އަނދާ ހުލިވީ، ކުޑަކުއްޖަކު މަރުވި އެކްސިޑެންޓެއްގައި ހިމެނޭ ކާރު!

އަލިފާން ރޯވި ކާރު: އެއީ، ކުޑަކުއްޖަކު މަރުވި އެކްސިޑެންޓެއްގައި ހިމެނޭ ކާރު

ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވާ އަނދާ ހުލިވީ ނުވަ އަހަރުގެ ކުއްޖަކު މަރުވި އެކްސިޑެންޓެއްގައި ހިމެނޭ ކާރުކަން އިނގިއްޖެއެވެ.

އެ ކާރުގައި ރޯވީ، ހުޅުމާލެ ދެވަނަ ފިޔަވަހީ ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮއްވައެވެ. އެއީ، ރޭ މެންދަމު 02:17 ހާއިރެވެ. އެ އަލިފާން ގަނޑު ނިއްވާލީ، ރޭ 02:39 ހާއިރެވެ.

'ސަން'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އެއީ، މިދިޔަ އޮގަސްޓު 29ގައި ހިނގި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިތިގަސްމަގު، ވިނަރެސް ޓަވަރު ހަތެއް ކައިރީ ހިނގި އެކްސިޑެންޓުގައި ހިމެނޭ ކާރެވެ.

https://sun.mv/231067

ރޭގައި ކާރުގައި އަލިފާން ރޯވެފައި ---

މި އެކްސިޑެންޓުގައި ނުވަ އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެ، އައިޖީއެމްއެޗުގައި ފަރުވާ ދެނިކޮށް ވަނީ މަރުވެފައެވެ. ރޭ އަލިފާން ރޯވެ، އަނދާފައި ވަނީ، އެ ކުއްޖާގެ ގައިމަތިން ދިޔަ ކަމަށް ބެލެވޭ ކާރުކަން ވަނީ 'ސަން'އަށް އެނގިފައެވެ.

ތަހުގީގަށް އެނގިފައިވާ މައުލޫމާތާ ހަވާލާދީ ފުލުހުން ކުރިން ބުނި ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައެވެ.

އެ ވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ ވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބި، ސައިކަލުން ވެއްޓުނު، އުމުރުން ނުވަ އަހަރުގެ ކުއްޖާގެ ގައިގައި ޖެހިފައިވާ ކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާ ކަމަށް ތަހުގީގަށް ބެލެވޭ ކަމަށް ވެސް އޭރު ފުލުހުން ބުންޏެވެ.

https://sun.mv/226844

މި މައްސަލައިގައި ތިން ކާރެއް ޓޯކޮށް، އެ އުޅަނދުތައް ދުއްވި ތިން މީހުންގެ ލައިސަންސް ވެސް ހިފެހެއްޓިއެވެ.

މި ހާދިސާގައި އަލިފާން ރޯވި ކާރު ބޭނުން ނުކުރެވޭވަރަށް ވަނީ އަނދާފައެވެ. އަދި، އެ ކާރު ކައިރީ އޮތް އިތުރު ދެ ކާރަކަށް ވަނީ ގެއްލުންވެފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައެއް ނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެކަމަކު، މިހާތަނަށް މި ކާރުގައި އަލިފާން ރޯވާން ދިމާވި ސަބަބެއް ސާފުވެފައެއް ނުވެއެވެ.

comment ކޮމެންޓް