ކުޑަހަވަދޫން: މުހައްމަދު ނާސިހު
މި ގަރުނުގައި އޭވިއޭޝަން ސިނާއަތަށް ދިމާވި އެންމެ ބޮޑު ހާދިސާއަކީ އެމްއެޗް 370 ފްލައިޓަށް ވީނުވީއެއް ނޭނގި ގެއްލުމެވެ. އެ ފްލައިޓް ގެއްލުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ އިރު އެ ހާދިސާއާ ރާއްޖެއާ ގުޅުވައިދެނީ ކުޑަހުވަދޫ ރައްޔިތުންނެވެ. އެއީ އެމްއެޗް370 ގެއްލުނު ދުވަހު ކުޑަހުވަދޫ މަތިން އެ ބޯޓާ ވައްތަރު ބޯޓެއް، އަދާޔާ ހިލާފަށް ތިރިން ދަތުރުކޮށްފައި ދިޔަ ކަމަށް ބުނާތީ އެވެ. އެ މަންޒަރު ފެނުނު ކަމަށް ބުނާ 21 މީހަކު މިހާރު ވެސް އެ ރަށުގައި ދިރިއުޅެ އެވެ.
އިންޑިއާ ކަނޑުގެ ރީޔުނިއަނުން އެމްއެޗް ފްލައިޓް 370ގެ ބައެއް ފެނުމުން އަނެއްކާ ވެސް ކުޑަހުވަދޫ އާއި އެމްއެޗް ފްލައިޓާ ގުޅުވައިގެން ދައްކާ ވާހަކަ ވަނީ އިތުރުވެފަ އެވެ. ރީޔުނިއަނުން ފެނުނު ފިޔަގަނޑަކީ އެ ބޯޓުގެ އެއްޗަކަށްވާ ނަމަ، ކުޑަހުވަދޫ މީހުން ދައްކާ ވާހަކައަށް ބާރު ދެވެ އެވެ.
'ސަން' ޓީމުން ވަނީ ކުޑަހުވަދޫ ގޮސް، އެ ފްލައިޓް ފެނުނު މީހުންނާ އިންޓަވިއުކޮށްފަ އެވެ. އެ މީހުންގެ ވާހަކަތަކުގެ ތެރެއިން އެންމެ ސިހުން ގެނުވަނީ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ޒަމީރު އިސްމާއިލް ދެއްކި ވާހަކައަކުންނެވެ. އެއީ އެމްއެޗް370އާ ގުޅުވައިގެން ރަށުގެ ރައްޔިތުން ދައްކާ ވާހަކަތައް ބޭރުގެ މީޑީއާތަކަށް ހިއްސާ ނުކުރުމަށް ސަލާމަތީ ބާރުތަކުން އެދުނު ވާހަކަ އެވެ.
ބޭރު މީޑިއާތަކަށް ސިއްރުކޮށްފައިވާ ވާހަކަތަކާއި ރަށުގެ ރައްޔިތުންނަށް ފެނުނު މަންޒަރުގެ ތަފްސީލު މި ރިޕޯޓުގައި ހިމެނޭނެ އެވެ.
ހަމަ ޔަގީނުން ވެސް ތިޔަކަހަލަ ފްލައިޓެއް
ކުޑަހުވަދޫ މަތިން ބޯޓެއް ފެނުނު އެކަކީ އެ ރަށު އަބްދުއްރަޝީދެވެ. އަބުދުއްރަޝީދު އާއްމުކޮށް ކޮންމެ ދުވަހަކު ވެސް ހެނދުނާއި ހަވީރު މަސްބާނަން އެރަށު ގޮނޑުދޮށަށް ނުކުންނަ މީހެކެވެ.
އަބުދުއްރަޝީދު އެ ދުވަހު މަސްބާނަން ހުރި ސަރަހައްދަށް ސަންގެ ޓީމު ގޮވައިގެން ގޮސް ބުނީ އާއްމުކޮށް ފްލައިޓް ދަތުރުކުރާ ވަރަށް ވުރެ ތިރިން އެ ދުވަހު ހުދުކުލައިގެ ބޮޑު ބޯޓެއް ފެނުނު ކަމަށެވެ. އަދި ފުލައިޓްގެ އަޑު ވަރަށް ބާރަށް އިވުނު ކަމަށް ވެސް އޭނާ ބުންޏެވެ.
