ޔޫކްރޭންގެ ޑިނީޕްރޯ 3-2 ގެ ނަތީޖާއަކުން ބަލިކޮށް ސްޕެއިންގެ ސެވިއްޔާ ޔޫރޮޕާ ލީގްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ޕޮލެންޑްގެ ވެރިރަށް ވާސޯ ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މެޗްގެ ފުރަތަމަ ލީޑް ނެގީ ޑިނީޕްރޯއިން ނެވެ. ފުރަތަމަ ހާފު ފެށިގެން 7 ވަނަ މިނެޓްގައި ޑިނީޕްރޯގެ ލަނޑު ކަމިޔާބު ކުރީ ކޮރޭޝިއާގެ ފޯވަޑް ނިކޮލާ ކަލީނިޗްއެވެ.
ސެވިއްޔާއަށް ނަތީޖާ ހަމަ ކޮށްދިނީ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓްގައި ޕޮލެންޑްގެ ގައުމީ ޓީމްގެ މިޑްފީލްޑާ ގިރިގޯޒް ކުރިކޯވިއާކްއެވެ.
އޭގެ ތިން މިނެޓްގެ ފަހުން ކޮލަމްބިއާގެ ސްޓްރައިކަރު ކޯލޯސް ބާކާ ވަނީ ސެވިއްޔާއަށް ލީޑް ނަގައިދީފައެވެ.
ފުރަތަމަ ހާފު ނިމެން ދަނިކޮށް ޔޫކުރޭންގެ ގައުމީ ޓީމްގެ މިޑްފީލްޑަރު ރުސުލަން ރޯޓާން ވަނީ ޑިނީޕްރޯއަށް ނަތީޖަ ހަމަހަމަ ކޮށްދީފައެވެ.
ސެވިއްޔާ މެޗުން މޮޅުވި ލަނޑު ބާކާ ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގެ 23 ވަނަ މިނެޓްގައެވެ.
ރޭގެ މެޗްގައި ޑިނީޕްރޯގެ ފޯވަޑް ބްރަޒިލްގެ މެތިއުސް ލައިޓޭ ނަސިމެންޓޯއާއި ސެވިއްޔާ މިޑްފީލްޑަރު ފްރާންސްގެ ބެނާޓް ޓްރެމޯލިނަސް ބޯޅޯއެއް ބޮލުން ފޮނުވާލަން އެރި ވަގުތު ބެނާޓްގެ ބޯ މެތިއުސްގެ ބޮލުގައި ޖެހުމުން އޭނާ ވަނީ ދަނޑުމައްޗަށް ވެއްޓިފައެވެ. އަދި އަށިގަނޑުގައި ދަނޑުން ބާލައިގެން ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ.
ޑިނީޕްރޯގެ ތިން ބަދަލުވެސް ހަމަވެފައިވުމުން މެތިއުސް ދަނޑުން ބާލައިގެން ގެންދެވުމުން އެޓީމުން މެޗްގެ ބާކީ 10 މިނެޓް ކުޅުނީ އެއްކުޅުންތެރިޔަކު މަދުކަމަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޑިްނީޕްރޯގެ ކޯޗް މޮރިޔޮން މާކިއުވިޗް ބުނީ މެތިއުސްގެ ހާލު އެހާ ސީރިއަސް ނޫންކަމަށެވެ.
މީސެވިއްޔާއިން ޔޫރޮޕާ ލީގް ކާމިޔާބު ކުރި މިއީ ހަތަރު ވަނަ ފަހަރެވެ. އެޓީމުން ވަނީ މީގެ ކުރިން 2006 އަދި 2007 އަދި މިދިޔަ އހަރު މިމުބާރާތް ކާމިޔާބުކޮށްފައެވެ.
މިއަހަރުގެ މުބާރާތް ކާމިޔާބު ކުރުމުން އެޓީމް ވެފައިވަނީ އެންމެ ގިނަ ފަހަރަށް ޔޫރޮޕާ ލީގް ކާމިޔަބު ކުރި ޓީމަށް ވެފައެވެ.
މިއަހަރުގެ ޔޫރޮޕާ ލީގް ކާމިޔާބު ކުރުމުން ސެވިއްޔާ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގްގެ ގުރޫޕް ސްޓޭޖަށް ކޮލިފައިވެފައެވެ.