ކޮވިޑް ވިލެޖުން އިތުރު ބަޔަކު ޕޮޒިޓިވްވެ، މަސައްކަތް ހުއްޓިއްޖެ

ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވާހަކަ ދައްކަވަނީ --- ފޮޓޯ/ އެންއޯއީސީ

ކޮރޯނާވައިރަހުގެ ބަލިމީހުންނަށް ފަރުވާދިނުމަށް ހުޅުމާލޭގައި ހަދަމުން އަންނަ، "ކޮވިޑް ވިލެޖް"ގައި މަސައްކަތް ކުރަމުން މިހާރު އެމްއެންޑީއެފްއިން ހަދަމުންދާ ކޮވިޑް ވިލެޖްގައި މަސައްކަތް ކުރަމުންދާ ބަޔަކު ޕޮޒިޓިވްވެއްޖެ އެވެ.

ކޮވިޑާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑްގެ ތަރުޖަމާނު މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ކޮވިޑް ވިލެޖުގައި މަސައްކަތް ކުރަމުން ދިޔަ މީހުންގެ ތެރެއިން ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި އެމްއެންޑީއެފްގެ ކޭސްތައްވެސް ހިމެނޭ ކަމަށެވެ.

ކޮވިޑްޖެހިގެން އެންމެ ނުރައްކާތެރިމީހުންނަށް ފަރުވާ ދޭން ހަދާ އެތަނުން ކޭސްތައް ފެނުމާ ގުޅިގެން އެތަނުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.

"އެމްއެންޑީއެފްގެ އިލެކްޓްރިކަލް މެކޭނިކަލް އިންޖިނިއަރިންގެ ވާކްޝޮޕްގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ތެރެއިންވެސް ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވުމާއެކު މި ދެތަން މިވަގުތު ހުރީ ކަރަންޓީނު ކުރެވިފައި. މަސައްކަތް ކުރަމުންދަނީ މަސައްކަތް ކުރަން ޖެހޭ ބޭފުުޅުން އައިސޮލޭޓްކޮށް އަދި ކަރަންޓީނުުކުރަން ޖެހޭ ކޮންޓެކްޓުން އައިސޮލޭޓް ކުރުމަށް ފަހު އަނެއްކާވެސް އޮޕަރޭޝަން ވީހާވެސް އަވަހަކަށް ފެއްޓޭނެ ގޮތެއް ހޯދުމަށްޓަކައި،" މަބްރޫކް ވިދާޅުވި އެވެ.

މީގެ ކުރިން ކޮވިޑް ވިލެޖުގައި ސިފައިންގެ ފަސް މީހުންވެސް ޕޮޒިޓިވްވި އެވެ. އޭގެ އިތުރުން އެތަނުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީ ދެ މުވައްޒަފުންވެސް ޕޮޒިޓިވްވި އެވެ.

comment ކޮމެންޓް