އުއްމީދަކީ އަންނަ އަހަރުގެ މެދުތެރޭގައި ރަސްމާލޭން ގޯތި ދިނުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރަސްމާލެއަކީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާއިރު، އެ ތަނުން ގޯއްޗަށް އެދި އެތައް ބަޔަކު ފޯމު ވެސް ހުށަހެޅިއެވެ. އެ ތަނުގައި ދުބާއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން މަޝްރޫއެއް ހިންގުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި މުއްތަލިބު ވިދާޅުވީ، ދިވެހީން ރަސްމާލޭގައި ދިރިއުޅޭ ސަރަހައްދުގެ މާސްޓަޕްލޭން ހެދުމަށް ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވާ ކަމަށެވެ.
ރަސްމާލޭ: އުއްމީދަކީ އަންނަ އަހަރުގެ މެދުތެރޭ ރަސްމާލޭން ގޯތި ދޫކުރުން ކަމަށް މުއްތަލިބް ވަނީ ވިދާޅުވެފައި -- ފޮޓޯ: އެމްއޭސީއެލްއެ ޕްލޭން ހެދުމުގައި ބަލާނީ އާއިލީ ބޯހިޔާވަހިކާއި ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންނަށް ގޯތި ދެވޭނެ ގޮތާއި ފުލެޓު އިމާރާތް ކުރެވޭ ގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަޅުގަނޑުމެން އުއްމީދު ކުރަނީ މަސައްކަތް ނިންމައި، އަންނަ އަހަރުގެ މެދުތެރެއަށް ދާންވާއިރަށް ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް" މުއްތަލިބު ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ރަސްމާލޭގެ 1،009 ހެކްޓަރު ހިއްކުމަށް ހިނގާނީ ގާތްގަނޑަކަށް 330 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ކުރިން ވިދާޅުވިއެވެ.
ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވަނީ، ބޯހިޔާވަހިކަން އެންމެންނަށް ސްކީމުގެ ދަށުން 7،900 ފުލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފައިވެއެވެ.
އެ ސްކީމަށް ޖުމުލަ 58505 ފޯމް ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. އެއީ ފްލެޓަށް އެދި 35930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
ހައުސިން މިނިސްޓްރީން ވަނީ އެ ފޯމުތައް އިވެލުއޭޓު ކުރުމަށް ފަހު، އަންނަ ޑިސެމްބަރު މަހު ދާއިމީ ލިސްޓު އާންމުކުރާނެކަން ހާމަކޮށްފައެވެ. މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުން ކަނޑައަޅައި، މި އަހަރުގެ ތެރޭގައި އެކަން އަންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ މީގެ ކުރިން އިއުލާނުކުރައްވާފައެވެ.