ބޮޑު މޮޅަކާ އެކު ލިވަޕޫލް ޔޫރޮޕާ ލީގުގެ ކުއާޓާއަށް

ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅު ކުރަނީ -- ފޮޓޯ/ ޔޫރޯސްޕޯޓް

ޔުއޭފާ ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުން ފަސޭހަކަމާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލުން ޖާގަ ހޯދައިފިއެވެ.

ކުއާޓާ ފައިނަލުން ލިވަޕޫލް ޖާގަ ހޯދާފައިވަނީ ރައުންޑް އޮފް ސިކްސްޓީންގައި ޗެކް ފަސްޓް ލީގުގެ ސްޕާޓާ ޕްރާގާ ބައްދަލުކޮށް 11-2ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ދެ ޓީމުގެ މެދުގައި ކުޅުނު ފުރަތަމަ ލެގު ސްޕާޓާގެ ދަނޑުގައި ކުޅެ، 5-1 އިން ލިވަޕޫލް ކާމިޔަބު ކުރިއިރު ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގު އެ ޓީމުން ކާމިޔާބު ކޮށްފައިވަނީ 6-1 އިންނެވެ.

ލިވަޕޫލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ރޭގެ މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ހަތަރު ލަނޑު ޖަހާފައިވަނީ ހަތް މިނެޓުގެ ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައެވެ. މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ޖަހައި އެ ޓީމަށް ލީޑު ނަގައިދިނީ މެޗުގެ ހަތްވަނަ މިނެޓުގައި ޑާވިން ނޫނޭޒްއެވެ. އޭގެ މިނެޓެއް ފަހުން ލިވަޕޫލްގެ ދެވަނަ ލަނޑު އެ ޓީމަށް ޖަހައިދިނީ ޒުވާން ކުޅުންތެރިޔާ ބޮބީ ކްލާކެވެ. ލިވަޕޫލްގެ ތިންވަނަ ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި މުހައްމަދު ސަލާހް ޖަހައިދިންއިރު ހަތަރުވަނަ ލަނޑު މެޗުގެ 14 ވަނަ މިނެޓުގައި ޖަހައިދިނީ ކޯޑީ ގަކްޕޯއެވެ.

މެޗުގެ ކުރީކޮޅު ސްޕާޓާ ފެނިގެންދިޔައީ ލިވަޕޫލްގެ ހަމަލާތައް ހުއްޓުވުމުގައި އެއްވެސް ގޮތެއް ނެތިގެން އުޅުނު ޓީމެއްގެ ގޮތުގައެވެ. ނަމަވެސް ލިވަޕޫލްގެ ހަތަރުވަނަ ލަނޑާ އެކު ސްޕާޓާއިން ކޮންމެ ވެސް ވަރަކަށް މެޗުގެ ތެރެއަށް ވަދެވި ކުޅެގަންތައް ފެނިގެންދިޔައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 42 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔަބުކޮށްދިނީ ވެލްކޯ ބާމަންސެވިޗެވެ.

މެޗުގައި ލިވަޕޫލްގެ ފަސްވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެވަނަ މިނެޓުގައި ޖަހައިދިނީ ޑޮމިނިކް ޒަބޯސްޒްލާއިއެވެ. އަދި، ފަހު ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ޖަހައިދިނީ ހަތަރުވަނަ ލަނޑު ވެސް ޖަހައިދިން ގަކްޕޯއެވެ.

މި ކާމިޔާބީއާ އެކު މުބާރާތުގެ ކުއާޓާ ފައިނަލުން ލިވަޕޫލަށް ޖާގަ ލިބިގެން ގޮސްފައިވާއިރު މި ކުރިމަތިލުމުގައި ހޯދުނު އެގްރިގޭޓް ނަތީޖާއަކީ ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި އެ ޓީމުން ޔޫރަޕްގެ މުބާރާތެއްގައި ހޯދުނު އެންމެ ބޮޑު އެގްރިގޭޓް ނަތީޖާއެވެ. ލިވަޕޫލުން 1980-81 ވަނަ އަހަރުގެ ސީޒަންގެ ޔޫރަޕިއަން ކަޕްގެ ފުރަތަމަ ބުރުގައިވަނީ ފިންލަންޑްގެ އޮއުލުން ޕަލޮސެއުރާ ހަމަ މި އެގްރިގޭޓް ނަތީޖާއިން ބަލިކޮށްފައެވެ.

comment ކޮމެންޓް