ވާޗުއަލް ކޯސްތަކާއެކު މަންދު ކޮލެޖުން އަންނަ މޭ މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މަންދު ކޮލެޖުގެ ޑެޕިއުޓީ ވައިސް ޗެއާ އެކެޑެމިކް ހަފީޒާ އަބްދުލް އަފީފު ވިދާޅުވީ، އެ ކޮލެޖުގައި ހިންގާ ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު ކޯސްތަކުގައި ބައިވެރި ވުމުގެ ސުން ގަޑިއަކީ އަންނަ މަހުގެ 21 ވަނަ ދުވަސް ކަމަށެވެ.
ކެމްޕަސްގައި ހެދޭ ހުރިހާ ކޯހެއް މިފަހަރު ވާޗުއަލްކޮށްވެސް ހެދޭގޮތަށް ހަމަޖައްސާފައިވާއިރު ކޯސްތަކުގައި ބައިވެރިވާ ކޮންމެ ދަރިވަރަކަށް ހިލޭ އިންޓަނެޓް ފޯރު ކޮށްދެވޭނެ ކަމަަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވާޗުއަލް ކޯސް ހަދާ ދަރިވަރުންނަށް ޕޯޓަލްއަށް ވަނުމަށް ހާއްސަ ޑޮންގްލް އެއް ދެވޭނެ ކަމަށާއި ހުރިހާ ދަރިވަރުންނަށްވެސް ހިލޭ އިންޓަނެޓް ބޭނުން ކުރުމަށް އިންޓަނެޓް މޮޑެމް ޑޮންގްލް ތަކެއްވެސް ދެވޭނެ ކަމަށް ހަފީޒާ ވިދާޅުވިއެވެ.
މިފަހަރުގެ އިންޓޭކްގައި ކޯސްތައް ހެދުމަށް ހުޅުވާލި ފުރުސަތުތަކަކީ ޑިގްރީ އާއި އެސޯސިއޭޓް ޑިގްރީ އާއި ޑިޕްލޮމާ އާއި އެޑްވާންސް ސެޓްފިކެޓް އަދި ފައުންޑޭޝަން ފެންވަރުގެ ކޯސްތައް ކަމަށް މަންދު ކޮލެޖުން ވަނީ ބުނެފައެވެ.
އެ ކޮލެޖުގައި ލެކްޗާތައް ދޭން ތިބި ލެކްޗަރާއިން ދަނީ އިންޑިއާ އާއި ލަންކާގައި ތިބެ ކްލާސްތައް ނަގައިދެމުން ކަމަށް ހަފީޒާ ވިދާޅުވިއެވެ.
މަންދު ކޮލެޖުގައި ހިންގާ ހުރިހާ ކޯސްތަކަކީ ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އެކްރެޑިޓް ކޮށްފައިވާ ކޯސްތަކެވެ.
މީގެ އިތުރުން އެ ކޮލެޖުން ހިންގާ ސެޓްފިކޭޓް ތިނެއްގެ ކޯސްތަަކަށް އެއްވެސް ފީއެއް ނުނަގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު އޭގައި ބައިވެރި ވުމުގެ ސުން ގަޑިއަކީ މާދަމާ ކަމަށް ހަފީޒާ ވިދާޅުވިއެވެ. އެ ކޯސްތަކުގައި ބައިވެރި ވުމަށް 300 ދަރިވަރަކަށް ފުރުސަތު ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.