"އެކޮޅުން ފެނިއްޖެ ހަމަ އާދަޔާ ޚިލާފަށް ތިރިން އަންނަ ބޯޓެއް. އަޅުގަނޑު ހަމަ ވަރަށް ރީތިކޮށް ބަލަން ހުރީ،" އަބުދުއްރަޝީދު ބުންޏެވެ.
އެ ދުވަހު ފެނުނު ފްލައިޓް ސިފަކޮށްދެމުން އަބްދުއްރަޝީދު ބުނީ އެއީ ހުދު ފްލައިޓެއް ކަމަށާއި އަދި ފްލައިޓްގެ ކުޑަދޮރުތައް ކައިރީ ރަތް ފަށެއް ހުރި ކަމަށެވެ.
ހުދުކުލައިގެ ބޮޑު ބޯޓެއް
އެ ފުލައިޓް ފެނުނު ކުޑަހުވަދޫ ނަސްރިއްޔާ އަބްދުﷲ ވެސް ސަން އަށް އެ ވާހަކަ ކިޔައިދިނެވެ. އޭނާއަކީ ބޭސްފަރުވާ އަށް ބޭރަށް ދަތުރުކުރާ މީހަކަށްވުމުން ފްލައިޓުތަކަށް އޭނާ ވަރަށް ފަރިތަ އެވެ.
"ގުދުވެގެން އޮތްވާ މަތިން ބާރަށް އަޑުފަށްގަނޑެއް އިވިގެން ބަލާލީ، ތެދުވެ ސީދާ ހިންދެމިލާ ބަލާލި އިރު އަޅުގަނޑުގެ ބޮލާ ދިމާލުން މަތިން ފެންނަން އޮތް ހަމަ ހުދުކުލައިގެ ބޮޑު ބޯޓެއް،" ނަސްރިއްޔާ ބުންޏެވެ.
އެ ދުވަހު ކަންތައްތައް ވަރަށް ތަފާތު
ކުޑަހުވަދޫ ސްކޫލުގައި ތައުލީމު ހާސިލް ކުރަމުންދާ ހުމާމަށް ވެސް އެ ދުވަހު ކުޑަހުވަދޫ މަތިން ބޯޓެއް ފެނުނެވެ. ހުމާމު ބުނީ ފްލައިޓެއް ފެނުނީ ހެނދުނު ތެދުވެ ރޯނުގައި އެއްޗެއް ހިއްކަން އަޅަނީކޮށް ކަމަށެވެ. އަދި ވަރަށް ބާރު އަޑެއް އިވުނު ކަމަށާއި އޭރު އަދި ފްލައިޓެއް ނުފެންނަ ކަމަށެވެ. އެހެންވެ ބޭރަށް ނުކުމެ ބަލާލުމުން ބޯޓެއް ވަރަށް ސާފުކޮށް ފެނުނު ކަމަށެވެ.
"އަޅުގަނޑުމެން ދެކެން މިތަނުން ވަރަށް ބައިވަރު ބޯޓް ޓްރެވަލް ކުރާތަން އެކަމަކު އެ ދުވަހު އެ ފެނުނު ކަންތައްތައް ވަރަށް ތަފާތު،" ހުމާމު ބުންޏެވެ. އެ ތަފާތުތަކުގެ ތެރޭގައި ބޯޓް އާދަޔާ ޚިލާފަށް ތިރިން ދިއުމާއި ބޯޓްގެ އަޑު ވަރަށް ބާރު ކަމަށް ހުމާމު ބުންޏެވެ.
އެއީ ކުޑަ ފުލައިޓެއް ނޫން އަދި އެއާ ޓެކްސީ އެއް ވެސް ނޫން
ކުޑަހުވަދޫ އަހުމަދު އިބްރާހިމަށް ވެސް ހަމަ އެ ދުވަހު ކުޑަހުވަދޫ މަތިން ފްލައިޓެއް ފެނުނެވެ. އަހުމަދު އިބްރާހިމް ބުނީ އެ ބޯޓް ވަރަށް ބޮޑުކޮށް ފެނުނު ކަމަށެވެ.
