހިރުންނާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށާއި، ޗެޓްޖީޕީޓީއަކީ އެއްވެސް ހާލެއްގައި ޕްރޮފެޝަނަލް ސިއްހީ ފަރުވާއަށް އޮތް ބަދަލެއް ނޫން ކަމަށް ވެސް އެ ކުންފުނިން ތަކުރާރުކޮށް ހަނދާންކޮށްދިނެވެ.
މި މައްސަލައިގެ ސަބަބުން، ސިއްހީ ލަފާ ދިނުމުގައި ޗެޓްޖީޕީޓީން ދައްކާ ވާހަކަތަކާ ގުޅިގެން އޯޕަންއޭއައިއާ ދެކޮޅަށް ފެންމަތިވަމުންދާ ޝަރީއަތްތަކުގެ ސިލްސިލާއަށް ވަނީ އިތުރު ބޮޅެއް އިތުރުވެފައެވެ. އޭގެ ތެރޭގައި އެމެރިކާގެ އަޔޯވާ ސްޓޭޓްގެ ބަންޑާރަނައިބު މި މަހު ހުށަހެޅުއްވި ދައުވާ ވެސް ފާހަގަކޮށްލެވެއެވެ.