ޑިފެންސް މިނިސްޓަރު ޙަސަން، އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިތު ދޯވަލްއާ ބައްދަލުކުރައްވައިފި

ޑިފެންސް މިނިސްޓަރު ހަސަން ރަޝީދާއި އިންޑިއާގެ އެންއެސްއޭ އަޖިތު ދޯވަލް -- ފޮޓޯ: އިންޑިއާ ހައިކޮމިޝަން

ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ދިފާޢީ އަދި ސަލާމަތީ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ މިނިސްޓަ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސް ޙަސަން ރަޝީދު، އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު (އެންއެސްއޭ) އަޖިތު ދޯވަލްއާ ބައްދަލުކުރައްވައި މިއަދު މަޝްވަރާކުރައްވައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، މި ބައްދަލުވުން ކުރިއަށްދިޔައީ ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވް (ސީއެސްސީ) ގެ އަށްވަނަ އެންއެސްއޭ ފެންވަރުގެ ބައްދަލުވުމުގެ ހަވާސާގައެވެ.

މި ބައްދަލުވުމާ ގުޅޭގޮތުން ދިފާއީ ވުޒާރާއިން ބުނީ ދެ ގައުމުގެ މަސްލަޙަތު ހިމެނޭ އެކި ދާއިރާތަކުން ޚިޔާލު ބަދަލުކުރުމުގެ ފުރުސަތު މި ބައްދަލުވުމުގެ ތެރެއިން ލިބިގެންދިޔަ ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާއާ ދެމެދު ޒަމާނުއްސުރެ އޮތް ބައިވެރިވުމާއި ދިފާޢީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެބޭފުޅުންގެ ފަރާތްޕުޅުން އަލުން ޔަޤީންކަން ދެއްވި ކަމަށް ވެސް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްއަކީ އިންޑިއާ ކަނޑުގެ ސަރަޙައްދީ ސަލާމަތީ ގޮންޖެހުންތަކާ ގުޅިގެން މަސައްކަތްކުރުމަށް އެކުލަވާލާފައިވާ އިއްތިހާދެކެވެ. މީގެ ކުރިން ބޭއްވުނު މި ބައްދަލުވުމުގެ ހަތް ވަނަ ބައްދަލުވުން އިންޑިއާގެ ނިއުދިއްލީގައި ބޭއްވިއިރު، އެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އަޖިތު ދޯވަލްއެވެ. އެ ބައްދަލުވުމުގައި ރާއްޖެ، މޮރިޝަސް، ސްރީލަންކާ އަދި ބަންގްލަދޭޝް ފަދަ މެންބަރު ޤައުމުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން ސީޝެލްސް އޮބްޒާވަރެއްގެ ގޮތުގައި އަދި މެލޭޝިއާ މެހުމާނެއްގެ ގޮތުގައި ބައިވެރިވިއިރު، ސީޝެލްސް އިން ފުރިހަމަ މެންބަރެއްގެ ގޮތުގައި ބައިވެރިވުމަށް ނިންމި ނިންމުމަށް އެ ފަހަރު ވަނީ މަރުޙަބާ ކިޔާފައެވެ.

ކޮލޮމްބޯ ސެކިއުރިޓީ ކޮންކްލޭވްގެ މެންބަރު ޤައުމުތަކުން ގުޅިގެން މައިގަނޑު ފަސް ދާއިރާއަކުން މަސައްކަތްކުރެއެވެ. އޭގެ ތެރޭގައި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން، ޓެރަރިޒަމާއި ހައްދުފަހަނައެޅުމާ ދެކޮޅަށް މަސައްކަތްކުރުން، ޤަވާޢިދާ ޚިލާފަށް މުދަލާއި މީހުން ޓްރެފިކް ކުރުމާއި ބައިނަލްއަޤްވާމީ ކުށްތައް ހުއްޓުވުން، ސައިބަރ ސެކިއުރިޓީ އަދި މުހިންމު ޓެކްނޮލޮޖީ ރައްކާތެރިކުރުން، އަދި އިންސާނީ އެހީތެރިކަމާއި ކާރިސާތަކުން އަރައިގަތުމުގެ ދާއިރާ ހިމެނެއެވެ. 7 ވަނަ ބައްދަލުވުމުގެ ކުރިންވެސް އަޖިތު ދޯވަލް ވަނީ ދިވެހި ވަފުދާ ބައްދަލުކުރައްވައި ދެޤައުމުގެ ސަލާމަތީ ގުޅުމާއި ޤާބިލުކަން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އިންޑިއާގެ އެންމެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ޤައުމީ ސަލާމަތާ ބެހޭ މުޝީރު، އަޖިތު ދޯވަލްއަކީ އެ ޤައުމުގެ ޖާސޫސީ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އިންޑިއަން ޕޮލިސް ސާވިސްގެ ރިޓަޔަޑް އޮފިސަރެއް ކަމަށްވާ ދޯވަލް، އެންއެސްއޭގެ މަޤާމަށް ފުރަތަމަ އައްޔަންކުރެވުނީ 30 މޭ 2014 ގައި، ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެރިކަމާ ޙަވާލުވެވަޑައިގަތުމާ ގުޅިގެންނެވެ. އޭގެ ކުރިން އޭނާ ވަނީ 2004 އިން 2005 އަށް އިންޑިއާގެ ޖާސޫސީ އިދާރާ (އައިބީ) ގެ ޑިރެކްޓަރުކަން ކުރައްވާފައެވެ. ދެހާސްނަވާރައިގައި ކެބިނެޓް ފެންވަރުގައި އިތުރު ފަސް އަހަރަށް އައްޔަންކުރެވުނު އިރު، ޖޫން 2024 ގައި ވަނީ ތިންވަނަ ދައުރަކަށް އިތުރު ފަސް އަހަރުގެ މުއްދަތެއް ދެއްވާފައެވެ. ދޯވަލްއަކީ ބޮޑުވަޒީރު މޯދީގެ އަރިހުގައި ޚާރިޖީ ގިނަ ދަތުރުފުޅުތަކުގައި ބައިވެރިވެވަޑައިގަންނަވާ، ޚާރިޖީ ސިޔާސަތުތައް އެކަށައެޅުމުގައި އިސް ދައުރެއް އަދާކުރައްވާ އެންމެ އިތުބާރު ހިފޭ އެއް އޮފިޝަލެވެ.

comment ކޮމެންޓް