ދުންފުހުން ސަލާމަތްވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާކޮށްފި

މާލޭގެ ވައި ނުސާފުވެފައި: ދުންފުހުން ސަލާމަތްވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން އިލްތިމާސެއް -- ސަން ފައިލް ފޮޓޯ

ކުރިއަށް އޮތް ތިން ދުވަހު ދުންފުހުގެ އަސަރު ބޮޑުވާނެކަމަށް މެޓް އޮފީހުން ލަފާކުރުމާ ގުޅިގެން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ވަނީ މިއަދު މުޅި ރާއްޖެއަށް ވެސް ދުންފުހުގެ އަސަރު ކުރަމުންދާ ކަމަށާއި ވަކިން ޚާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދުންފުހުގެ ސަބަބުން ދުރުފެންނަ މިންވަރު ދެ ކިލޯމީޓަރަށް ދައްވެފައިވާ ކަމަށް ބުނެފައެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބުތަކަކަށް ދުންފުހުގެ އަސަރުކުރާނެ ކަމަށް ބެލެވޭ ކަމަށާއި، އެހެންކަމުން ބޭރުގައި އެކި ހަރަކާތްތަކުގައި އުޅުއްވާ ފަރާތްތަކުން އެޗްޕީއޭއިން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.

https://sun.mv/230914

އެޗްޕީއޭއިން މިއަދު ވަނީ، ރާއްޖޭގެ އަތޮޅުތަކަށް ދުންފުހުގެ އަސަރު ޚާއްސަކޮށް އުތުރާ މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކުރިއަށް އޮތް ތިން ދުވަހަށް ބޮޑުވާނެ ކަމަށް މެޓް އޮފީހުން ލަފާކުރުމާއި ގުޅިގެން ސިއްހީ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި ވައި ސާފު މިންވަރު، މޯލްޑިވްސް އެއާ ކޮލެޓީ އިންޑެކްސް ނުވަތަ އައިކިއު އެއާ އެޕް މެދުވެރިކޮށް ބެލުމަށް ވެސް ވަނީ އިރުޝާދުދީފައެވެ.

އެޗްޕީއޭއިން ވަނީ އެންމެންވެސް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުންފަދަ ކަންތައްތައް މަޑުޖައްސާލުމަށް އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އެންމެންވެސް ބޭރަށް ނިކުންނަންޖެހޭ ހާލަތްތަކުގައި 'އެން 95'ގެ ނުވަތަ އެފަދަ މާސްކު އެޅުމާއި ބޭރުގެ ނުސާފު ވައި ނުވަންނާނެހެން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމުގެ އިތުރުން، އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

އައިކިއު އެއާ އެޕުން ދައްކާގޮތުން މިހާރު ރާއްޖޭގެ ވައިގެ ސާފުމިން އުޅެނީ ރަތް ސަމާލުގައެވެ. އެއީ ވައިގެ ރޭޓިން 151 އަށްވުރެ މަތިވުމުންނެވެ. ރަތް ސަމާލު ނެރުމުން ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެންނަށްވެސް ބޮޑެވެ.

އައިކިއު އެއާއިން ދައްކާގޮތުން މިހާރު މާލޭގައި ވައިގެ ރޭޓިން އުޅެނީ 170 ގައެވެ. ކުޅުދުއްފުށި ސިޓީގައި ވައިގެ ރޭޓިން 159 ގައި ހުރިއިރު، ފުވައްމުލައް ސިޓީގައި ވައިގެ ރޭޓިން އުޅެނީ 152 ގައެވެ. އަދި ދ. ކުޑަހުވަދޫގައި ވައިގެ ރޭޓިން 174 ގައި އުޅޭއިރު ށ. ދުނަދޫގައި ވައިގެ ރޭޓިން އުޅެނީ 154 ގައެވެ.

ވައި ތަގައްޔަރުވުމަކީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ނުރައްކާތެރި ކަމަކަށް ވާއިރު، ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް މިކަމުގެ ސަބަބުން ނޭދެވޭ އަސަރުތައް ކުރާ މިންވަރު އިތުރުވާނެ ކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެހެންކަމުން ވައި ނުސާފުވާ ހާލަތްތަކުގައި ފުއްޕާމޭގެ ބަލިތަކާއި، ހިތުގެ ބައްޔާއި، އެލާޖީގެ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ނޫޅުމަށާއި، ބޭރަށް ނުކުންނަ ނަމަ މާސްކު ބޭނުންކުރުމަށް ސިއްހީ މާހިރުން އިރުޝާދުދެއްވައެވެ.

comment ކޮމެންޓް