އިމްތިޔާޒުގެ އާ ވެބް ސީރީޒް: ކައިވެންޏަށްފަހު ދެމަފިރިން ވަކިވެ ވަރިއާ ހިސާބަށް ކުރާ ޖަޒުބާތީ ދަތުރުގެ މައްޗަށް

ޑައިރެކްޓަރު އިމްތިޔާޒް އަލީގެ ސީރީޒް "އޯ ސާތީ ރޭ"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ނެޓްފްލިކްސްގައި ޕްރީމިއާކުރާ ޑައިރެކްޓަރު އިމްތިޔާޒް އަލީގެ ސީރީޒް "އޯ ސާތީ ރޭ" އަކީ ކައިވެންޏެއް ނިމުމަކަށް އަންނަ ހިނދު ކުރިމަތިވާ ފުން ޖަޒުބާތީ އުނދަގޫތަކާއި ވަރީގެ ނާޒުކު މަރުހަލާ އޭނާގެ އުފެއްދުމެއްގައި ތަސްވީރުކުރާ ފުރަތަމަ ފަހަރު ކަމަށް މަޝްހޫރު ފިލްމު އުފެއްދުންތެރިޔާ އިމްތިޔާޒް އަލީ ބުނެފިއެވެ.

އިމްތިޔާޒް އަލީ އުފައްދާ މި ސީރީޒް ޑައިރެކްޓްކޮށްފައިވަނީ އޭނާގެ ކޮއްކޮ އާރިފް އަލީއެވެ. އަދިތީ ރާއޯ ހައިދަރީ، އަވިނާޝް ތިވާރީ އަދި އަރްޖުން ރާމްޕާލް ލީޑް ރޯލުތަކުން ފެނިގެންދާ މި އުފެއްދުމުގެ ވާހަކަ ބިނާކޮށްފައިވަނީ، ވަކިވުމުގެ މަރުހަލާގައި ތިބި ދެމަފިރިއެއްގެ ގުޅުމުގައި ހުރި އުނދަގޫތަކާއި ހިތުގެ އުދާސްތަކުގެ މައްޗަށެވެ. އިންޑިއާގެ ޕްރެސް ޓްރަސްޓް (ޕީޓީއައި)އަށް ދިން ޚާއްޞަ އިންޓަވިއުއެއްގައި އިމްތިޔާޒް ފާހަގަކުރި ގޮތުގައި، މީގެ ކުރިން އޭނާ ގެނެސްދިން ފިލްމުތަކުގައި ކައިވެނި ނުކުރާ މީހުންނާއި ކައިވެނިމަތީގައި އުފާވެރިކަން ގެއްލިފައިވާ މީހުންގެ ވާހަކަތައް ކިޔައިދީފައިވީ ނަމަވެސް، ކައިވެންޏެއް ރޫޅުމުގެ މަރުހަލާގައި ދެމަފިރިންގެ މެދުގައި އުފެދޭ ހަމްދަރުދީ އާއި ލޯބީގެ އިހުސާސްތައް މިހާ ފުންކޮށް ދައްކުވައިދޭ މިއީ އޭނާގެ ފުރަތަމަ މަސައްކަތެވެ.

ޑައިރެކްޓަރު އިމްތިޔާޒު އަލީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޭވަފާތެރިކަމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމުތަކުގެ ތެރެއިން ޝޭކަރު ކަޕޫރުގެ 1983 ވަނަ އަހަރުގެ ކްލެސިކް ފިލްމު "މައުސޫމް" އަކީ އޭނާއަށް އެންމެ ކަމުދާ ފިލްމުކަން ފާހަގަކުރަމުން އިމްތިޔާޒް ބުނީ، ވަރިއަކީ ދެމަފިރިއެއްގެ ދިރިއުޅުމަށް އަންނަ ނުހަނު ނާޒުކު މަރުހަލާއެއް ކަމަށެވެ. އެހެންކަމުން، ކައިވެންޏެއް ރޫޅޭއިރު އާންމުކޮށް ފެންނަ ނަފުރަތާއި ރުޅިވެރިކަމުގެ ބަދަލުގައި، ވަރީގެ މަރުހަލާގައި އެކަކު އަނެކަކާ ޖެހިގެން އިށީނދެގެން ތިބޭއިރުވެސް ހިތުގައި އޮންނަ ލޯތްބާއި، ޒިންމާދާރުކަމާއި، އަދި އެކަކު އަނެކަކުގެ ހާލަތު ދެނެގަތުމުގެ އިހުސާސްތައް މި ސީރީޒްގެ ތެރެއިން ބެލުންތެރިންނަށް ތަޖުރިބާކުރެވޭނެ ކަމަށް އޭނާ ކިޔައިދިނެވެ.

މި ޝައުގުވެރި ސީރީޒް އުފެއްދުމުގެ ޚިޔާލު އުފަންވީ ނެޓްފްލިކްސް އިންޑިއާގެ ވައިސް ޕްރެޒިޑެންޓް އޮފް ކޮންޓެންޓް މޮނިކާ ޝޭރްގިލްއާއެކު ބޭއްވި ބައްދަލުވުމެއްގައި، ލަވައެއްގެ މައްޗަށް ބިނާކޮށް ޝޯއެއް އުފެއްދުމަށް އޭނާ ދިން ޚިޔާލަކާ ގުޅިގެންނެވެ. އެ ބައްދަލުވުން ނިމުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި، 1978 ވަނަ އަހަރު ނުކުތް ޕްރަކާޝް މެހެރާގެ ކާމިޔާބު ފިލްމު "މުގައްދަރު ކާ ސިކަންދަރު"ގައި އަމީތާބް ބައްޗަން ފެނިގެންދާ، ކިޝޯރު ކުމާރުގެ އަސަރުގަދަ ލަވަ "އޯ ސާތީ ރޭ" އިމްތިޔާޒްގެ ޚިޔާލަށް އައެވެ. މި ސީރީޒްގައިވެސް އެ ފަނޑުވުމެއް ނެތް ލަވަ ހިމަނާފައިވާއިރު، ވަރިވުމަށްޓަކައި ކޯޓުގައި ތިބޭއިރުވެސް އެކަކު އަނެކަކަށްޓަކައި ހިތުގައި ލޯބި އޮންނަ ދެމަފިރިއެއްގެ ނާޒުކު ވާހަކަ ސީރީޒްގެ މައިގަނޑު އަސާސަށް ވެގެންދިޔައީ އެ ލަވައިގެ އަސަރުން ކަމަށް އޭނާ ބުންޏެވެ.

ހަމައެއާއެކު، ސީރީޒްގައި އަވިނާޝް ތިވާރީ އަދާކުރާ ކެރެކްޓާގެ ލޯބީގެ ނުތަނަވަސްކަމާއި ހާސްކަން ބިނާކޮށްފައިވަނީ "މުގައްދަރު ކާ ސިކަންދަރު"ގެ އިތުރުން އެމިލީ ބްރޮންޓޭގެ 1847 ވަނަ އަހަރުގެ މަޝްހޫރު ވާހަކަ "ވުދަރިންގް ހައިޓްސް"އިން ލިބުނު ޚިޔާލުތަކެއްގެ މައްޗަށް ކަމަށް އިމްތިޔާޒް ހާމަކުރިއެވެ. އޭނާ ސިފަކުރި ގޮތުގައި މި އުފެއްދުމަކީ ޙަޤީޤަތާއި ޚިޔާލީ ވާހަކަތަކުގެ ފުރިހަމަ މަސްހުނިވުމެކެވެ. އެގޮތުން، އަމިއްލަ ޙަޔާތުގައި ބައިވެރިވި "ބްރޭކަޕް ޕާޓީ"އެއްގެ ތަޖުރިބާއިން އުފެދުނު ޚިޔާލުތަކަށް އަމިއްލަ ތަސައްވުރުތައް އިތުރުކޮށްގެން މި ވާހަކަ ވުޖޫދަށް ގެނެސްފައިވާ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް