އަމާޒަކީ، ވޯޓާ ތީމް ޕާކު މަޝްރޫއިން 500 ވަޒީފާ އުފެއްދުން، 85 ޕަސެންޓު ޚާއްސަކުރާނީ ދިވެހީންނަށް: ޒުހައިރު

އެޗްޑީސީގެ އެމްޑީ ޒުހައިރު: ވިދާޅުވީ، އަމާޒަކީ، ވޯޓާ ތީމް ޕާކު މަޝްރޫއިން 500 ވަޒީފާ އުފެއްދުން ކަމަށް --- ފޮޓޯ/ އެޗްޑީސީ

އަމާޒަކީ، ހުޅުމާލެ ވޯޓާ ތީމް ޕާކު މަޝްރޫއާ އެއްކޮށް 500 ވަޒީފާ އުފެއްދުން ކަމަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު މިއަދު ވިދާޅުވެއްޖެއެވެ.

ނުވަ އަހަރަށް ފަހު ހުޅުމާލޭގެ ވޯޓާ ތީމް ޕާކު އަލުން މިއަދު ވަނީ ހަދަން ފަށާފައެވެ. އެ ކަން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޒުހައިރު ވިދާޅުވީ، އަލުން އެ މަސައްކަތް ފެށުމަކީ ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.

https://sun.mv/231072

މިއީ ދިވެހި އާއިލާތަކަށާއި ފަތުރުވެރިންނަށް ޚާއްސަކޮށްގެން ބިނާކުރާ ބިޔަ، ފުރިހަމަ މަންޒިލެއްގެ ގޮތުގައި ސިފަކުރައްވައި ޒުހައިރު ވިދާޅުވީ، އެ ތަން ނިމުމުން ހުޅުމާލޭގެ މޫނުމަތި ބަދަލުވެ، އިގުތިސާދަށް އާ ދިރުމެއް ލިބޭނެ ކަމަށެވެ. އަދި، ވަޒީފާގެ އާ ދޮރުތަކާއި ވިޔަފާރީގެ ފުރުސަތުތަކާއެކު ރައްޔިތުންނަށް އުފާވެރިކަން ގެނެސްދެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ވޯޓާ ތީމް ޕާކުގެ ތްރީޑީ މޮޑެލެއް: އެޗްޑީސީގެ އެމްޑީ ވިދާޅުވީ، އަމާޒަކީ، ވޯޓާ ތީމް ޕާކު މަޝްރޫއިން 500 ވަޒީފާ އުދެއްފުން ކަމަށް

"މިއީ ހުޅުމާލެއަށް އަންނަ އާ ދިރުމެއް. ކުދި ބޮޑު އެންމެހާ ރައްޔިތުންނަށް ލިބޭނެ އުފާވެރިކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ މި މަޝްރޫއު ނިމޭއިރު، މުޅިން އާ 500 ވަޒީފާ މި ތަނުން އުފެއްދުން. އޭގެ ތެރެއިން 85 ޕަސެންޓު ވަޒީފާ ދިވެހީންނަށް ޚާއްސަކުރުން، އަދި އަންހެނުންނަށް 45 ޕަސެންޓު ވަޒީފާ ޚާއްސަކުރުން" ޒުހައިރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އެ މަސައްކަތަކީ ހަމައެކަނި އުމްރާނީ ތަރައްގީގެ މަޝްރޫއެއް ނޫން ކަމަށާއި އެ މަޝްރޫއުގެ ތެރެއިން މީހުން ބިނާ ކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށެވެ. މިގޮތުން، އަމާޒަކީ އެ ތަނުން އަހަރެއްގެ މައްޗަށް 120 އަށްވުރެ ގިނަ ދިވެހިން ތަމްރީނުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީފާއަށް ނެރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން، ޒުހައިރު ވަނީ މިހާރު އެޗްޑީސީގެ އެއްވެސް މަސައްކަތެއް ނުފެށި ނޯންނާނެކަން އިއުލާނުކުރައްވާފައެވެ. އެއީ، ބޮޑު މަސައްކަތެއް ކަމަށާއި އެ ކަން ހާސިލުކުރެވުނީ އެޗްޑީސީގެ ހީވާގި މުވައްޒަފުންނާއި ސަރުކާރުގެ ކަމާ ބެހޭ ބޭފުޅުން ރެއާއި ދުވާލު ކުރެއްވި ބުރަ މަސައްކަތުން ކަމަށް ޒުހައިރު ވިދާޅުވިއެވެ.

ވާހަކަ ނިންމަވާލައްވަމުން ޒުހައިރު ވަނީ، ހުޅުމާލެ އަކީ ހިތްފަސޭހަ މަންޒިލަކަށް ހަދާދޭނެ ކަމަށް ވިދާޅުވެ، ރައްޔިތުންނަށްވީ ވައުދުތައް އަމަލުން ފުއްދައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް