މާލީ ތަނަވަސްކަން ކުޑަވުމުގެ ސަބަބުން ގެދޮރު ނޭޅިފައިވާ ފަރާތްތަކަށް ހާއްސަކޮށްގެން ސަރުކާރުން ތައާރަފުކުރި "ގެދޮރު ބިނާކުރުމަށް އެހީ ދޭ (ހެލްޕް-ޓު-ބިލްޑް) ސްކީމު" ގެ ދަށުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުސަތު އާދީއްތަ ދުވަހު ހުޅުވާލުމަށް ނިންމައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި، މި ސްކީމަށް އެޕްލިކޭޝަން ބަލައިގަންނަން ފަށާނީ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ. އެހީއަށް އެދި ހުށަހެޅޭނީ ހަމައެކަނި މިނިސްޓްރީގެ hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.
ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމުގެ ގައުމީ ސިޔާސަތު، "ބޯހިޔާވަހިކަން އެންމެންނަށް" އަދި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމު" ގެ ދަށުން ޝަރީއާގެ މިންގަނޑުތަކާ އެއްގޮތަށް އެކުލަވައިލި އުސޫލުގެ މައިގަނޑު މަގުސަދަކީ، އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދީ، ރައްޔިތުން އުފުލަންޖެހޭ ދަރަނީގެ ބުރަ ލުއިކޮށްދިނުން ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.
އެގޮތުން އަލަށް ގެ އިމާރާތްކުރުމަށާއި، ހަދަން ފަށައި ނުނިމި ހުރި އިމާރާތެއް ނިންމުމަށް އަދި ބާވެފައިވާ އިމާރާތެއް ތަޅާލައި އަލުން ބިނާކުރުމަށް މި ސްކީމުގެ ދަށުން އެހީ ލިބޭނެކަމަށް ބުންޏެވެ.
https://x.com/MIHUDmv/status/2125824359604658386
މި ސްކީމުގެ ދަށުން ގްރޭޓާ މާލެ ފިޔަވައި އެހެން ރަށްރަށުގެ ކޮންމެ ގޯއްޗަކަށް 200,000 (ދެ ލައްކަ) ރުފިޔާ ގެ ހިލޭ އެހީ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ވިލިނގިއްޔާއި ހުޅުމާލެ ނުހިމެނޭހެން މާލޭގެ ގޯތިތަކަށް، ޝަރުތުހަމަވާ ކޮންމެ ވެރިފަރާތަކަށް 200,000 ރުފިޔާގެ މަގުން، އެންމެ ގިނަވެގެން 5 މީހުންނަށް ޖުމުލަ 200,000 ރުފިޔާއާއި 1,000,000 (އެއް މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދެއް ދޫކުރާނެއެވެ.
މިނިސްޓްރީން ބުނެފައިވާ ގޮތުގައި ސަރުކާރުން ދޭ ހިލޭ އެހީގެ އިތުރުން އިމާރާތްކުރުމަށް ބޭނުންވާ އިތުރު ފައިސާ ހަމަޖައްސަންވާނީ މި ސްކީމުގައި ބައިވެރިވާ މާލީ އިދާރާއަކުން ނަގާ ފައިނޭންސިން ފެސިލިޓީއެއް މެދުވެރިކޮށެވެ. ނަމަވެސް، މި ފެސިލިޓީ ކުރިން ނަގާފައިވާ ލޯނެއް އިތުރުކުރުމަށް ނުވަތަ ރީ-ފައިނޭންސް ކުރުމަށް ބޭނުން ނުކުރެވޭނެކަމަށް ވަނީ ބުނެފައެވެ.
އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މި އެހީގެ ދަށުން ބިނާކުރާ ގެދޮރު އެހީ ލިބުނުތާ 25 އަހަރު ދުވަހުގެ ތެރޭގައި ވިއްކައިލާނަމަ، ސަރުކާރުން ދިން ހިލޭ އެހީގެ ބައި އަނބުރާ ދައްކަން ޖެހޭނެއެވެ. އަދި އެ ފައިސާ ޖަމާކުރާނީ ސަރުކާރުގެ ހައުސިން ފަންޑަށެވެ. މީގެ އިތުރުން، އިމާރާތްކުރުމަށް ކޮންޓްރެކްޓަރަކު އައްޔަނުކުރުމަކީ ގޭގެ ވެރިފަރާތުގެ އަމިއްލަ ޒިންމާއެއް ކަމަށް ވެސް އުސޫލުގައި ވެއެވެ.
ހުޅުމާލޭ ތިން ވަނަ ފިޔަވަހިން ގޯތި ދިނުމުގެ ތެރެއިން -- ފޮޓޯ; ހައުސިން މިނިސްޓްރީމި ސްކީމަށް ކުރިމަތިލެވޭނީ އެހީއަށް އެދޭ ފަރާތުގެ ނަމުގައިވާ ގޯތީގައި އެކަށީގެންވާ ގެދޮރެއް ނެތް ފަރާތްތަކަށް ކަމަށާއި އަދި އެއްމެދު އިމާރާތަކުން ހައުސިން ޔުނިޓެއް ލިބިފައިވާ ނުވަތަ މިލްކުކުރުމުގެ އެއްބަސްވުމެއް ވެފައިވާ ފަރާތަކަށް ވެގެން ނުވާނެކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
ހަމައެއާއެކު، އުސޫލުގައި ވާގޮތުން ވޭތުވެދިޔަ 20 އަހަރު ދައުލަތުން ނުވަތަ ސަރުކާރު ކުންފުންޏަކުން ހެޔޮ އަގުގައި ދޫކޮށްފައިވާ ބޯހިޔާވަހިކަމުގެ ލޯނެއް ލިބިފައިވާ ފަރާތްތަކަށް މި ސްކީމުގެ ދަށުން އެހީއެއް ނުލިބޭނެއެވެ.
މީގެ އިތުރުން، މި އުސޫލަށް އަމަލުކުރަން ފެށި ފަހުން އެ މީހެއްގެ ނަމުގައި އޮތް ގެދޮރު ހުރި ގޯއްޗެއް، ފުލެޓެއް ނުވަތަ ރޯހައުސްއެއް އެހެން ފަރާތަކަށް ވިއްކައި، ހިބައިން ދީ ނުވަތަ ދޫކޮށްލާފައިވާ ނަމަ ޝަރުތު ހަމަނުވާނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އުސޫލުގައި ބުނާގޮތުން އެޕްލިކޭޝަން ހުށަހެޅުމުގައި ކޮންމެ ގޯއްޗަކަށް ހުށަހެޅޭނީ އެންމެ އެޕްލިކޭޝަނެކެވެ. އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ މައިގަނޑު ލިޔެކިޔުންތަކުގެ ތެރޭގައި ޒާތީ މައުލޫމާތާއި، ގޭބިސީގެ މައުލޫމާތުގެ އިތުރުން އެ ރަށެއްގައި ދިރިއުޅޭކަން ސާބިތުކޮށްދޭ ލިޔުންތައް ހިމެނެއެވެ.
މާލޭގެ ގޯއްޗަކަށް އެކަކަށް ވުރެ ގިނަ ފަރާތް ގުޅިގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާނަމަ، ކޮންމެ ފަރާތެއްގެ މައުލޫމާތާއި ލިޔެކިޔުންތައް ވަކިން ހުށަހަޅަން ޖެހެއެވެ. މި ސްކީމަށް އެޕްލިކޭޝަން ހުށަހެޅުމާ ގުޅޭ އިތުރު ތަފުސީލުތައް ފުރުސަތު ހުޅުވާލުމަށް ކުރާ އިއުލާނުގައި އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.