އަހަރު ނިމެންދާއިރު، ބޯހިޔާވަހިކަމުގެ ބަޖެޓުން ޚަރަދުކުރީ 37 ޕަސެންޓު

މިނިސްޓަރު އަބްދުﷲ މުއްތަލިބު: -- ފޮޓޯ: މިނިސްޓްރީ

މި އަހަރު ނިމެން މަހަކާއި ދުވަސްކޮޅަކަށްވީއިރު، ބޯހިޔާވަހިކަމަށް ކަނޑައެޅި ބަޖެޓުން ޚަރަދުކުރީ 37 ޕަސެންޓުކަން ހާމަވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން މިދިޔަ ހަފުތާގައި އާންމުކުރި އެންމެ ފަހުގެ ތަފާހިސާބުތަކުން އެނގޭ ގޮތުގައި، އަހަރަށް ދައުލަތުގެ ބަޖެޓުގައި ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ވަނީ 8.3 ބިލިއަން ރުފިޔާ ކަނޑައަޅާފައެވެ. އޭގެތެރެއިން، މި މަހު 12 ވަނަ ދުވަހާ ހަމައަށް ޚަރަދުކޮށްފައި ވަނީ 5.3 ބިލިއަނެވެ. އެކަމަކު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ހަތް ބިލިއަން ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ޚަރަދުކުރިއެވެ.

ޕީއެސްއައިޕީ ޕްރޮޖެކްޓުތަކުގެ ތެރެއިން ބަޖެޓުގައި އެންމެ ބޮޑު އަދަދެއް ކަނޑައަޅާފައި ވަނީ ބޯހިޔާވަހިކަމުގެ ޕްރޮޖެކްޓުތައް ނުވަތަ ޕަބްލިކް ހައުސިންއާއި ދަތުރުފަތުރުގެ ނިޒާމަށެވެ. އެގޮތުން، ޕަބްލިކް ހައުސިންއަށް ބަޖެޓުގައި 1.08 ބިލިއަން ރުފިޔާ ހިމަނާފައި އޮތް ނަމަވެސް، މިހާތަނަށް ހޭދަކޮށްފައި ވަނީ، 404 މިލިއަން ރުފިޔާއެވެ. އެއީ، މި އަހަރަށް ކަނޑައެޅި ބޯހިޔާވަހިކަމުގެ ބަޖެޓުގެ 37 ޕަސެންޓެވެ. އެހެންކަމުން، އަހަރު ނިމެން ކުޑަތަންވިއިރު، އެ ބަޖެޓުގައި އަތްނުލާ 63 ޕަސެންޓު އެބައޮތެވެ.

ބަޔަކު ކޮންސްޓްރަކްޝަން މަސައްކަތް ކުރަނީ--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓްރާންސްޕޯޓް އިންފްރާސްޓްރަކްޗާއަށް ބަޖެޓުގައި 2.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މި މަހުގެ 12 ވަނަ ދުވަހާ ހަމައަށް ބަޖެޓުން ދެ ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އެއީ، ބަޖެޓުގެ 84 ޕަސެންޓެވެ. އެކަމަކު، މިދިޔަ އަހަރުގެ މި މުއްދަތުގައި ދަތުރުފަތުރުގެ ނިޒާމަށް 4.5 ބިލިއަން ޚަރަދުކުރިއެވެ.

އެހެންކަމުން، ދަތުރުފަތުރުގެ ނިޒާމަށް ކުރި ޚަރަދު އިތުރުވިޔަސް، ބޯހިޔާވަހިކަމަށް ކުރި ހޭދަ މި އަހަރު މި ވަނީ ދަށްވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ބޯހިޔާވަހިކަމުގެ ދަތިކަމަކީ ރާއްޖެއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައެވެ. އެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުން ވަނީ، ބޯހިޔާވަހިކަން އެންމެންނަށް ސްކީމުގެ ދަށުން 7،900 ފުލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފައިވެއެވެ.

https://sun.mv/224004

އެ ސްކީމަށް ޖުމުލަ 58505 ފޯމް ހައުސިން މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ. އެއީ ފްލެޓަށް އެދި 35930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.

ހައުސިން މިނިސްޓްރީން ވަނީ އެ ފޯމުތައް އިވެލުއޭޓު ކުރުމަށް ފަހު، އަންނަ ޑިސެމްބަރު މަހު ދާއިމީ ލިސްޓު އާންމުކުރާނެކަން ހާމަކޮށްފައެވެ. މި ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ފްލެޓް ލިބޭ މީހުން ކަނޑައަޅައި، މި އަހަރުގެ ތެރޭގައި އެކަން އަންގާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވަނީ މީގެ ކުރިން އިއުލާނުކުރައްވާފައެވެ.

comment ކޮމެންޓް