ތާވަލުގެ 29 ވަނައިގައި އޮތް ލިލްގެ އަތްދަށުވެ، ބަޔާންއިން ބަލިނުވެ ހިފަހައްޓަމުން އައި ރެކޯޑު ނިމުމަކަށް

ރޭ، ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކާއި ލިލް ބައްދަލުކުރި މެޗުގެ ތެރެއިން--

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ، ފްރާންސްގެ ލިލްއާ ދެކޮޅަށް ކުޅުނު މެޗުން ޖަރުމަނުގެ ގަދަބާރު، ބަޔާން މިއުނިކް ބަލިވެއްޖެއެވެ.

ލިލްގެ ދަނޑުގައި ކުޅުނު މި މެޗުން ބަޔާން ބަލިވެފައިވަނީ 1-2 ގެ ނަތީޖާއިންނެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ، ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވަނީ ބަޔާންއިން ނަމަވެސް، އޭގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި، ލީޑު ނަގާފައިވަނީ ބަޔާންއިންނެވެ. މެޗުގެ 15 ވަނަ މިނެޓުގައި އެޓީމަށް މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ޑަޔޮޓް އުޕަމަކާނޯއެވެ.

މެޗުގައި ބަޔާން އަތުން ބައިކޮޅަށް ދެ ލަނޑު ވަދެފައިވީނަމަވެސް މެޗުގެ 46 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް އަތުން ވަތް ލަނޑު، ވީއޭއާރުން ވަނީ ބަލައި ނުގަންނަން ނިންމާފައެވެ. ލިލްއިން މެޗުގެ ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 62 ވަނަ މިނެޓުގައި އަޔާސޭ އުއޭޑާ ކާމިޔާބުކޮށްދިން ލަނޑާއެކުއެވެ.

އޭގެ އެންމެ ތިން މިނެޓު ފަހުން، ބަޔާންގެ އެލެކްޒެންޑާ ޕަވްލޮވިޗް އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ލިލްއަށް މެޗު ލިބުނެވެ.

މި ނަތީޖާއާއެކު ޗެމްޕިއަންސް ލީގުގައި ކުޅުނު ފަސް މެޗުން ލިބުނު އަށް ޕޮއިންޓާއެކު ބަޔާން އޮތީ ލީގުގެ 15 ވަނައިގައެވެ. އަދި ލިލް، ކުޅުނު ފަސް މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކު އޮތީ ތާވަލުގެ 29 ވަނައިގައެވެ.

މިމެޗުން ބަޔާން ބަލިވުމާއެކު، ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތެރެއިން ޓީމެއް، މި ސީޒަނުގައި އެއްވެސް މުބާރާތެއްގައި ބަލިނުވެ އޮތް ހަމައެކަނި ޓީމުގެ ގޮތުގައި ބަޔާން އޮތް އޮތުން މިވަނީ ނިމުމަކަށް އައިސްފައެވެ. ޖަރުމަނު ލީގުގެ އެއްވަނައިގައި އޮތް ޑޯޓްމަންޑުވެސް ވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު، ޗެމްޕިއަންސް ލީގުގައި ބޯޑޯ/ގްލިމްޓްއާ ދެކޮޅަށް ކުޅުނު މެޗުން 0-1 ގެ ނަތީޖާއިން ބަލިވެފައެވެ.

މީގެ އިތުރުން، ޗެމްޕިއަންސް ލީގުގެ ލީގު ފޭސް ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑް، ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެެޑްރިޑް އަތުން 1-2 ގެ ނަތީޖާއިން ބަލިވެފައިވާއިރު، ދެވަނައިގައި އޮތް ޕީއެސްޖީ، ފްރެންޗު ލީގުގައި މޮނަކޯ އަތުން ބަލިވެފައިވަނީވެސް ހަމަ އެ ނަތީޖާއިންނެވެ.

comment ކޮމެންޓް