ރައީސް ނަޝީދަށް ސޯޝަލް މީޑިއާގައި ހަޑިހުތުރު ބަހުން މުހާތަބު ކުރި، ހައިކޯޓުގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނިޒާމް ވަކިކުރީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
ހައިކޯޓުގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލްގެ މަޤާމުގައި ހުންނެވި މ. މޮޑަންކޮމެޓް، މުޙައްމަދު ނިޡާމް ސޯޝަލް މީޑިއާގައި ސިޔާސީ ފަރާތްތަކަށާއި ޖޭއެސްސީއަށް އަމާޒުކޮށް ބޭއަދަބީ ބަހުރުވައިން ޕޯސްޓުތަކެއް ކުރި މައްސަލައިގައި އޭނާ ވަޒީފާއިން ވަކިކުރީ ޤާނޫނާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން މިގޮތަށް ނިންމެވީ އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.
މި މައްސަލައަކީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފޭސްބުކް މެދުވެރިކޮށް ސިޔާސީ ފަރާތްތަކަށާއި ޝަރުޢީ ދާއިރާއަށް ނިސްބަތްކޮށް އެކަށީގެންނުވާ ބަސްމަގުން ޕޯސްޓުތައް ކުރި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންނާއި ވިސްލްބްލޯވަރަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބެލުމަށްފަހު، ފަހެއް ޑިސެންބަރު 2019 ގައި ނޯޓިސް ދިނުމަކާ ނުލައި ނިޡާމް ވަޒީފާއިން ވަކިކުރި މައްސަލައެކެވެ.
ނިޡާމްގެ ފަރާތުން ކޯޓުގައި ދިފާޢެއްގެ ގޮތުގައި ބުނެފައިވަނީ، އެ އެކައުންޓަކީ އޭނާގެ ނަމުގައި އޮތް އެކައުންޓެއް ނޫން ކަމަށާއި އެއީ ހެކްކޮށްފައިވާ އެކައުންޓެއް ކަމަށެވެ. ނަމަވެސް އެ އެކައުންޓުގައި ނިޡާމްގެ ދަރިންގެ ފޮޓޯތަކާއި، އަމިއްލަ ދިރިއުޅުމުގެ މައުލޫމާތާއި މާސްޓަސް ތީސީސްގެ ކަވަރު ފޮޓޯ ހުރުމުގެ އިތުރުން، އެކައުންޓް ހެކްވި ކަމަށް ބުނި ފަހުން ވެސް އޭނާ އަމިއްލައަށް އެ އެކައުންޓް ބޭނުންކޮށްފައިވާކަން ބަޔާނުން އެނގެން އޮތް ކަމަށް ޙުކުމުގައި ފާހަގަކޮށްފައިވެއެވެ. އަދި އެކައުންޓް ހެކްކުރި ކަމަށް ބުނުން ފިޔަވައި އެކަމުގެ އެއްވެސް ހެއްކެއް ނިޡާމަށް ދެއްކިފައި ނުވާތީ، މަދަނީ މިންގަނޑުން އެ ދަފްޢު ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔުގައި ފާހަގަކުރައްވާފައިވަނީ:
އިޖުރާއީ އަދި މައުޟޫޢީ ޢަދުލުވެރިކަން: ނިޡާމަށް ތުހުމަތުތައް ސާފުކޮށްދީ ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވާތީ އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަވެފައިވާ ކަމަށެވެ. އަދި ޝަރުޢީ ދާއިރާގެ އިސް މަޤާމެއްގައި ހުރެ، ސިޔާސީ ގޮތުން ވަކި ފަރާތަކަށް ޖެހި ބޭއަދަބީ ބަހުރުވައިން ޢަމަލުކުރުމަކީ ވަޒީފާގެ އިތުބާރު ގެއްލޭ ފަދަ "ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް" ކަމަށްވާތީ، ނޯޓިސް ނުދީ ވަކިކުރުމުގެ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމަށެވެ.
ހައިކޯޓުގެ ނިންމުން ބާތިލުވުން: މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ނެތް ކަމަށް ބަލައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ބަދަލު ނަގައިދިނުމަށް މައްސަލަ ތަޙުވީލުކުރަން ހައިކޯޓުން ކުރި ޙުކުމަކީ ޤާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައެޅިއެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ އިތުރުން ހިމެނިވަޑައިގެންނެވީ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ.