ރަސްމާލެ މައްސަލައިގައި ހުށަހެޅި ގަރާރުގެ މަސައްކަތް އެޖެންޑާކުރި ކޮމިޓީ މިއަދު ވެސް ކެންސަލް

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ރަސްމާލެ ގަރާރާ ގުޅޭ މައްސަލައިގައި މިއަދަށް ތާވަލުކުރި ބައްދަލުވުން ވެސް ނެތް --- ފޮޓޯ: މަޖިލިސް

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވައިލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތާމެދު ގޮތެއް ނިންމުމަށް މިއަދަށް ފަސްކުރި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.

އިއްޔެ މެންދުރު 12:30އަށް ވެސް މި ގަރާރުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ތާވަލުކުރިއެވެ. އެއަށްފަހު އެ ކޮމިޓީގެ ބައްދަލުވުން ވަނީ މިއަދަށް ފަސްކޮށްފައެވެ.

އޭގެ ފަހުން މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބާއްވަން ތާވަލުކުރީ މިއަދަށެވެ. ނަމަވެސް މިއަދު މެންދުރުފަހު 12:30އަށް ތާވަލުކުރި ބައްދަލުވުން ވަނީ ކެންސަލްކޮށްފައެވެ.

https://sun.mv/230971

މި ބައްދަލުވުން ކެންސަލްކުރި ވަކި ސަބަބެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން މި ގަރާރު މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީން މި މަހުގެ ދެވަނަ ދުވަހުއެވެ. ގާނޫނުގައިވާ ގޮތުން މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަމަށް ފެންނަ ކަންކަމުގައި ފެންނަނުފެންނަ ވޯޓެއް ނަގަން ކަނޑައެޅިދާނެއެވެ.

މީގެ އިތުރުން މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން އެފަދަ ހާލަތްތަކުގައި މެންބަރަކަށް ނުވަތަ މަޖިލީހުގެ ރައީސަށް ވެސް ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް ގަރާރެއް ހުށަހެޅިދާނެއެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން، އެފަދަ ގަރާރެއް ހުށަހަޅައިފިނަމަ މަޖިލީހުގައި އިއުލާނު ކުރުމަށްފަހު ބަހުސްކުރުމަކާ ނުލައި ދިރާސާކުރަން ކޮމިޓީއަކަށް ފޮނުވަން ޖެހެއެވެ.

މީގެ އިތުރުން، ގަރާރު ދިރާސާކޮށް ފުރިހަމަކުރުމަށްފަހު 14 ދުވަހުގެ ތެރޭގައި ތަޅުމަށް ފޮނުވަން ޖެހެއެވެ. ނަމަވެސް މި ގަރާރު ކޮމިޓީއަށް ފޮނުވައިފައިވަނީ ގަވާއިދާ ހިލާފަށް 20 ދުވަސް ފަހުންނެވެ. ގަވާއިދާ އެއްގޮތަށް އަމަލުނުކުރި ސަބަބެއް މަޖިލީހުގެ ރިޔާސަތުން ހާމައެއް ނުކުރެއެވެ.

ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ހުށަހެޅި ގަރާރާމެދު އަމަލުކުރުން ލަސްވެފައިވާއިރު، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލެވޭ ރިއަލް އެސްޓޭޓް ބިލު މިހާރު ވަނީ މަޖިލީހަށް ހުށަހަޅައި، ބަހުސްކޮށް، ދިރާސާކުރުމަށް ކޮމިޓީއަށް ވެސް ފޮނުވައިފައެވެ.

މި މަޝްރޫއާ ގުޅިގެން ފެންނަނުފެންނަ ވޯޓެއް ނެގުމަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުން ދިޔަނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކަމާ ގުޅޭގޮތުން އާންމުންގެ ފެންނަނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް