މި ސަރުކާރުން ތަރައްގީކުރަމުންދާ ބައިނަލްއަގުވާމީ ފެންވަރުގެ ސާފިން ސްޓޭޑިއަމްގެ މަސައްކަތް ހަލުވި ސްޕީޑުގައި ކުރިއަށްދާކަމުގެ ޔަގީންކަން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ސާފިން ސްޓޭޑިއަމް ތަރައްގީކުރުމުގެ މަސައްކަތް މިހާރު އެންމެ ހަލުވިމިނުގައި ކުރިއަށްދާ ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އެ މަޝްރޫއު ނިންމަވައިދެއްވާނެ ކަމަށެވެ. އަދި މި ސްޓޭޑިއަމްގެ މަސައްކަތެކޭ އެއްފަދައިން، އެހެނިހެން ކުޅިވަރުތަކަށް ހާއްސަ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމުގެ މަޝްރޫއުތައް ވެސް ހުއްޓުމެއްނެތި ކުރިއަށްދާކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި ބައިނަލްއަގުވާމީ މުބާރާތްތައް ބޭއްވޭ ފެންވަރަށް މި ސްޓޭޑިއަމް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ރޯޓައިމް އިންޖީނިއަރިން އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނާއެވެ.
https://x.com/MMuizzu/status/2122584223232237912
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާއި އެ ކުންފުންޏާ ދެމެދު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 18 އޭޕްރީލް 2024 ގައެވެ. އަދި އެ ސަރަހައްދު އަލުން ތަރައްގީކުރުމަށްޓަކައި ކުރިން ހުރި ބްރިޖް ވިއު ޕްލެޓްފޯމް ރޫޅާލުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 25 ނޮވެމްބަރު 2024 ގައެވެ.
މި މަޝްރޫއުގެ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލަސްކަމެއް ކުރިމަތިވީ، ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ސްޓޭޑިއަމްގެ ކުރެހުމަށް ގެނައި މުހިންމު ބަދަލުތަކަކާ ގުޅިގެންނެވެ. އެގޮތުން، މޯލްޑިވްސް ސާފިން އެސޯސިއޭޝަނާއި މޯލްޑިވްސް ބޮޑީ ބޯޑިން އެސޯސިއޭޝަންގެ ލަފާގެ މަތިން، ސްޓޭޑިއަމްގެ ބޮޑުމިނަށް ވަނީ 50 ފޫޓު އިތުރުކޮށްފައެވެ.
މީގެ އިތުރުން، ކުރިން 'ޕްރީ-ފެބްރިކޭޓެޑް' ސްޓްރަކްޗާއެއްގެ ގޮތުގައި އިމާރާތްކުރަން ނިންމާފައި އޮތް ނަމަވެސް، މޫދާއި ކައިރި ލޮނުގެ އަސަރު ބޮޑު ސަރަހައްދަކަށް ވުމުން މެއިންޓަނަންސް ހަރަދު ކުޑަކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށްޓަކައި، ފަހުން ވަނީ ކޮންކްރީޓް އިމާރާތެއްގެ ގޮތުގައި ތަރައްގީކުރުމަށް ބަދަލުކޮށްފައެވެ.
ޒަމާނީ ގިނަ ވަސީލަތްތަކަކާއެކު ތަރައްގީކުރާ މި ސްޓޭޑިއަމްގައި ހިމެނޭ ބައިތަކުގެ ތެރޭގައި:
• ކުޅިބަލާ މީހުންނަށް ހާއްސަ ސަރަހައްދަކާއި ޓެރަސްއެއް
• ރޮސްޓްރަމް، ކޮމެންޓަރީ ބޮކްސް، މީޑިއާ ސަރަހައްދު އަދި ކެމެރާ ޑެކް
• އޮބްޒަވޭޝަން ކޯނަރަކާއި ޖިމެއް
• މަލްޓިޕާޕަސް ހޯލަކާއި ކޮންފަރަންސް ރޫމް