ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ރަސްމާލޭގައި މަޝްރޫއެއް ކުރިއަށް ގެންދަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތާމެދު ގޮތެއް ނިންމުމަށް އެޖެންޑާކުރި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ކެންސަލްކޮށްފިއެވެ.
މިއަދު މެންދުރު 12:30 އަށް ތާވަލުކުރި މާލިއްޔަތު ކޮމިޓީގެ މި ބައްދަލުވުމުގެ އެޖެންޑާގައި އޮތީ އެ ގަރާރުގެ މަސައްކަތް ނިންމުމުގެ ސުންގަޑި ކަނޑައަޅައި މަސައްކަތް ކުރިއަށްގެންދާނެ ގޮތަކާމެދު މަޝްވަރާކުރުމާއި، ކޮމިޓީގައި ހުރި އެހެނިހެން މައްސަލަތައް ދިރާސާކުރުމެވެ.
ނަމަވެސް، މި ބައްދަލުވުން ކެންސަލްކުރި ވަކި ސަބަބެއް މަޖިލީހުން ހާމަކޮށްފައެއް ނުވެއެވެ.
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން މި ގަރާރު މަޖިލީހަށް ހުށަހެޅީ އިދިކޮޅު އެމްޑީޕީން މި މަހުގެ ދެވަނަ ދުވަހުއެވެ. ގާނޫނުގައިވާ ގޮތުން މަޖިލީހަށް ލިބިގެންވާ ގާނޫނު ހެދުމުގެ ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމުކަމަށް ފެންނަ ކަންކަމުގައި ފެންނަނުފެންނަ ވޯޓެއް ނަގަން ކަނޑައެޅިދާނެއެވެ.
މީގެ އިތުރުން މަޖިލީހުގެ ގަވާއިދުގެ 253-2 މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވަނީ އެފަދަ ހާލަތްތަކުގައި މެންބަރަކަށް ނުވަތަ މަޖިލީހުގެ ރައީސަށް ވެސް ރައްޔިތުންގެ އާންމު ވޯޓު ނެގުމަށް ގަރާރެއް ހުށަހެޅިދާނެ ކަމަށެވެ.
މަޖިލިސް ގަވާއިދުގެ 253-4 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުން، އެފަދަ ގަރާރެއް ހުށަހަޅައިފިނަމަ މަޖިލީހުގައި އިއުލާނު ކުރުމަށްފަހު ބަހުސްކުރުމަކާ ނުލައި ދިރާސާކުރަން ކޮމިޓީއަކަށް ފޮނުވަން ޖެހެއެވެ.
މީގެއިތުރުން އެ މާއްދާގެ (ހ) އަދި (ށ) ގައިވާ ގޮތުން، ދިރާސާކޮށް ފުރިހަމަކުރުމަށްފަހު 14 ދުވަހުގެ ތެރޭގައި ތަޅުމަށް ފޮނުވަން ޖެހެއެވެ. ނަމަވެސް މި ގަރާރު ކޮމިޓީއަށް ފޮނުވާފައިވަނީ ގަވާއިދާ ހިލާފަށް 20 ދުވަސް ފަހުންނެވެ. ގަވާއިދާ އެއްގޮތަށް އަމަލުނުކުރި ސަބަބެއް މަޖިލީހުގެ ރިޔާސަތުން ހާމައެއް ނުކުރެއެވެ.
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން އާންމުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ހުށަހެޅި ގަރާރާމެދު އަމަލުކުރުން ލަސްވެފައިވާއިރު، އެ މަޝްރޫއު ކުރިއަށް ގެންދިޔުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލެވޭ ރިއަލް އެސްޓޭޓް ބިލު މިހާރު ވަނީ މަޖިލީހަށް ހުށަހަޅައި، ބަހުސްކޮށް، ދިރާސާކުރުމަށް ކޮމިޓީއަށް ވެސް ފޮނުވައިފައެވެ.
މި މަޝްރޫއާ ގުޅިގެން ފެންނަނުފެންނަ ވޯޓެއް ނެގުމަށް އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުން ދިޔަނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެކަމާ ގުޅޭގޮތުން އާންމުންގެ ފެންނަނުފެންނަ ވޯޓެއް ނުނަގާނެ ކަމަށް ވިދާޅުވެފައެވެ.