އިންޑިއާގެ މެޑިކަލް ތާރީޚުގައި އާ ބާބެއް ފަށަމުން ފުރަތަމަ ފީޓަލް ސްޕައިން ސާޖަރީ ކާމިޔާބުކަމާއެކު ނިންމާލައިފި

ބަނޑުގައި އޮތް ދަރިފުޅުގެ މައިބަދައިގެ އުނިކަން ރަނގަޅުކުރުމަށް އިންޑިއާގެ އޭމްސް ހޮސްޕިޓަލުން ވަނީ ތާރީޚީ އޮޕަރޭޝަނެއް ކޮށްފަ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މާބަނޑު ދުވަސްވަރުގެ 25 ވަނަ ހަފުތާގައި އުފަންނުވާ ކުއްޖެއްގެ މައިބަދައިގެ އުނިކަމެއް ރަނގަޅުކުރުމަށް، އިންޑިއާގައި ކުރިއަށް ގެންދިޔަ ފުރަތަމަ އޯޕަން ފީޓަލް ސާޖަރީ ނިއުދިއްލީގެ އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް)ގެ ޑޮކްޓަރުން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މީގެ ދެ ހަފްތާ ކުރިން ކުރިއަށް ގެންދިޔަ މި ނާޒުކު އޮޕަރޭޝަނަށް ހަ ގަޑިއިރު ހޭދަވިއިރު، މިއީ އިންޑިއާގެ ފީޓަލް މެޑިސިންގް ދާއިރާގައި ލިބުނު ތާރީޚީ ކުރިއެރުމެކެވެ. އާންމުކޮށް ވިހެއުމަށް ފަހު ކުރާ މިފަދަ އޮޕަރޭޝަނެއް ކުއްޖާ އުފަންވުމުގެ ކުރިން ކުރިއަށް ގެންދިއުމަކީ، ސީރިއަސް އުނިކަން ހުންނަ ކުދިންގެ ޢާއިލާތަކަށް ލިބުނު އާ އުންމީދެކެވެ.

މި އޮޕަރޭޝަން ކޮށްފައިވަނީ 'މައިލޯމެނިންގޯސީލް' ކިޔާ ނުރައްކާތެރި ޙާލަތެއް ދިމާވެފައިވާ ތުއްތު ކުއްޖަކަށެވެ. އެއީ މައިބަދައިގެ ކަށިތަކުގައި ހުންނަ ލޯވަޅަކުން ސްޕައިނަލް ކޯޑުގެ ބައެއް ނުވަތަ ނާރުތަކާއި އޭގެ ރައްކާތެރި ފަށަލަ ބޭރަށް ނުކުމެފައި ހުންނަ ޙާލަތެކެވެ. ގާތްގަނޑަކަށް ހަ ގަޑިއިރަށް ދެމިގެންދިޔަ މި އޮޕަރޭޝަނުގައި 30 އަށްވުރެ ގިނަ ޑޮކްޓަރުންނާއި ނަރުހުން އަދި ޞިއްޙީ އެހީތެރިން ބައިވެރިވިއިރު، އޮޕަރޭޝަނަށްފަހު މައިމީހާ އާއި ދަރިފުޅުގެ ޙާލަތު އަންނަނީ ވަރަށް ގާތުން ބަލަމުންނެވެ.

މި ޓީމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތީ އެއިމްސް ދިއްލީގެ ނިއުރޯސާޖަރީ ޕްރޮފެސަރު ޑރ. ދީޕަކް ގުޕްތާއާއި، މެޓާނަލް-ފީޓަލް މެޑިސިން އަދި އަންހެނުންގެ ބަލިތަކުގެ ޚާއްޞަ ޑޮކްޓަރުން ކަމަށްވާ ޑރ. ނީނާ މަލްހޯތުރާ އާއި ޑރ. ކޭ އަޕަރްނާ ޝަރުމާއެވެ. މި އޮޕަރޭޝަން ކޮށްދީފައިވަނީ އިންޑިއާ ސަރުކާރުގެ 'ޖަނަނީ ޝިޝޫ ސުރަކްޝާ ކާރިޔަކްރަމް' ސްކީމުގެ ދަށުން އެއްވެސް އަގަކާ ނުލައި މުޅިން ހިލޭ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އިންޑިއާގެ ޑޮކްޓަރުންތަކެއް ތިއޭޓަރުގައި ހަރަކާތްތެރިވަނީ--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މި ކާމިޔާބީއާއެކު، މީގެ ކުރިން ދުނިޔޭގެ ވަރަށް މަދު ޚާއްޞަ މަރުކަޒުތަކަކުން އެކަނި ލިބެން ހުރި ފަރުވާއެއް އިންޑިއާގެ އާއިލާތަކަށް މިވަނީ ފަހިވެފައެވެ. ވިހެއުމަށްފަހު އޮޕަރޭޝަން ކުރުމަށް މަޑުކުރުމުގެ ބަދަލުގައި، ބަނޑުގައި އޮއްވައި ހާމަވެފައިވާ ސްޕައިނަލް ކޯޑު ރަނގަޅުކުރުމުގެ ފުރުޞަތު ލިބުނު ނަމަވެސް، މިއީ މި ޙާލަތަށް އޮތް މުޅިން ފަސޭހަވާ ފަރުވާއެއް ނޫނެވެ. ޚާއްޞަ ގޮތެއްގައި ބަލައި ހޮވާލެވޭ ކުދިންނަށް އުފަންވުމުގެ ކުރިން ކުރާ މި އޮޕަރޭޝަނުން ނާރުތަކުގެ މަސައްކަތް ރަނގަޅުވުމުގެ ފުރުޞަތު ބޮޑުވިޔަސް، އޭގެ ކުރިން ލިބިފައިވާ ގެއްލުމެއް އަނބުރާ އިޢާދައެއް ނުކުރެވެއެވެ.

މި ކަމުގައި އެންމެ މުހިންމުކަމަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ޤާއިމުވެފައިވާ މިފަދަ އުނދަގޫ ފަރުވާގެ ނިޒާމެއް އިންޑިއާގެ ޢާންމު ސަރުކާރުގެ ހޮސްޕިޓަލެއްގައި ތަޢާރަފުކުރެވުން ކަމަށް ޑރ. ގުޕްތާ ވިދާޅުވެއެވެ.

"ސައިންސާއި، ގުޅިގެން ކުރެވޭ މަސައްކަތާއި، އަޚްލާޤީ މިންގަނޑުތަކާއި، ޢާންމު ޞިއްޙީ ދާއިރާއަށް އޮތް ޚިދުމަތުގެ ރޫޙާއެކު، ދުނިޔޭގެ ފެންވަރުގެ އެންމެ އުނދަގޫ ފީޓަލް ފަރުވާތައް އިންޑިއާގެ އާއިލާތަކަށް ފޯރުކޮށްދިނުމުގެ ޤާބިލުކަން އަޅުގަނޑުމެންގެ ކިބައިގައި ހުރިކަން މި ކާމިޔާބީން ދައްކުވައިދޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

މައިލޯމެނިންގޯސީލްއަކީ 'ސްޕައިނާ ބިފިޑާ' ކިޔާ ބަލީގެ އެންމެ ނުރައްކާތެރި އަދި ހާމައަށް ހުންނަ ބާވަތެވެ. މާބަނޑުވުމުގެ ފުރަތަމަ މަހުގެ ތެރޭގައި، ގިނަ ފަހަރަށް މާބަނޑުކަން އެނގުމުގެވެސް ކުރިން، ސިކުނޑިއާއި ސްޕައިނަލް ކޯޑު އުފެދޭ 'ނިއުރަލް ޓިއުބް' އެއްކޮށް ނުބެދި ހުރުމުން މި އުނިކަން ދިމާވެއެވެ.

މި ޙާލަތުގައި މައިބަދައިގެ ކަށިތަކުގައި އުފެދޭ ލޯވަޅަކުން ނާރުތަކުގެ ރައްކާތެރި ފަށަލަ އާއި ސްޕައިނަލް ކޯޑުގެ ބައެއް ބޭރަށް ނުކުމެފައި ހުންނަ އިރު، މާބަނޑު ދުވަސްވަރު އެ ނާރުތަކަށް އިތުރު ގެއްލުންތައް ލިބުމުގެ ފުރުޞަތު ބޮޑެވެ. އުނިކަން ހުންނަ ތަނަކާއި ބޮޑުމިނަށް ބަލައި، އުފަންވާ ކުދިންގެ ފައިގެ ބާރުދެރަވުން ނުވަތަ ވާގިނެތުމާއި، ހިނގަން އުނދަގޫވުމުގެ އިތުރުން ކުޑަކަމުދިއުމާއި ބޮޑުކަމުދިއުން ކޮންޓްރޯލް ކުރުމުގައި މައްސަލަތައް ކުރިމަތިވެއެވެ. މީގެ އިތުރުން، ސިކުނޑީގައި ފެން އުފެދޭ 'ހައިޑްރޯސެފަލަސް' ޖެހި އެ ފެން ހިންދުމަށް ސިކުނޑިއަށް ހޮޅިއެއް ލައްވަންޖެހުމާއި، ސިކުނޑީގެ ފަހަތު ބައި މައިބަދައިގެ މަގަށް ތިރިވުމުގެ މައްސަލަވެސް ބައެއް ކުދިންނަށް ދިމާވެއެވެ. އެހެންނަމަވެސް، މި ބަލީގެ އަސަރު ކުދިންނަށް ކުރާ މިންވަރު ތަފާތުވެފައި، އެހީއަކާ ނުލައި އަމިއްލައަށް ހިނގޭ ކުދިންނާއި، ބްރޭސް، ވޯކާ ނުވަތަ ފުރޮޅުލީ ގޮނޑިއާއެކު ދާއިމީ ޞިއްޙީ އެހީތެރިކަން ބޭނުންވާ ކުދިންވެސް އުޅެއެވެ.

އާންމު އުޞޫލުން މައިބަދައިގެ މި އުނިކަން ރަނގަޅުކުރަނީ ކުއްޖާ ވިހެއުމަށްފަހު ނަމަވެސް، ފީޓަލް ސާޖަރީއިން މަސައްކަތް ކުރަނީ މާބަނޑު ދުވަސްވަރު މާ ކުރިން ފަރުވާދިނުމަށެވެ. އެގޮތަށް ފަރުވާދޭން ޖެހެނީ ބަނޑުގައި އޮންނަ ދުވަސްވަރު ރަޙިމުގެ ތެރޭގައި ހުންނަ ފެނުގެ އަސަރާއި އެހެނިހެން ސަބަބުތަކާހެދި ހާމަވެފައިވާ ސްޕައިނަލް ކޯޑަށް އިތުރު ގެއްލުންތައް ލިބެމުންދާތީއެވެ. ވީމާ، ވިހެއުމުގެ ކުރިން އެ ލޯވަޅު ބެއްދުމަކީ ނާރުތަކަށް އިތުރު ގެއްލުން ލިބުމުން ރައްކާތެރިކޮށްދޭ ކަމެކެވެ.

މި އޮޕަރޭޝަން ކުރަނީ ވަރަށް ބޮޑަށް ބަލައި ހޮވާލެވޭ މާބަނޑު މީހުންނަށް 24 ވަނަ ހަފުތާ އާއި 26 ވަނަ ހަފުތާއާ ދެމެދު ކަމަށް، އަންހެނުންގެ ބަލިތަކުގެ ޕްރޮފެސަރު ޑރ. އަޕަރްނާ ޝަރުމާ ވިދާޅުވެއެވެ.

މައިލޯމެނިންގޯސީލް ރަނގަޅުކުރުމަށް ކުރާ އޯޕަން ފީޓަލް ރިޕެއާ އޮޕަރޭޝަންތަކަކީ އެމެރިކާ، ލެޓިން އެމެރިކާ އަދި ޔޫރަޕްގެ ޗިލްޑްރަންސް ހޮސްޕިޓަލް އޮފް ފިލަޑެލްފިއާ، ޔޫސީއެސްއެފް، ޔުނިވާސިޓީ ހޮސްޕިޓަލްސް ލޫވެން އަދި ޔުނިވާސިޓީ ކޮލެޖް ލަންޑަން ހޮސްޕިޓަލްސް ފަދަ ޚާއްޞަ މަރުކަޒުތަކުގައި މިހާރުވެސް ކުރަމުން އަންނަ ފަރުވާއެކެވެ.

ޢާންމުކޮށް އޯޕަން ސާޖަރީ ނުވަތަ ފީޓޮސްކޯޕިކް ސާޖަރީ ހަދާއިރު، އެއިމްސްއިން ހެދީ އޯޕަން ސާޖަރީއެވެ. އެމެރިކާގެ 'މޮމްސް' ދިރާސާއިން ދައްކާގޮތުގައި ވިހެއުމަށްފަހު އޮޕަރޭޝަން ކުރުމާ އަޅާބަލާއިރު ބަނޑުގައި އޮއްވައި އޮޕަރޭޝަން ކުރާ ކުދިންނަށް ސިކުނޑިން ފެން ހިންދަން ހޮޅި ލައްވަންޖެހޭ މިންވަރު މަދުވެ، ސިކުނޑީގެ ފަހަތު ބައި ތިރިވުމުގެ މައްސަލަ ކުޑަވެ، ހަރަކާތްތެރިކަމުގެ ބައެއް ކަންކަމަށް ކުރިއެރުން ލިބެއެވެ.

މިފަދަ ބޮޑު އޮޕަރޭޝަނެއްގެ ސަބަބުން މައިމީހާއަށް ލޭފޭބުމާއި، އިންފެކްޝަނާއި، ހޭނެއްތުމުގެ މައްސަލަތަކުގެ އިތުރުން، ދުވަސްނުފުރާ ވިހެއުމާއި، ފެންމަދުވުމާއި، ދަރިފުޅު ބައިގެންދިއުން ފަދަ ނުރައްކާތައް ކުރިމަތިވެދާނެއެވެ. އަދި ރަޙިމު ކަފައިގެން އޯޕަން ފީޓަލް ސާޖަރީ ހަދާ މީހުންނަށް ކުރިމަގުގައި ލިބޭ ކުދިން ވިހެއުމުގައި ރަޙިމު ފަޅައިގެންދިއުމުގެ ފުރުޞަތު ބޮޑުވާތީ، ކުރިން ރާވައިގެން ސިޒޭރިއަން ހަދަންޖެހެއެވެ. އެހެންކަމުން، މި ނުރައްކާތައް ސާފުކޮށްދީ، އެންމެ އެކަށީގެންވާ މީހުން ހޮވުން މުހިންމެވެ.

އިންޑިއާގައި އަހަރަކު ގާތްގަނޑަކަށް 1.2 ލައްކަ ކުދިން ނިއުރަލް ޓިއުބް ޑިފެކްޓްސްއާއެކު އުފަންވާއިރު، އޭގެ ތެރެއިން 20,000 އާއި 30,000 އާ ދެމެދުގެ އަދަދެއްގެ ކުދިންނަށް މައިލޯމެނިންގޯސީލް ފަދަ ހާމަވެފައި ހުންނަ އުނިކަންތައް ހުރެއެވެ. އެހެންކަމުން، ޒަމާނީ ފީޓަލް ފަރުވާތަކުގެ އިތުރުން، ބަލިވެއިނުމުގެ ކުރިންނާއި ފުރަތަމަ ދުވަސްކޮޅު 'ފޯލިކް އެސިޑް' ބޭނުންކުރުމާއި، ކާބޯތަކެތީގައި ބޭނުންތެރި މާއްދާތައް ހިމެނުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރުމަކީ މި މައްސަލައަށް އޮތް އެންމެ މުހިންމު ޙައްލެވެ.

comment ކޮމެންޓް