ކުޅަދާނަ ޑައިރެކްޓަރު ޖިތޫ މާދަވަންގެ މޭސްތިރިކަމުގެ ދަށުން އުފެއްދި ތަމަޅަ ފިލްމު 'ސީން'އަށް ދުނިޔޭގެ ބޮކްސް އޮފީހުގައި 250 ކްރޯޑް ރުޕީސްއަށްވުރެ މަތިން އާމްދަނީ ލިބި، ބޮޑު ކާމިޔާބީއެއް ހޯދައިފިކަމަށް އެ ފިލްމު އުފެއްދި ފަރާތުން ރަސްމީކޮށް އިޢުލާނުކޮށްފިއެވެ.
މި ތާރީޚީ ކާމިޔާބީއާ ގުޅިގެން، ފިލްމުގެ ލީޑް އެކްޓަރު ސޫރިޔާ ވަނީ އިންސްޓަގްރާމްގައި ހިއްސާކުރި ޚާއްޞަ ވީޑިއޯ މެސެޖެއް މެދުވެރިކޮށް، ސިނަމާތަކަށް ގޮސް ފިލްމަށް ތަރުޙީބު ދިން އެންމެހައި ބެލުންތެރިންނަށް ޝުކުރު އަދާކޮށްފައެވެ.
އެ ވީޑިއޯ މެސެޖުގައި ސޫރިޔާ ފާހަގަކުރި ގޮތުގައި، ސިނަމާތަކަށް ގޮސް ފިލްމު "ސީން" ބަލައިގަނެ، ފިލްމާ މެދު ތަފާތު ނަޒަރަކުން ވާހަކަދައްކައި، ފިލްމު މިހާ ބޮޑު ކާމިޔާބީއަކަށް ވާޞިލުކޮށްދިނީތީ އޭނާ ހުރީ އިންތިހާއަށް އުފާވެފައެވެ. އަދި ބެލުންތެރިންނަށް ޝުކުރު އަދާކުރާނެ ބަސްތަކެއްވެސް ދުލަށް ނާންނަކަމަށް ބުނަމުން، ފިލްމުގެ މުޅި ޓީމުގެ ނަމުގައި އެންމެހައި ބެލުންތެރިންނަށް އޭނާ ވަނީ އިޚްލާޞްތެރިކަމާއެކު ޝުކުރާއި އިޙްތިރާމް އަދާކޮށްފައެވެ.
ފިލްމު "ސީން"ގެ ޕޯސްޓަރެއް--ފޮޓޯ/އިންޑިއާޓުޑޭމިއަހަރަކީ ސޫރިޔާގެ ފަންނީ ޙަޔާތުގައި ވަރަށް ޚާއްޞަ އަހަރަކެވެ. ފިލްމު "ސީން"ގެ މި ބޮޑު ކާމިޔާބީއާއެކު، މިއީ މި އަހަރުގެ ތެރޭގައި ސޫރިޔާއަށް ބޮކްސް އޮފީހުގައި ވިދިވިދިގެން ކާމިޔާބީ ލިބުނު ތިންވަނަ ފިލްމުގެ ގޮތުގައި ވަނީ ރެކޯޑް ކުރެވިފައެވެ. މީގެ ކުރިން މިއަހަރު ރިލީޒްކުރި އޭނާގެ 'ކަރުއްޕު' އަދި 'ވިޝްވަނާތު އެންޑް ސަންސް' އަށްވެސް ވަނީ ބޮކްސް އޮފީހުގައި އާދަޔާ ޚިލާފު ބޮޑު ތަރުޙީބެއް ލިބި، ވިޔަފާރީގެ ގޮތުން ބޮޑު ކާމިޔާބީއެއް ހޯދާފައެވެ.
ތަފާތު ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ 'ސީން'ގައި ސޫރިޔާ ފެނިގެންދަނީ އަމިއްލަ ނަފްސުގެ ބޮޑު ސިއްރެއް ފޮރުވައިގެން ހުރެ، ސިލްސިލާ މަރުތަކެއްގެ ޙަޤީޤަތް ހޯދުމަށް މަސައްކަތްކުރާ އާދަޔާ ޚިލާފު މިޒާޖެއްގެ ފުލުހެއްގެ ރޯލުންނެވެ. މި ފިލްމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ އެއް ކަމަކީ، 12 އަހަރުގެ ދިގު މެދުކެނޑުމަކަށްފަހު މަޝްހޫރު ބަތަލާ ނަޒްރިޔާ ނާޒިމް ތަމަޅަ ސިނަމާއަށް އެނބުރި އައުމާއި، ޒުވާން އެކްޓަރު ނަސްލެން ތަމަޅަ ސިނަމާއަށް ތަޢާރަފުވުމެވެ. މި ތަރިންގެ އިތުރުން އާނަންދަރާޖް، ލާލް، ރާޖްޕްރިޔަން، ސުރޭޝް މަތިޔާލަގަން އަދި ގަޖަރާޖް ފަދަ ތަޖުރިބާކާރު ފަންނާނުންގެ މުހިންމު ރޯލުތައްވެސް މި ފިލްމުން ފެނިގެންދެއެވެ.