ފުވައްމުލަކުގައި މަސްތުވާތަކެތީގެ ޚިދުމަތް ދޭ ތަނެއް 90 ދުވަހަށް ބަންދުކޮށް، 2 މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކު ޑްރަގް ކެފޭއަކުން ހައްޔަރުކުރި 2 މީހުން --

ފުވައްމުލައް ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށް، މަސްތުވާތަކެތި ކެފޭގެ އުސޫލުން ބޭނުންކުރުމުގެ ޚިދުމަތް ދެމުންދިޔަ ގެއެއްގެ ބައެއް 90 ދުވަހަށް ބަންދުކޮށްފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މިދިޔަ ބުރާސްފަތި ދުވަހު ފުވައްމުލައް ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައި ވަނީ ޏ. ފުވައްމުލައް، ދޫޑިގަން، މާދޫގެ، އަޙްމަދު ރަޝީދު (32 އަހަރު) އާއި ދޫޑިގަން، ރޫބީ، މުޙައްމަދު ޝާޛް (36 އަހަރު)އެވެ.

އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ 17 ގްރާމްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މުޙައްމަދު ޝާޛް 15 ދުވަހަށް އަދި އަޙްމަދު ރަޝީދު 12 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މީގެއިތުރުން، އަޙްމަދު ރަޝީދު ދިރިއުޅޭ ދޫޑިގަން، މާދޫގޭގެ ބައިގައި ކެފޭގެ އުސޫލުން މަސްތުވާތަކެތި ފޯރުކޮށްދީ ބޭނުންކުރުމުގެ ޚިދުމަތް ދެމުންގެންދާ މައްސަލައާ ގުޅިގެން، އެ ތަން 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ފުވައްމުލައް މެޖިސްޓްރޭޓް ކޯޓުން ވަނީ އަމުރު ނެރެފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް