ހަކުރުބަލި ހުންނަ ކެންސަރު ބަލިމީހުންގެ އޮޕަރޭޝަންތަކުގައި އިތުރު ފަރުވާ އާއި ޚާއްޞަ ސަމާލުކަމެއް ބޭނުންވާ ކަމަށާއި، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލް ނުކުރެވި ހުރުމަކީ ސިއްޙީ އުނދަގޫތައް ކުރިމަތިވެ، ހޮސްޕިޓަލުގައި އޮންނަންޖެހޭ މުއްދަތު ދިގުލައިގެންދާނެ ކަމެއް ކަމަށް މާހިރުން ވިދާޅުވެއްޖެއެވެ.
އޮޕަރޭޝަނަށްފަހު އިންފެކްޝަން އުފެދުމުގެ ފުރުޞަތު ބޮޑުވެ، ފާރުގަނޑު ފަސޭހަވުން ލަސްވާތީ، ކެންސަރުގެ ފަރުވާ ފެށުމުގެ ކުރިން ލޭގެ ހަކުރު ކޮންޓްރޯލް ކުރުމުގެ މުހިންމުކަން މާހިރުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން، ރައްކާތެރިކަމާއެކު އަވަހަށް ރަނގަޅުވުމަށްޓަކައި އޮޕަރޭޝަންގެ ކުރިން ހަކުރު ކޮންޓްރޯލް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
މުމްބާއީގެ އެސްއެސްއޯ ހޮސްޕިޓަލުގެ ހެޑް އެންޑް ނެކް ކެންސަރު ސާޖަން ޑރ. އަމިތު ޗަކްރަބޯތީ ވިދާޅުވި ގޮތުގައި، ލޭގައި ހަކުރު މަތިވެފައި ހުރުމުން ލޭ ދައުރުކުރުމަށް ބުރޫއަރައި، ދިފާޢީ ނިޒާމު ބަލިކަށިވެ، ޓިޝޫތައް އަލުން އުފެދުން ލަސްވެއެވެ. މި ސަބަބުތަކާ ހެދި އޮޕަރޭޝަނަށްފަހު ފާރުގަނޑުގައި އިންފެކްޝަން އަށަގަތުމާއި، ޒަޚަމް ބެދުން ލަސްވުމުގެ އިތުރުން، ބައެއް ފަހަރު އިތުރު ފަރުވާދޭން ޖެހުމުގެ ފުރުޞަތު ބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކެންސަރުގެ އޮޕަރޭޝަންތަކަށް ތައްޔާރުވާއިރު، ޞިއްޙީ ރަނގަޅު ކާނާއާއެކު ޤަވާއިދުން ލޭގެ ހަކުރު މިންވަރު ބެލުމަކީ ރައްކާތެރިކަމާއެކު އަވަހަށް ޝިފާލިބުމަށް އެޅޭ މުހިންމު ފިޔަވަޅެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސްމިފަދަ ޙާލަތްތަކުގައި ހަކުރު ކޮންޓްރޯލް ކުރެވިފައިވާ މިންވަރު ބެލުމަށް 'އެޗްބީއޭ1ސީ' ޓެސްޓު ހިމެނޭހެން ލޭގެ ހަކުރު ޓެސްޓުތައް ހެދުމަށް ޑރ. އަމިތު ލަފާދެއްވައެވެ. އޮޕަރޭޝަންގެ ކުރިންނާއި ފަހުން ހަކުރު ކޮންޓްރޯލް ކުރުމުން އުނދަގޫތައް ކުޑަވި ނަމަވެސް، ހަކުރު އެންމެ ފުރިހަމައަށް ތިރިކުރުމަށްޓަކައި ކެންސަރުގެ ފަރުވާ ބޭކާރު ގޮތުގައި ލަސްކޮށްގެން ނުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި، ކޮންމެ ބަލިމީހެއްގެ ޙާލަތަށް ވަކިން ބަލައި، ފަރުވާދޭ ޓީމުން އެކަމުގައި ގޮތެއް ނިންމަންޖެހޭ ކަމަށް ޑރ. އަމިތު ވިދާޅުވިއެވެ.
މި މައުޟޫއާ ގުޅޭގޮތުން މައުލޫމާތު ޕީޓީއާއި ނޫހާ ހިއްސާ ކުރައްވަމުން މުމްބާއީގެ އެޕޯލޯ ސްޕެކްޓްރާގެ އެންޑޮކްރިނޮލޮޖިސްޓް ޑރ. ބާވިކް ސަގްލާނީ ވިދާޅުވީ ކެންސަރުގެ އޮޕަރޭޝަނަށް ތައްޔާރުވާއިރު، އަމިއްލައަށް ހަކުރުބަލީގެ ބޭސް ހުއްޓާލުމަކީ ނުވަތަ އިންސިއުލިން ޑޯޒަށް ބަދަލު ގެނައުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި، އޮޕަރޭޝަން ކައިރިވުމުން ބޭސް ބޭނުންކުރާނެ ގޮތާއި، ނުކައި ހުންނަންޖެހޭ ވަގުތުތަކާއި، ހަކުރު މޮނިޓާ ކުރާނެ ގޮތުގެ އިރުޝާދު ދޭނީ ފަރުވާދޭ ޓީމުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު، އޮޕަރޭޝަނަށްފަހު ފާރުގަނޑު ހުންނަ ހިސާބު އިތުރަށް ރަތްވުމާއި، ދުޅަވުމާއި، އާދަޔާ ޚިލާފު ދިޔައެއް އައުމާއި، ހުންއައުމާއި، ތަދު ގަދަވުމުގެ އިތުރުން ފާރުގަނޑު ފަސޭހަނުވެ ދިގުލައިދިއުން ފަދަ އަލާމާތްތަކަށް ސަމާލުވާންޖެހޭ ކަމަށް ޑރ. ބާވިކް ވިދާޅުވިއެވެ. މިފަދަ އަލާމާތެއް ފެނުމާއެކު ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމުން ކުދިކުދި މައްސަލަތައް ބޮޑެތި ނުރައްކާތަކަށް ވުމުގެ ކުރިން ހައްލުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޮޕަރޭޝަނަށް ރަނގަޅަށް ތައްޔާރުވެ، ޑޮކްޓަރުންނާ ގުޅުން ބަދަހިކޮށް، ޤަވާއިދުން ހަކުރު ޗެކްކުރުމަކީ ރައްކާތެރިކަމާއެކު އަވަހަށް ރަނގަޅުވުމަށް ލިބޭނެ ބޮޑު ބާރެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކެންސަރުގެ ފަރުވާއަކީ ޖިސްމާނީ ގޮތުން ވަރަށް ބޮޑަށް ވަރުބަލިކުރުވާ ކަމަކަށް ވާއިރު، ހަކުރުބަލި ހުންނަ މީހުންނަށް މިކަމުގެ އަސަރު އިތުރަށް ބޮޑުވާ ކަމަށް މުމްބާއީގެ ޒައިނޯވާ ޝެލްބީ ހޮސްޕިޓަލުގެ ކޮންސަލްޓަންޓް މެޑިކަލް އޮންކޮލޮޖިސްޓް އަދި ހީމަޓޯ-އޮންކޮލޮޖިސްޓް ޑރ. ދީޕް ވޯރާ ވިދާޅުވިއެވެ.
އެހެންކަމުން، ފަރުވާގެ މުޅި މުއްދަތުގައިވެސް ހަކުރު ކޮންޓްރޯލްކޮށް، ޑޮކްޓަރުންގެ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ޑރ. ދީޕް އިލްތިމާސް ކުރެއްވިއެވެ. ހަކުރުބަލި މެނޭޖްކުރުމަކީ ކެންސަރު ފަރުވާއާ ވަކިން އޮންނަ ކަމެއް ނޫން ކަމަށާއި، އެއީ އޮޕަރޭޝަނަށް ހަށިގަނޑު ތައްޔާރުކޮށް، އޮމާންކަމާއެކު ބަލިން އަރައިގަތުމަށް އެހީތެރިވެދޭ މުހިންމު ބައެއްކަން ބަލިމީހުން ދަންނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.