އެމްއެންޑީއެފުން މިއަދު ހަވީރު ޝަރަފުގެ ހިނގާލުމެއް ބާއްވަނީ

މިދިޔަ އަހަރުގެ ނަސްރުގެ ދުވަހުގެ ހިނގާލުން: ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ޝަރަފުގެ ހިނގާލުމެއް ކުރިއަށްދާނެ --- ސަން ފައިލް ފޮޓޯ

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ހަވީރު މާލޭގައި ޝަރަފުގެ ހިނގާލުމެއް ބާއްވަން ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ އެ ހިނގާލުން ފެށޭނީ މިއަދު ހަވީރު 4:15 ގައި ކަޅުތުއްކަލާ ކޮށިން ކަމަށެވެ.

ހިނގާލުން ކުރިއަށްދާނީ ކަޅުތުއްކަލާކޮށީ އުތުރު ގޭޓުން ނުކުމެގެން ހަނދުވަރީ ހިނގުމުން އުތުރަށް ގޮސް އަމީނީމަގުން އިރަށް، އަދި ބޮޑުތަކުރުފާނު މަގުން ހުޅަނގަށެވެ. އަދި ބޮޑުތަކުރުފާނު މަގުން، ދަރުބާރުގެ ކައިރީގައި މަޑުކޮށް ސިފައިންގެ ބޭންޑުގައި ރާގު ކުޅުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ހިނގާލުން ނިންމާލާނީ ބޮޑުތަކުރުފާނު މަގުން ހުޅަނގަށް، ކަޅުތުއްކަލާކޮށީ ދެކުނު ގޭޓަށް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ޕެރޭޑް ކުރިއަށްދާ ސަރަހައްދު ދައްކައިދޭ ކުރެހުމެއް

ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފްގެ ހުރިހާ އޭރިއާތަކެއްގައި ޖަމާއަތުގެ ފަތިސް ނަމާދު ކުރުމަށް ފަހު ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ވަނީ ބާއްވާފަ އެވެ. އޭގެ އިތުރުން މާލޭގައި މިއަދު ހެނދުނު ނޮވެމްބަރު ތިނެއްގެ ހަނދާނީ ބިނާގައި ދިދަ އަދި ގާޑް މައުންޓް ކުރުމުގެ ރަސްމިއްޔާތު ވެސް ވަނީ ބާއްވާފަ އެވެ.

ނަސްރުގެ ދުވަހާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި އެމްއެންޑީއެފް ނޮދަން އޭރިއާގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން، "ވިކްޓްރީ ރަން" ނަމުގައި އޭރިއާތަކުގައި ހެނދުނު 08:00 ގައި ދުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަދު ހަވީރު "އޯޕަން ޑޭ"ގެ ނަމުގައި ކުޑަކުދިންގެ ހަވީރެއް ބާއްވާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އެ ހަވީރުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ އާންމުކޮށް ދައްކާލުމާއި ސިފައިންގެ ބައެއް ޔުނީފޯމާއިއެކު ފޮޓޯ ނެގުމުގެ ފުރުސަތު ހުޅުވާލުމުގެ އިތުރުން ސިފައިން ބޭނުންކުރާ ބައެއް ވެހިކަލްތައް ދައްކާލުން އޮންނާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

comment ކޮމެންޓް