މީޑިއާތަކަށް އިންސާފުން ކަންކަން ކުރުމަށް ގޮންޖެހުން ހުރި ކަމަށް ވިދާޅުވެ، ފަރުޝަތު އިސްތިއުފާ ދެއްވައިފި

މީޑިއާ ކޮމިޝަންގެ ރައީސް މުޙައްމަދު ފަރުޝަތު: އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައި ---- ފޮޓޯ/ މީޑިއާ ކޮމިޝަން

މީޑިއާތަކަށް އިންސާފުން ކަންކަން ކުރުމަށް ގޮންޖެހުންތައް ހުރި ކަމަށް ވިދާޅުވެ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ)ގެ ރައީސް މުޙައްމަދު ފަރުޝަތު މަގާމުން މިއަދު އިސްތިއުފާދެއްވައިފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ފަރުޝަތު ފޮނުއްވި ސިޓީގައިވަނީ، އެ ކޮމިޝަންގެ މަސައްކަތްތައް ފުރިހަމަކަމާއެކު، އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ކަންކަން ރާވައި ހިންގުމަށް ހުރި ހައްލުނުކުރެވޭ ގޮންޖެހުންތަކުގެ ސަބަބުން މަގާމުން އިސްތިއުފާދެއްވަން ނިންމައިފައިވާ ކަމަށެވެ.

އުންމީދަކީ ރާއްޖެ ފުރިހަމަ ދިމިގުރާތީ ނިޒާމަކަށް ފުރޮޅެމުންދާ މި ދަނޑިވަޅުގައި މީޑިއާތަކަކީ އިލްމީގޮތުންނާއި މާލީގޮތުން މިނިވަން މާހައުލެއްގައި އާންމުންގެ ހައްގުތައް ކަށަވަރުކުރުމުގައި ޒިންމާ އަދާކުރާ ބަޔަކަށްވުން ކަމަށް ފަރުޝަތު ލިޔުއްވައިފައިވެއެވެ.

މީޑިއާއަށާއި ކޮމިޝަނަށް އަބަދު ވެސް އެދެނީ ހެޔޮ ގޮތް މެދުވެރިވުމަށް ކަމަށް ވެސް އެ ސިޓީގައި އޭނާ ލިޔުއްވައިފައިވެއެވެ.

ފަރުޝަތު އެމްއެމްބީސީގެ ރައީސްކަމަށް އައްޔަންކުރީ މީގެ އަހަރެއް ކުރިން މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅެވެ. ފަރުޝަތު އިސްތިއުފާދެއްވުމުން އެ ކޮމިޝަންގައި މިހާރު ތިއްބަވަނީ:

  • ޒަމްޢަތު އަޙްމަދު ވަޙީދު - ނައިބު ރައީސް
  • ސަފާ ޝަފީޤް
  • އާމިނަތު ސަރާޙަތު ޢިއްޒަތު
  • ޙުސައިން ޘަގީފް އިޙްސާން
  • ސިމާހާ ނަސީމް
  • ޢަބްދުލްޢަޒީޒް އިބްރާހީމް

މިހާރު އޮތް މީޑިއާ ކޮމިޝަނަކީ، ސަރުކާރުން އެކުލަވާލި މީޑިއާ ބިލު ތަސްދީގުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެކެވެ.

މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް އަމަލުކުރަން ފެށި އާ ގާނޫނާ ގުޅޭ ގޮތުން ގިނަ އަދަދެއްގެ ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

comment ކޮމެންޓް