މީޑިއާތަކަށް މާލީ އެހީ އަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މީޑިއާ ކައުންސިލްގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ; އެމްއެމްސީ

ރަޖިސްޓަރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެދި ހުށަހެޅުމުގެ ފުރުސަތު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

މީޑިއާތަކަށް މާލީ އެހީ ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަސައްކަތް ފުރަތަމަ ޔޫތު މިނިސްޓްރީން ކުރިއަށް ގެންދިޔަ ނަމަވެސް، މީޑިއާ ކޮމިޝަން އުފެދުމާ ގުޅިގެން މިހާރު އެ ޒިންމާ އަދާކުރަމުން ދަނީ އެ ކޮމިޝަނުންނެވެ.

އެމްއެމްބީސީން ކުރި އިއުލާނުގައިވާ ގޮތުން، އަމިއްލަ ނޫސް މަޖައްލާތަކާއި ބްރޯޑްކާސްޓަރުންނަށް މާލީ އެހީއަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ.

މީޑިއާތަކަށް އެހީ ދިނުމުގެ މައިގަނޑު މަގުސަދަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި މިނިވަން ބައެއްކަން ކަށަވަރުކޮށްދީ، ދައުލަތުގެ ބަޖެޓުން އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކު އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެކުލަވާލާފައިވާ އުސޫލުގައިވާ ގޮތުން މީޑިއާތަކަށް ކަނޑައަޅަނީ ދައުލަތުގެ ބަޖެޓުގެ އަންދާޒާކުރެވޭ އާމްދަނީގެ 0.1 ޕަސެންޓެވެ. އެއީ މި އަހަރަށް ބަލާއިރު 35.1 މިލިއަން ރުފިޔާއެވެ.

މި އުސޫލަށް މީގެ ކުރިން ބޮޑު ބަދަލެއް ވެސް ވަނީ ގެނެސްފަ އެވެ. ކުރިން އޮތް ގޮތުން މާލީ އެހީއަށް ކުރިމަތިލެވެނީ ރަޖިސްޓަރީ ކޮށްގެން ހިންގާތާ ތިން އަހަރު ވެފައިވާ މީޑިއާތަކަށް އެކަންޏެވެ.

ނަމަވެސް، ގެނައި އިސްލާހާ އެކު މިހާރު ރަޖިސްޓަރީ ކޮށްގެން ހިންގާތާ އެއް އަހަރު ވެފައިވާ މީޑިއާތަކަށް ވެސް މި އެހީއަށް އެދުމުގެ ފުރުސަތު ވަނީ ތަނަވަސްކޮށްދީފައެވެ.

އެމްއެމްބީސީން ބުނީ، މާލީ އެހީއަށް އެދި ހުށަހަޅަން ޖެހޭނީ އެކަމަށް ހާއްސަކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. އަދި ޕްރޮޕޯޒަލްތައް ހުށަހަޅަން ޖެހެނީ "ވަންގަވް" ގައި ގާއިމްކޮށްފައިވާ 'މީޑިއާއެޕް' ބޭނުންކޮށްގެންނެވެ.

ހުށަހަޅާ ފޯމުތައް އިވެލުއޭޓުކުރުމަށް ފަހު، ޝަރުތު ހަމަވާ މީޑިއާތަކަށް މި އަހަރު ނިމުމުގެ ކުރިން ފައިސާ ދޫކުރާނެ ކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.

މޯލްޑިވްސް މީޑިއާ ކޮމިޝަނަކީ ރާއްޖޭގެ މީޑިއާގެ ދާއިރާ ހަރުދަނާކޮށް، ނޫސްވެރިކަމުގެ މިނިވަންކަމާއި ޒިންމާދާރުކަން ކަށަވަރުކުރުމަށްޓަކައި ޤާނޫނަކުން އުފައްދާފައިވާ މިނިވަން މުއައްސަސާއެކެވެ.

comment ކޮމެންޓް