ރާއްޖެ ދެކޭ ގޮތް ސީދާކޮށް ހާމަކުރުމަކީ ޑިމޮކްރަސީ ހަރުދަނާވަމުން އަންނަކަމުގެ ހެއްކެއް: ދުންޔާ

ފޮރިން މިނިސްޓަރު ދުންޔާ-- ސަން ފައިލް ފޮޓޯ

ބައިނަލްއަގުވާމީ މަސްރަހުގައި އެކި ކަންކަމުގައި ރާއްޖޭން ދެކޭގޮތް ސާފު ސީދާކޮށް ހާމަކުރުމަކީ ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

ރޭ ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށް ދިއަ ޔޫއެންގެ ހިއުމަން ރައިޓްސް ކައުންސިލްގެ 22 ވަނަ ސެޝަނާ ބެހޭ ގޮތުން މިއަދު 'ސަން' އަށް މައުލޫމާތު ދެއްވަމުން ދުންޔާ ވިދާޅުވީ، މި ބައްދަލުވުމުގައި ރާއްޖޭން ދެކޭ ގޮތް ވަަރަށް ސާފުކޮށް ވިދާޅުވެދެއްވާފައިވާ ކަމަށެވެ.

"ވަރަށް ސީދާކޮށް އަޅުގަނޑުމެން ބުނީމު ދުނިޔޭގެ ބޮޑެތި ގައުމުތައް ކުރިމަތީގައި، އެމީހުން ޚިޔާލު ތަފާތުވި ކަމުގައި ވީނަމަވެސް, އަޅުގަނޑުމެންގެ ކަންތައްތައް ގެންދާނީ އަޅުގަނޑުމެން ގެންދަން ބޭނުންވާ ގޮތަށް ކަމަށް،" ދުންޔާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ، ރާއްޖެއަށް ޑިމޮކްރަސީ ގެނެވޭނީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ގޮތަށް ކަަމަށާއި އެހެން ގައުމުތަކުން އެއަށް ނުފޫޒް ނުފޯރުވޭނެ ކަމަށެވެ.

ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ދުންޔާ ވަނީ ދީނީ މިނިވަންކަމާއި އެއްޖިންސުން ގުޅުން ހިންގުމާއި ބެހޭ ގޮތުން ސަރުކާރުގެ ނިންމުން ބަދަލުނުވާނެ ކަަމަށް ވިދާޅުވެފައެވެ.

އިސްލާމްދީނަކީ ދިވެހި ގައުމިއްޔަތުގެ އެއް އަސާސް ކަމަށާއި "އެކަން އެހެންގޮތަކަށް ބަދަލު ނުކުރާނެ ކަމުގެ ޔަގީންކަން" ދެއްވާ ކަމަށް ދުންޔާ ވަނީ އެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ރާއްޖެއަށް ފާޑުކިއާފައި ވަނީ މަދު ގައުމަކުން ނެވެ. އެހެންނަމަވެސް ފާޑުކީ ގައުމުތަކަކީ ބޮޑެތި ގައުމުތަކެވެ. އޭގެ ތެރޭގައި އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނު، ފްރާންސް، އިޓަލީ އަދި ޑެންމާކު ހިމެނެއެވެ.

އަދި ރާއްޖެއަށް ތައުރީފުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ސައުދީއަރަބިއާ އާއި ޗައިނާ ހިމެނެއެވެ.

"އަޅުގަނޑުމެންނަށް އެހީވުމަށް ސީރިއަސްކޮށް ތިބި ބައެއްކަަމަށް ވަންޏާ، ހަމައެކަނި ފާޑުނުކިޔައި (ނުވަތަ) ފާޑު އަދި ކީކަމުގައި ވިޔަސް، އެކުގައި މަސައްކަތް ކުރަން އަންނާށޭ، ދެން މިކަމަށް ގައުމުތަކުގެ އެއްބާރުލުން ލިބޭނެ ކަަމަށް ހީކުރަން،" ދުންޔާ ވިދާޅުވި އެވެ.

comment ކޮމެންޓް