އަންނަ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު ނެޓްފްލިކްސް މެދުވެރިކޮށް އިންޑިއާގައި ޕާކިސްތާނުގެ ސީރީޒެއް ކަމަށްވާ "ޖޯ ބަޗޭ ހޭން ސަންގް ސަމޭޓް ލޯ" ރިލީޒްކޮށްފި ނަމަ، އިންޑިއާގައި ކުރިއަށްދާ ނެޓްފްލިކްސްގެ ޕްރޮޖެކްޓްތަކުގެ މަސައްކަތްތައް ހުއްޓުވާނެ ކަމުގެ އިންޒާރު ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނޭ އެމްޕްލޯއީސް (އެފްޑަބްލިއުއައިސީއީ)އިން ދީފިއެވެ.
މުޅިއެކު 32 އެސޯސިއޭޝަނެއްގެ ދަށުން ފަސް ލައްކައަށްވުރެ ގިނަ ސިނަމާ މަސައްކަތްތެރިން ތަމްސީލުކުރާ މި ޖަމިއްޔާއިން ބުނެފައިވަނީ، އިންޑިއާގެ ބެލުންތެރިންނަށް މި ސީރީޒް ދައްކަން ފަށައިފި ނަމަ، ޑިސެމްބަރު ފަސް ވަނަ ދުވަހުން ފެށިގެން އެ ޖަމިއްޔާގެ މެންބަރުން ނެޓްފްލިކްސްގެ އެންމެހައި ޕްރޮޖެކްޓްތަކުން ވަކިވާނެ ކަމަށެވެ.
ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެފްޑަބްލިއުއައިސީއީގެ ރައީސް ބީ.އެން ތިވާރީ ވިދާޅުވީ، އެ ޖަމިއްޔާއިން ނެޓްފްލިކްސްއާއެކު ގާތް ގުޅުމެއް ބާއްވަމުން އައި ނަމަވެސް، ޤައުމާ ގުޅުންހުރި ކަންކަމުގައި އެއްވެސް ދުލެއް ނުދޭނެ ކަމަށެވެ. އަދި މި ޕްރޮގްރާމަށް ތާއީދުކުރާ އިންޑިއާގެ ފަންނާނުންނާއި ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވަމުން އޭނާ ވިދާޅުވީ، އެފަދަ ފަރާތްތަކާ މެދު ދެކޭނީ ޕާކިސްތާނުގެ ފަންނާނުންނާ މެދުވެސް ދެކޭ އުސޫލުން ކަމަށެވެ.
ޕާކިސްތާނުން ނެޓްފްލިކްސް މެދުވެރިކޮށް ގެނެސްދޭ ފުރަތަމަ ސީރީޒް "ޖޯ ބަޗޭ ހޭން ސަންގް ސަމޭޓް ލޯ"އިން ފެންނާނެ މުހިންމު ބައެއް ތަރިން--ފޮޓޯ/އެންޑީޓީވީ މި މައްސަލަ އިތުރަށް ހޫނުވެފައިވަނީ މި ހަފްތާގެ ކުރީކޮޅު މި ސީރީޒްގެ ޓްރެއިލާ އާންމުކުރުމާ ގުޅިގެންނެވެ. އެފްޑަބްލިއުއައިސީއީ އާއި އޯލް އިންޑިއަން ސިނޭ ވޯކާސް އެސޯސިއޭޝަން (އޭއައިސީޑަބްލިއއޭ) ގުޅިގެން ވަނީ މި ސީރީޒް މަނާކޮށްދިނުމަށް އެދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސިޓީއެއް ވެސް ފޮނުވާފައެވެ.
އޮފިޝަލުންނާ ހަވާލާދީ މިދިޔަ ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގައި އުފައްދާފައިވާ އެއްވެސް އުފެއްދުމެއް އިންޑިއާގައި ސްޓްރީމް ނުކުރާނެކަން ކަށަވަރުކުރުމަށް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގް މިނިސްޓްރީން ވަނީ ނެޓްފްލިކްސްއަށް އަންގާފައެވެ. އަދި މިދިޔަ އަހަރުގެ މޭ 8 ވަނަ ދުވަހު އެ މިނިސްޓްރީން ނެރުނު އިރުޝާދާއި، އިންޑިއާގެ ސަބްސްކްރައިބަރުންނަށް ޕާކިސްތާނުގެ އެއްވެސް ފިލްމެއް ނުވަތަ ސީރީޒެއް ދޫކޮށްފައި ނުވާނެ ކަމަށް ނެޓްފްލިކްސްއިން ކުރިން ދީފައިވާ ޔަޤީންކަން މިނިސްޓްރީން ވަނީ ހަނދާންކޮށްދީފައެވެ.
ޑިސެމްބަރު ހަތަރު ވަނަ ދުވަހު މި ސީރީޒް ރިލީޒްކުރާއިރު އިންޑިއާ ހިމެނޭނެ ކަމެއް ނުވަތަ އެ ސީރީޒް ދައްކާނީ ހަމައެކަނި ޕާކިސްތާނާއި ބައިނަލްއަޤުވާމީ އެހެން މާކެޓްތަކުގައި ކަމެއް ނެޓްފްލިކްސްއިން އަދި ސާފުކޮށްދީފައެއް ނުވެއެވެ.
މޮމީނާ ދުރައިދު އުފައްދައި، ޑައިރެކްޓްކޮށް އަދި ޕްރޮޑިއުސްކޮށްފައިވާ "ޖޯ ބަޗޭ ހޭން ސަންގް ސަމޭޓް ލޯ" އަކީ 2013 ވަނަ އަހަރު ފަރްހަތު އިޝްތިއާގް ލިޔެފައިވާ ހަމަ އެ ނަމުގެ ވާހަކައިގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ސީރީޒެކެވެ. ބައިނަލްއަޤުވާމީ މާކެޓްތަކުގައި "އޯލް ދަ ލަވް އަވަ ހާޓްސް ކެރީ"ގެ ނަމުގައި ދައްކާ މި ސީރީޒްގައި ފަވާދު ޚާން، މާހިރާ ޚާން، ސަނަމް ސައީދު، އަހަދު ރަޒާ މީރު، އިގްރާ އަޒީޒް، ހާނިއާ އާމިރު އަދި ހަމްޒާ އަލީ އައްބާސީ ފަދަ މަޝްހޫރު ތަރިން ހަރަކާތްތެރިވެއެވެ.