މޮޓޯރޯލާގެ އެންމެ ފަހުގެ ސިގްނޭޗާ ސީރީޒްގެ ފޯނު، "މޮޓޯރޯލާ ސިގްނޭޗާ 27" 200 މެގާޕިކްސެލް ކެމެރާއާއެކު އަންނަމަހު 5 ގައި ދުނިޔޭގެ ބާޒާރަށް ނެރުމަށް ހަމަޖެހިފައިވާކަން އެ ކުންފުނިން ކަށަވަރުކޮށްދީފިއެވެ.
ސުނެޕްޑްރެގަން ސަމިޓް 2026 ގައި ފުރަތަމަ ދައްކާލި މި ފްލެގްޝިޕް ފޯނަކީ އެ ކުންފުނީގެ ސިގްނޭޗާ ސީރީޒްގެ ދެވަނަ މޮޑެލްއެވެ. އަދި އިންޑިއަން މޮބައިލް ކޮންގްރެސް (އައިއެމްސީ) 2026 ގައިވެސް މި ފޯނު ވަނީ އާންމުންނަށް ދައްކާލާފައެވެ. މި ފޯނުގެ އަގު އަދި ސިއްރުކުރެވިފައިވީ ނަމަވެސް، ފޯނުގެ ގިނަ ފީޗަރުތަކެއް މިހާރު ވަނީ އާންމުވެފައެވެ.
މޮޓޯރޯލާގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް މި ފޯނު ނެރޭނެ ތާރީޚު އިއުލާންކޮށްފައިވާއިރު، އެ ކުންފުނިން ބުނެފައިވަނީ މި ފޯނަކީ ބޭނުންކޮށްލަން ފަސޭހަވާނެހެން ފުރިހަމައަށް ފަރުމާކުރެވިފައިވާ ފޯނެއް ކަމަށެވެ. މީގެ ކުރިން ނޮވެމްބަރު މަހު ފޯނު ނެރޭނެކަމަށް ބުނެފައިވީ ނަމަވެސް، ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.
https://x.com/Moto/status/2115783257912750474
މި ފޯނު ބާޒާރަށް ނެރުމުގެ ކުރިން ގީކްބެންޗް 7 ބެންޗްމާކިން ޕްލެޓްފޯމުން ފެނިފައިވާއިރު، އެއިން ފޯނުގެ ހާޑްވެއާ އަދި ޕާފޯމަންސްއާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ވަނީ ހާމަވެފައެވެ. އެގޮތުން ގީކްބެންޗްގެ ސިންގަލް-ކޯ ޓެސްޓުގައި މި ފޯނަށް 3,313 ޕޮއިންޓް ލިބިފައިވާއިރު، މަލްޓި-ކޯ ޓެސްޓުގައި 11,088 ޕޮއިންޓް ވަނީ ލިބިފައެވެ. މީގެއިތުރުން މި ފޯނު ހިންގަނީ އެންޑްރޮއިޑް 17 އިން ކަމާއި، ފޯނުގައި 12 ޖީބީގެ ރޭމް ހިމެނޭކަންވެސް ބެންޗްމާކް ލިސްޓިންއިން އެނގެއެވެ.
ގީކްބެންޗްގެ މައުލޫމާތުތަކުން ދައްކާގޮތުގައި މިއީ ކިއުޓީއައި އެސްއެމް8975 ޗިޕްސެޓް ނުވަތަ ސްނެޕްޑްރެގަން 8 އެލީޓް އެކްސްޓްރީމް ޖެން 6 ޕްރޮސެސަރ ހިމެނޭ ފޯނެކެވެ. މިއީ 3.74 ގިގާހަރޓްޒް، 4.03 ގިގާހަރޓްޒް އަދި 5.01 ގިގާހަރޓްޒްގެ ކްލޮކް ސްޕީޑްތަކެއް ހުރި އޮކްޓާ-ކޯ ޕްރޮސެސަރެކެވެ. މީގެއިތުރުން އެޑްރެނޯ 850 ޖީޕީޔޫ ހިމެނޭއިރު، ފޯނުގެ މަދަރބޯޑުގެ އައިޑެންޓިފަޔާ އަކީ "އާޓް" އެވެ. އަދި ސޮފްޓްވެއާ ބިލްޑް ނަންބަރަކީ އޭ172CW.36-19-1 އެވެ.
މޮޓޯރޯލާއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި މި ފޯނުގައި ބޭނުންކުރާނީ ސްނެޕްޑްރެގަން 8 އެލީޓް އެކްސްޓްރީމް ޖެން 6 ޗިޕްސެޓެވެ. އަދި ފޯނު ހޫނުވިޔަނުދީ ހިފެހެއްޓުމަށްޓަކައި އެ ކުންފުނީގެ "އާކްޓިކްމެޝް" ކޫލިންގ ސިސްޓަމް ބޭނުންކުރާނެއެވެ. ނަމަވެސް ގީކްބެންޗުން ފެނުނު މައުލޫމާތުތަކަކީ ނެރުމުގެ ކުރިން ޓެސްޓުކުރި ޔުނިޓެއްގެ މައުލޫމާތު ކަމަށްވާތީ، ބާޒާރަށް ނެރޭ ފޯނުގެ ޕާފޯމަންސް މީގެއާ ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.
ކެމެރާއަށް ބަލާއިރު، މި ފޯނުގައި 50 މެގާޕިކްސެލް އަދި 200 މެގާޕިކްސެލްގެ ޓެލެފޮޓޯ ކެމެރާއެއް ހިމެނެއެވެ.
މޮޓޯރޯލާ ސިގްނޭޗާ 27 ލިބެން ހުންނާނީ ދެ ކުލައަކުންނެވެ. އެއީ ޕެންޓޯން ކޯލް ސްމޯކް އަދި ޕެންޓޯން ކެޕިއުލެޓް ގްރީންއެވެ. ކޯލް ސްމޯކް ކުލައިގެ ފޯނުގައި ހިފަހައްޓަން ފަސޭހަވާނެ އަދި ދެމެހެއްޓެނިވި ގޮތަކަށް ވިޔެފައިވާ ފެންނަ ޓެކްސްޗާއެއް ހިމެނޭއިރު، ކެޕިއުލެޓް ގްރީން މޮޑެލްއަށް ދީފައިވަނީ ފޮތިގަނޑެއްގެ ސިފަޖެހޭ ފިނިޝިންއެކެވެ.
މި ފޯނަށް އޮޕަރޭޓިން ސިސްޓަމްގެ އަޕްގްރޭޑްތައް ކުރިއަށް އޮތް 7 އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ކަމަށް މޮޓޯރޯލާއިން ވަނީ ވައުދުވެފައެވެ.