ދަގަނޑޭ ކުޅުމުގެ ފުރުސަތު ބޮޑު، ޓީމަށް ސަޕޯޓަރުން ވަރަށް މުހިއްމު: ބައްސާމް

އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލް ބައްސާމް --- ސަން ފައިލް ފޮޓޯ

ސިޔާސީ ހިޔާލުތަފާތުވުންތައް އެއްކިބާކޮށް، ރާއްޖޭގެ ސަޕޯޓަރުންގެ ގައުމީ ޓީމަށް ފުރިހަމަ ސަޕޯޓުކުރުމަށް އެދޭ ކަމަށާއި މި މެޗުގައި ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅުމުގެ ފުރުސަތު ބޮޑުކަމަށް އެފްއޭއެމުން ބުނެފިއެވެ.

މިރޭ ރާއްޖެއާއި ތަޖިކިސްތާން ބައްދަލުކުރާ އެކުވެރިކަމުގެ މެޗާ ބެހޭގޮތުން އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ސެކްރެޓެރީ ޖެނެރަލް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ، މި މެޗަކީ ގައުމީ ޓީމަށް ވަރަށް މުހިންމު މެޗެއް ކަމަށެވެ. އެހެން ކަމުން ސަޕޯޓަރުން ސިޔާސީ ދެބަސްވުންތައް އެއްކިބާކޮށް، ޓީމަށް ސަޕޯޓު ކޮށްދެއްވުމަށް ދަނޑަށް ވަޑައިންނެވުމަށް ބައްސާމު އެދިލެއްވި އެވެ.

"މިހާރު މުޖުތަމައުގައި އޮތް ސިޔާސީ ހިޔާލު ތަފާތުވުންތައް އެއްފަރާތްކޮށް، ގައުމީ ޓީމުގެ ޖާޒީގައި ގައުމީ ޓީމަށް ސަޕޯޓުކުރުމަށް އަޅުގަނޑު ހުރިހާ ދިވެހިންގެ ފަރާތުންވެސް އެދެން. މި މެޗަކީ ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަނަށް ރާއްޖެއަށް ވަރަށް މުހިންމު މެޗެއް. އެހެންކަމުން ދަނޑުގައި 12 ވަނަ ކުޅުންތެރިޔާގެ އަޑު އުފުލުމަށް ދަނޑަށް ވަޑއިންދެއްވުން އެދެން،" ބައްސާމް ވިދާޅުވެފައި ވެއެވެ.

ބައްސާމް އެހެން ވިދާޅުވެފައި ވާއިރު، އެފްއޭއެމްގެ ރަސްމީ ފޭސްބުކް ޕޭޖުގައި އެ އެސޯސިއޭޝަނުން ވަނީ އެންމެ ފަހުގެ ސްކޭންތައް ދައްކާގޮތުން، ދަގަނޑޭ ފުރިހަމައަށް އިންޖަރީން ރިކަވަރ ވެފައި ވާކަމަށް ބުނެފައެވެ.

އެފްއޭއެމުން އޭނާގެ ސްކޭންގެ ރިޕޯޓް އާންމު ކޮށްފައި ވާއިރު، އެ ރިޕޯޓުގައި ވަނީ ދަގަނޑޭއަށް ލިބުނު އިންޖަރީގައި ފަލަމަސްގަނޑަށް އެއްވެސް ވަރަކަށް ގެއްލުންވެފައި ނުވާކަމަށެވެ. އަދި ކޮންމެވެސް ވަރެއްގެ ތަދެއް އިހުސާސްވުން އެކަށީގެން ވިޔަސް، އެއްވެސް އެހެން މައްސަލައެއް ނެތް ކަމަށް އެ ސްކޭން ރިޕޯޓުގައި ވަނީ ބުނެފައެވެ.

ދަގަނޑޭ ރިކަވަރ ވިކަން އެފްއޭއެމުން ހާމަކުރި ނަމަވެސް، އޭނާ މެޗުގައި ކުޅޭނެތޯ ނިންމާނީ އޭނާ އަމިއްލައަށް ކަމަށް ޓީމުގެ ހެޑް ކޯޗް ވެލިޒާ ޕޮޕޯފް ވަނީ ބުނެފައެވެ. އަދި ދަގަނޑޭ ނުކުޅެން ނިންމައިފި ނަމަ، އޭނާގެ ބަދަލުގައި ޓީމް ލީޑު ކުރާނީ ތަޖުރިބާކާރު މިޑްފީލްޑަރު އަދި ޓީމްގެ ފުރަތަމަ ވައިސް ކެޕްޓަން މުހައްމަދު އާރިފް (ބަކާ) ކަމަށްވެސް ކޯޗް ޕޮޕޯފް ވަނީ ބުނެފައެވެ.

ތަޖަކިސްތާނާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗު ފަށަން ހަމަޖެހިފައި ވަނީ މިރޭ 21:00 ގައި ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.

comment ކޮމެންޓް