"މާ ބާރަށް އަޑެއް އިވިގެން ބޭރަށް ނުކުތީ. ދެން މި ފަރާތުން ކުޑަކުޑަ ކުއްޖެއް ބޯޓް ފެނިފަ ވަަރަށް މަޖާވެގެން އުޅޭ،" އޭނާ ބުންޏެވެ. އަދި ބޯޓް އެ ކުއްޖާ އަށް ދައްކާލުމަށް ބޭރަށް ނުކުތް ކަމަށެވެ. އެ ބޯޓަކީ އެއާ ޓެކްސީ ނުވަތަ ކުޑަ ފްލައިޓެއް ނޫން ކަމަށާއި އެއީ ބޮޑު ބޯޓެއް ކަމަށް ވެސް އޭނާ ބުންޏެވެ.
ޒުހުރިއްޔާ އަލީއަށް ވެސް ބޭރަށް ނުކުމެ އުޅިކޮށް އަޑެއް އިވިގެން މަތި ބަލާލި އިރު އެ ރަށު އެހެން މީހުން ސިފަ ކުރާ ފަދަ ބޯޓެއް ޒުހުރިއްޔާ އަށް ވެސް ފެނުނު ކަމަށް އޭނާ ބުންޏެވެ.
"އަޑެއް އިވިގެން މަތި ބަލާލި އިރު އޭތި ފެނުނީ. އެހެންދޭ ބައިވަރު އެއްޗެހިދޯ. އެކަމަކު އޭތި ވަރަށް ގަވައިދާ ޚިލާފު ގޮތަކަށް އޮތީ. އަދި އެހެން މީހަކު ވެސް ފެނޭތޯ މަގުމައްޗަށް ވެސް ނުކުތިން އެކަމަކު މީހަކާ ދިމަލެއް ނުވި،" ޒުހުރިއްޔާ ބުންޏެވެ. މެލޭޝިއަން އެއާލައިންގެ ބޯޓެއް ގެއްލިގެން އުޅޭ ޚަބަރުތައް ފެތުރެން ފެށުމުން ޒުހުރިއްޔާ އަށް ފެނުނު ބޯޓަކީ ހަމަ އެ ބޯޓަށް ވެދާނެ ބާއޭ އަބަދުވެސް ހިތަށް އަރާ ކަމަށް ބުންޏެވެ.
ކުޑަހުވަދޫ މީހުންނަކީ ފޭކް ވާހަކަ ދައްކާ ބައެއް ނޫން
ކުޑަހުވަދޫ ކައުންސިލްގެ ރައީސް މުހައްމަދު ޒަމީރު އިސްމާއިލް ވިދާޅުވީ ކުޑަހުވަދޫ މީހުންނަކީ ފޭކް ވާހަކަ ދައްކާ ބައެއް ނޫން ކަަމަށެވެ. އަދި ވިދާޅުވީ އެ ދުވަހު ހެނދުނު ކުޑަހުވަދޫ މަތިން ފްލައިޓެއް އުދުހުނުކަން އެއީ ޔަގީންވާ ކަަމެއް ކަމަށެވެ.
"މިއަދު ކުޑަހުވަދޫގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން ދަންނަވާލަން ބޭނުން ވަނީ ކުޑަހުވަދޫ މީހުންނަކީ ހަގީގަތުގައި ފޭކް ވާހަކަ ދައްކާ ބައެއް ނޫން،" ޒަމީރު ވިދާޅުވި އެވެ.
އެ ފެނުނު ފްލައިޓާ ގުޅޭ މައުލޫމާތު ބޭރުގެ މީޑިއާތަކާ ހިއްސާނުކުރުމަށް އެމްއެންޑީއެފާއި ފުލުހުން އެދިފައިވާ ކަމަށް ޒަމީރު ވިދާޅުވި އެވެ.
"ސަބަބަކަށް ވަނީ އެއީ ހަގީގަތުގައި ގައުމީ މަސްލަހަތު ވެސް ހިމެނޭ ކަމަކަށްވާތީ،" ކަމަށް ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ބޭރުގެ މީޑިއާތަކަށް އިންޓަވިއު ދެއްވައިފި ނަމަ ބޮޑެތި އަދަދުން ފައިސާ ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންނަމަވެސް 'ގައުމު އެއަށް ވުރެ ބޮޑު' ކަމަށް ޒަމީރު ދެކެވަޑައިގަންނަވަ އެވެ.
