ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ސާފުވެއްޖެ، އުތުރަށް އަދިވެސް ގޯސް

މާލޭގެ ވައި ނުސާފުވުން: ބޭރަށް ނުކުމެ ނޫޅެވޭ މިންވަރަށް ވައި ނުސާފުވުމަށްފަހު މިހާރު ވަނީ ވައި ސާފުވާން ފަށާފައި--

ރާއްޖެއަށް ޖުމްލަގޮތެއްގައި ވައި ނުސާފު ދުވަސްތަކަކަށްފަހު ބޮޑު ބަޔަކަށް ވައި ސާފުވާން ފަށާފައިވާކަމަށް، ވައިގެ ކޮލިޓީ ދައްކުވައިދޭ އެޕެއް ކަމަށްވާ "އައިކިއު އެއާ"އިން ދައްކައިފިއެވެ.

"އައިކިއު އެއާ"އިން ދައްކާ ގޮތުގައި މިއަދު މާލޭގެ ވައިގެ ރޭޓިން 60 އާއި 80 އާ ދެމެދު އުޅޭއިރު ވިލިމާލޭގެ ކޮލިޓީ އުޅެނީ 79 ގައެވެ. މިފަހުން މި ސަރަހައްދުގެ ވައިގެ ކޮލެޓީ ސިއްހަތަށް ނުރައްކާ މިންވަރަށް ދަށްވިއެވެ.

ރާއްޖޭގެ ދެކުނަށް ބަލާއިރު، އާންމުގޮތެއްގައި ވައިގެ ކޮލިޓީ ވަރަށް ބޮޑަށް ރަނގަޅުވެފައިވީނަމަވެސް އައްޑޫ ސިޓީގެ ވައިގެ ކޮލިޓީ އަދިވެސް ހުރީ ނުރައްކާތެރި މިންވަރުގައެވެ. އެ ސަރަހައްދުގެ ރޭޓިން 112 ގައި ހުރިނަމަވެސް ފުވައްމުލައް ސިޓީގެ ރޭޓިން އުޅެނީ 73 ގައެވެ.

މިއާ ޚިލާފަށް ރާއްޖޭގެ އުތުރުގެ ހުރިހައި ހިސާބަކަށްވެސް އަދިވެސް ވައިގެ ކޮލިޓީ އުޅެނީ ވަރަށް ދަށްކޮށެވެ. އެގޮތުން ކުޅުދުއްފުށީ ސިޓީގެ ރޭޓިން މިވަގުތު ހުރީ 160 ގައެވެ. މިއީ އާންމުކޮށް ހުރިހާ މީހުންނަށްވެސް ވަރަށް ނުރައްކާތެރި މިންވަރެކެވެ.

ޔޫއެސް އޭކިއުއައި މިންގަނޑުގައިވާ ގޮތުން، 151 އިން 200 އާ ދެމެދުގެ އަދަދުތަކަކީ ސިއްހަތަށް ނުރައްކާތެރި މިންވަރެކެވެ. އަދި 101 އިން 150 އާ ދެމެދުގެ އަދަދުތަކަކީ ނާޒުކު ފަރާތްތަކުގެ ސިއްހަތަށް ނުރައްކާތެރި މިންވަރެކެވެ. މެދުމިނުގެ ދަރަޖަ ކަމަށްވާ 51 އިން 100 އާ ދެމެދުގެ އަދަދުތަކަކީ އާންމު ގޮތެއްގައި ވައިގެ ފެންވަރު ރަނގަޅު މިންވަރެއް ކަމަށް ބެލެވުނު ނަމަވެސް، އާދަޔާ ހިލާފަށް ނާޒުކު މީހުންނަށް އޭގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެކެވެ.

މިދޭތެރެއިން ރާއްޖޭގެ ވައިގެ ކޮލިޓީ ދަށްވެފައިވަނީ އިންޑިއާ ސަރަހައްދުން ޖެހެމުން އައި ވައި ތަޣައްޔަރުވެފައި ވުމުގެ ސަބަބުންނެވެ. އެހެން ނަމަވެސް މި ހަފްތާގައި ވައިގެ ކޮލިޓީ ރަނގަޅުވާން ފަށާނެކަމަށް މިދިޔަ ހޯމަ ދުވަހު މެޓުން ބުނެފައިވެއެވެ.

comment ކޮމެންޓް