އިމާރާތަކުން ވެއްޓުނު އެއްޗަކުން ޖެހި ކުޑަކުއްޖެއްގެ ސިކުނޑިއަށް ލޭ އެޅިއްޖެ

އޮކްޓޫބަރު 25، 2014 ގައި އިމާރާތަކުން ވެއްޓުނު އެއްޗަކުން ޖެހި މީހަކު ޒަހަމްވުމުން ޕިކަޕަކަށް އަރުވައިގެން ހޮސްޕިޓަލަށް ގެންދަނީ-- ސަން ފައިލް ފޮޓޯ

އިމާރާތެއްގެ ހަ ވަނަ ބުރިން ވެއްޓުނު ބުރުމާ ކަށްޓަކުން ޖެހި ބޯ ފަޅައިގެން ދިޔަ ކުޑަކުއްޖާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

މ. ކާދޫގެ ހަ ވަނަ ފަންގިފިލާގެ ފާހާނާގެ ފެން ލައިޓެއް ކަނޑަން އުޅުމުގެ ތެރޭގައި ބުރުމާ ކަށްޓެއް ވެއްޓި 16 އަހަރުގެ ފިރިހެން ކުއްޖެއްގެ ބޯ ފަޅައިގެން ގޮސްފައި ވަނީ މިއަދު މެންދުރުފަހު އެވެ. އައިޖީއެމްއެޗްގައި ފަރުވާދެމުންދާ އެ ކުއްޖާ އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް އާއިލާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

އައިޖީއެމްޗުގެ މީޑިއާ އޮފިޝަލު ޒީނަތު އަލީ ހަބީބު "ސަން"އަށް މިރޭ ވިދާޅުވީ އެ ކުއްޖާގެ ބޮލަށް ކޮންމެ ވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން އެ ކުއްޖާގެ ބޮލުގެ އެތެރެއަށް ލޭ އެޅިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ކުއްޖާގެ ބޮލުގެ ނާށިގަނޑުން ތަންކޮޅެއް ނެއްޓި ސިކުނޑިއަށް ލޭ ވެސް ވަނީ ކޮންމެވެސް ވަރަކަށް އެޅިފައި. އެކަމަކު އެ ކުއްޖާ އަނެއްހެން ހަމަ ވާހަކަ ވެސް ދައްކާ ހަދާ،" ޒީނަތު ވިދާޅުވި އެވެ.

ފެންލައިޓެއް ކަނޑަން އުޅުމުގެ ތެރޭގައި ބުރުމާ ކަށްޓެއް ވެއްޓި ކުއްޖެއްގެ ބޯ ފަޅައިގެން ގޮސްފައިވާއިރު މާލެ ގެއެއްގެ ލިފްޓު ގޮޅިއެއްގެ ތެރެއަށް ތުއްތު ކުއްޖަކާ އަންހެނަކު މިދިޔަ ހަފުތާގެ ތެރޭގައި ވަނީ ވެއްޓިފަ އެވެ. އަދި ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ތުއްތު ކުއްޖާ ނިޔާވީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.

comment ކޮމެންޓް