ކޭޕާކް އެޕާޓްމަންޓެއް ނުދީ ލަސްވި މައްސަލައިގައި 1.5 މިލިއަންގެ ބަދަލަކާއި މަހަކު 25،000ރ. ދޭން ހުކުމްކޮށްފި

ކޭ ޕާކް ފްލެޓް-- ސަން ފޮޓޯ: ހައްޔާން

ހުޅުމާލޭގައި އިމާރާތްކުރަމުންދާ "ކޭ ޕާކް ރެސިޑެންސް" އިން އެޕާޓްމަންޓެއް ގަތުމަށް އެއްބަސްވި މުއްދަތުގައި އެޕާޓްމަންޓް ހަވާލުނުކުރި މައްސަލައިގައި، އެއްބަސްވުމުގައިވާ ގޮތުގެ މަތިން ގެއްލުމުގެ ބަދަލުގެ ގޮތުގައި 1،050،000 (އެއް މިލިއަން ފަންސާސްހާސް) ރުފިޔާ އަދި އެޕާޓްމަންޓް ހަވާލުކުރެވެންދެން މަހަކު 25،000 ރުފިޔާ ދައްކަން ކޭޕާކް މަޝްރޫއު ހިންގާ ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޒަނުން އިއްޔެ މި ހުކުމް އިއްވީ ނ. ހޮޅުދޫ، އޯކިޑްވިލާ، އާމިނަތު ވަދީފާގެ ފަރާތުން ހަންބޯ ކޮމްޕެނީއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައެވެ. މި މައްސަލައިގެ ދައުވާ ފޯމާއި ލިޔުންތައް ހަވާލުކުރުމުންވެސް، ކަނޑައެޅިފައިވާ މުއްދަތުގައި ހަންބޯ ކުންފުނީގެ ފަރާތުން ދައުވާއަށް އެއްވެސް ޖަވާބެއް ނުވަތަ ދިފާއެއް ހުށަހަޅާފައި ނުވާތީ، މިއީ މަދަނީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެ ކުންފުނީގެ ޣައިރު ހާޒިރުގައި ނިންމި މައްސަލައެކެވެ.

ހުކުމުގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޭޕާކް އިމާރާތުގެ ދެވަނަ ފަންގިފިލާގެ "KP206" އެޕާޓްމަންޓް ގަތުމަށް ވަދީފާއާއި ހަންބޯ ކުންފުންޏާ ދެމެދު 12 ޖޫން 2022 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން، އޭނާ ވަނީ އެ ކުންފުންޏަށް 1،750،000 (އެއް މިލިއަން ހަތްލައްކަ ފަންސާސްހާސް) ރުފިޔާ ދައްކާފައެވެ. އެ އެއްބަސްވުމުގެ ދަށުން އެންމެ ލަސްވެގެން ޑިސެމްބަރު 2022 ގެ ނިޔަލަށް އެޕާޓްމަންޓް ހަވާލުކުރަން ޖެހުނު ނަމަވެސް، އެ މުއްދަތުގައި އެޕާޓްމަންޓް ހަވާލުކޮށްފައެއް ނުވެއެވެ.

ދެފަރާތުގެ ދެމެދު ވެފައިވާ އެއްބަސްވުމުގެ 13.7 ވަނަ މާއްދާގައިވާ ގޮތުން، އެޕާޓްމަންޓް ހަވާލުކުރުން ލަސްވާ ކޮންމެ މަހަކަށް، ގެއްލުމުގެ ބަދަލުގެ ގޮތުގައި 2023 ޖަނަވަރީ މަހުން ފެށިގެން މީލާދީ ކޮންމެ މަހަކަށް 25،000 ރުފިޔާ ވިއްކާ ފަރާތުން ދައްކަންޖެހެއެވެ. އެގޮތުން 1 ޖަނަވަރީ 2023 އިން ފެށިގެން މި މައްސަލަ ހުށަހެޅުމާ ހަމައަށް ހިނގި 42 މަސްދުވަހަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުމްލަ 1،050،000 ރުފިޔާ ވަނީ އަރާފައެވެ.

ގާޟީ ޒުލައިޚާ ޝީޒާ އިއްވެވި މި ހުކުމުގައި ވަނީ:

- އެޕާޓްމަންޓަކީ ދެފަރާތުގެ އެއްބަސްވުމާ އެއްގޮތަށް ވަދީފާއާ ހަވާލުކުރަންޖެހޭ އެޕާޓްމަންޓެއް ކަމަށް ކަނޑައެޅުން.

- މުއްދަތަށް ހަވާލުނުކުރުމުގެ ބަދަލުގެ ގޮތުގައި އަރާފައިވާ 1،050،000 ރުފިޔާއާއި، ޝަރީއަތުގެ ހަރަދުގެ ގޮތުގައި ކަނޑައެޅި 10،000 ރުފިޔާއާއެކު ޖުމްލަ 1،060،000 (އެއް މިލިއަން ފަސްދޮޅަސްހާސް) ރުފިޔާ ހަތް ދުވަހުގެ ތެރޭގައި (25 ނޮވެމްބަރުން ފެށިގެން 7 ޑިސެމްބަރު 2026 ގެ ނިޔަލަށް) ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެންގުން.

- 3 ޖޫން 2026 އިން ފެށިގެން ވަދީފާއާ އެޕާޓްމަންޓް ހަވާލުކުރުމާ ހަމައަށް، ކޮންމެ މަހަކަށް 25،000 ރުފިޔާގެ މަގުން އޭނާއަށް ދައްކަމުން ގެންދިއުމަށް ހަންބޯ ކުންފުނީގެ މައްޗަށް އަމުރުކުރުން.

މި މައްސަލައިގައި ވަދީފާގެ ފަރާތުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި 30،000 ރުފިޔާ ހޯދުމަށް އެދުނު ނަމަވެސް، ކޯޓުން ނިންމީ މިއީ އިތުރު އަޑުއެހުންތަކަކަށް ނުގޮސް ޣައިރު ހާޒިރުގައި ނިންމި މައްސަލައަކަށް ވާތީ ޝަރީއަތުގެ ހަރަދުގެ ގޮތުގައި ނަގައިދެވޭނީ 10،000 ރުފިޔާ ކަމަށެވެ.

ކޭ-ޕާކް ރެސިޑެންސް އެޕާޓްމަންޓްތަކުގެ މައްސަލައަކީ ރާއްޖޭގައި ހިނގި އެންމެ ބޮޑު އެއް ފްލެޓް ފްރޯޑް މައްސަލައެވެ. މި މަޝްރޫއު ކުރިއަށްގެންދާ ހަންބޯ މޯލްޑިވްސްގެ މައިނޯރިޓީ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްގެން، 23 އެޕާޓްމަންޓެއް ގިނަ އަދަދެއްގެ ބަޔަކަށް އޮޅުވާލައިގެން ވިއްކައި ފައިސާ ނަގާފައިވާ ކަމަށް ތުހުމަތުކުރެވުނެވެ. މި މައްސަލާގައި ޖުމްލަ 104 ދައުވާ ދައުލަތުން މަމްދޫހުގެ މައްޗަށް ކުރިއެވެ. ކްރިމިނަލް ކޯޓުން 31 ޑިސެންބަރު 2025 ގައި ކުރި ހުކުމުގައި، މަމްދޫހުގެ މައްޗަށް 94 ދައުވާ ސާބިތުވާ ކަމަށް ނިންމައި، އޭނާ 397 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވެއެވެ.

މީގެ އިތުރުން، މަނީ ލޯންޑަރިންގެ ކުށުގައި 30 މިލިއަން ރުފިޔާއިން އޭނާ ޖޫރިމަނާކޮށް، ކުށުގެ ފައިސާއިން ހުޅުމާލޭގައި އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށާއި، އަނިޔާލިބުނު ފަރާތްތަކަށް ހަ މަސްދުވަހުގެ ތެރޭގައި ފައިސާ އަނބުރާ ދެއްކުމަށްވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލާގައި ދެން ދައުވާ ލިބުނު ރ. އަލިފުށީ ކިނާރާ، ޖައިޝަން ސައީދުގެ މައްޗަށް 86 ދައުވާ ސާބިތުވެ، އޭނާ 159 އަހަރަށް ޖަލަށްލުމަށް ހުކުމްކުރިއެވެ. ހަމައެއާއެކު، ސިވިލް ކޯޓުން ވަނީ ހަންބޯ މޯލްޑިވްސްގެ މައްޗަށް އެޕާޓްމަންޓްތައް ނިންމައި ހަވާލުކުރުމަށާއި، ލަސްވި މުއްދަތަށް ބަދަލު ދިނުމަށްވެސް ހުކުމްކޮށްފައެވެ.

comment ކޮމެންޓް