ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ގައުމީ ބިލިއާޑު މުބާރާތުގެ މި އަހަރުގެ ޗެމްޕިއަންކަން މޯލްޑިވްސް އިސްލާމިކް ބޭންކް ސްޓާފް އެސޯސިއޭޝަން (މިބްސާ)އިން ހޯދައިފިއެވެ.
މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި، ގައުމީ ބިލިއާޑު މުބާރާތުގެ ޗެމްޕިއަންކަން މިބްސާއިން ހޯދީ ފައިނަލް މެޗުގައި ދިވެހި ސިފައިންގެ ކްލަބާ ވާދަކޮށް 3-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
ޖުމްލަ 10 ޓީމު ބައިވެރިވެގެން ކުރިއަށްގެންދިޔަ މި މުބާރާތުގެ ލީގު ބުރުގައި މިބްސާއިން ވަނީ ކުޅުނު ނުވަ މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކޮށްފައެވެ. މިބްސާއިން މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ، ފުރަތަމަ ސެމީފައިނަލްގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކުރުމަށްފަހު، ދެވަނަ ސެމީފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ކްލަބް ޓީނޭޖް ބަލިކޮށްގެންނެވެ.
މިއީ ކޮންމެ އަހަރަކު ވެސް ރާއްޖޭގައި ބާއްވާ ބިލިއާޑުގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި މުބާރާތަށް ވާއިރު، މި މުބާރާތުގައި ރާއްޖޭގައި މިވަގުތު ތިބި ބިލިއާޑުގެ އެންމެ މޮޅު ކުޅުންތެރިންގެ އިތުރުން ބައެއް ޓީމުތަކުގައި ރާއްޖެއިން ބޭރުގެ ކުޅުންތެރިންވެސް ތަމްސީލުކޮށްފައިވެއެވެ.
ނެޝެނަލް ބިލިއާޑު ސެންޓަރުގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 30،000 ރުފިޔާގެ ފައިސާގެ އިނާމު ހަވާލުކޮށްފައެވެ.