ޖީއެމްއާރުން މިހާރު އެދޭވަރުގެ ބަދަލެއް ދެވޭކަށް ނެތް: ރައީސް

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް އިންޑިއާގެ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި ޖީއެމްއާރުން އެދެނީ ވަރަށް ބޮޑު އަދަދެއް ކަމަށާއި އެ ވަރުގެ ބަދަލެއް ދެވެން ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޖަޕާނަށް ކުރައްވާ ރަސްމީދަތުރުފުޅުގައި މިއަދު ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ ޖީއެމްއާރާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުން އުވާލުމާ އެކު ޖީއެމްއާރަށް ދޭން ޖެހޭ ބަދަލުގެ ގޮތުގައި ހުށަހަޅާފައިވާ އަދަދަކީ ދޭން ޖެހޭނެ ވަރުކަމަށް ސަރުކާރުން ނުދެކޭ ކަމަށެވެ. ނަމަވެސް ޖީއެމްއާރުން ބޭނުން ވަނީ ބަދަލުގެ ގޮތުގައި ކިހާވަރެއް ކަމަށް ވިދާޅެއްނުވެ އެވެ.

"ޖީއެމްއާރުގެ ވިސްނުމުގައި ވަރަށް ބޮޑު ބަދަލަކަށް މި އަހަނީ. އެވަރުގެ ބަދަލެއް ދެވިދާނެ ކަމަކަށް ވެސް އަދި ކޮންމެހެން ދޭންވާނެ ކަމަކަށް ވެސް އަޅުގަނޑުމެން ސަރުކާރަކަށް ގަބޫލެއް ނުކުރެވޭ. އެހެންވީމާ އަޅުގަނޑުމެން މި އުޅެނީ އަދަދު ދިމާނުވާތީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ޖީއެމްއާރުން ބޭނުންވާރަށް ސަރުކާރު ފައިސާ ބަދަލުގެ ގޮތުގައި ދައްކަން ބޭނުންނުވާތީ އެ ކުންފުނިން ވެސް މިހާރު ބޮޑަށް ބޭނުން ވަނީ އާބިޓްރޭޝަނުން ގޮތެއް ނިންމުން ކަމަށެވެ. އަދި އާބިޓްރޭޝަން މައްސަލަ ނިންމުމުން އިތުރަށް މަޝްވަރާ ކުރަން ޖެހޭ ނަމަ ކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމިން މީގެ ކުރިން ވިދާޅުވެފައި ވަނީ ޖީއެމްއާރާ އެކު ދިވެހި ސަރުކާރުން ވެފައިވާ އެއްބަސްވުން ސަރުކާރުން އުވާލުމާ ގުޅިގެން ދޭން ޖެހޭނެ ބަދަލަކީ ހަމަ އެކަނި ފައިސާގެ ބަދަލު ކަމަށް ދެކިވަޑައިގަންވާ ކަމަށެވެ. އަދި ޖީއެމްއާރުން އެދޭނީ ސަރުކާރަށް ދެއްކޭވަރުގެ އަދަދެއްގެ ފައިސާގެ އަދަދަކަށް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އެމަނިކުފާނު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

ޖީއެމްއާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުން އުވާލުމުން ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު (21.5 ބިލިއަން ރުފިޔާ) ހޯދަން އެ ކުންފުނިން ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަން ސެންޓަރަށް ހުށަހަޅާފަ އެވެ.

comment ކޮމެންޓް