އެކި ފަރާތްތަކުން ފްލައިޓާ ބެހޭ މައުލުމާތު ހޯދުމަށް ގުޅަމުން ދިޔައިރު މެލޭޝިއާ އިން އެއްވެސް ވަރަކަށް އެކަމުގެ މައުލޫމާތު ސާފުކުރަން ގުޅާފައި ނުވާ ކަމަށް ޒަމީރު ވިދާޅުވި އެވެ. ނަމަވެސް ޗައިނާ އިން ވަރަށް ގިނަ ކޯލްތައް އައި ކަމަށް ޒަމީރު ވިދާޅުވި އެވެ.
ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ކޮމާންޑަރު އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ނަސީރު ވިދާޅުވީ ކުޑަހުވަދޫ މަތިން ބޯޓެއް ފެނުނު ފަރާތްތަކުގެ ބަޔާން ނަގާފައިވާ ކަަމަށެވެ. އަދި އެ ބަޔާންތައް ނެގީ ސީރިއަސް އެންޑް އޯގަނައިޒްޑް ކަރައިމް ޑިޕާޓްމެންޓުން އެ ރަށަށް ގޮސް ކަމަށް ނަސީރު ވިދާޅުވި އެވެ. އެހެންނަމަވެސް އެ ރިޕޯޓްތަކުގެ ތަފްސީލް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
"އެ މައްސަލައިގެ ބަޔާންތައް ނަގާ އެ މައްސަލަ ތަހުގީގުކޮށްފައި އޭރު ވަނީ،" ނަސީރު ވިދާޅުވި އެވެ.
ސުވާލަކީ އެމްއެޗް 370 ފްލައިޓަށް ކުޑަހުވަދޫ އާއި ހިސާބަށް އާދެވިދާނެތޯ ކުރާ ސުވާލެވެ. އެ ސުވާލުގެ ޖަވާބުގައި ނަން ހާމަކުރަން ބޭނުންނުވާ ދިވެހި ޕައިލެޓަކު ވިދާޅުވީ އެކަމަކީ ވުން އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެ ބޯޓްގައި އެ ވަރަށް ތެޔޮ ހުންނާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވެސް އެ ޕައިލެޓް ވިދާޅުވި އެވެ.
'ސަން' އިން ވާހަކަ ދެއްކި އިތުރު ޕައިލެޓަކު ވެސް ވިދާޅުވީ ކުޑަހުވަދޫ މީހުން ދައްކާ ވާހަކަ ގަބޫލުކުރެވޭ ކަމަށެވެ. އެ މީހުންނަށް ފެނުނީ ކޮން ފްލައިޓެއް ކަން ނޭނގުނު ނަމަވެސް އެ މީހުންނަށް އެ ދުވަހު ފެނުނީ ބޮޑު ފްލައިޓެއް ކަމަށް އެ ޕައިލެޓް ވެސް ގަބޫލުކުރައްވަ އެވެ. އަދި އެމްއެޗްގެ ފްލައިޓް ރާއްޖޭން ސަރަހައްދުން ދަތުރުކޮށްފައިވީ ނަމަވެސް ރާޑަރަށް ނޭރުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ޕައިލެޓް ވިދާޅުވި އެވެ.
މިދިޔަ އަހަރު މާޗް މަހުގެ އަށްވަނަ ދުވަހު މެލޭޝިއާގެ ކުއާލާލަމްޕޫރުން ބެއިޖިން އަށް ދަނިކޮށް ގެއްލުނު އެމްއެޗް 370 ފްލައިޓް ހޯދުމަށް މިހާތަނަށް ވަނީ 21 ހާސް އަކަމޭލަށް ވުރެ ބޮޑު ސަރަހައްދެއް ބަލައިފަ އެވެ. ބޯޓް ގެއްލުނު އިރު ބޯޓްގައި 239 ޕަސެންޖަރުން ތިއްބެވެ. އެ ފަސިންޖަރުންގެ އާއިލާތަކުގެ މީހުން ތިބީ އިންތިޒާރެއްގަ އެވެ. ބޯޓު ފެންނާނީ ކޮން އިރަކުންތޯ އެވެ. އެ އިންތިޒާރަށް ބާރު ލިބޭ އެއް ތިޔަރީއަކީ ކުޑަހުވަދޫ ތިޔަރީ އަށް ވަނީވެފަ އެވެ. އެމީހުންގެ ވާހަކަތަކަށް ސީރިއަސްކަމެއްދީ ބޯޓު ހޯދުމުގެ މަސައްކަތް ކުރަން ފަށާކަށް ނުވޭތޯ އެވެ؟