މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ވަކީލު ފޯނަށް ޖަވާބުދާރީ ނުވުމުން، ވަކީލުގެ ޣައިރު ހާޒިރުގައި އެ މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 20 ދުވަސް އިއްޔެ ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
މި މައްސަލަގައި ކޯޓުން މުއްދަތު ޖަހާފައިވަނީ ރ. މީދޫ، ރަބަރުމާގެ، އުމުރުން 22 އަހަރުގެ އައިހަމް އިބްރާހިމްއަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތި ގެންގުޅެ ވިޔަފާރިކުރުމުގެ އިތުރުން އެތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް އެކަށީގެންވާ މިންވަރަށް ހެކި ވަނީ ހުށަހަޅާފައެވެ. އެގޮތުން އިންޓަލިޖެންސް ރިޕޯޓާއި ސީންއަށް ދިޔަ ފުލުހެއްގެ ބަޔާން ހުށަހަޅާފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން ކޯޓު އަމުރުގައި އޭނާގެ ވަކީލު އަޑުއެހުމަށް ހާޒިރުކުރުމަށް ކޯޓުން ވަކީލަށް ގުޅައި މެސެޖުކުރުމުން ވެސް ޖަވާބުދީފައި ނުވާތީ، ވަކީލުގެ ޣައިރު ހާޒިރުގައި އަޑުއެހުން ކުރިއަށްގެންގޮސްފައިވާ ކަމަށް ވަނީ ބުނެފައެވެ. އަދި އޭނާ މަސްތުވާތަކެތި ބޭނުންކުރާކަމަށް އިއުތިރާފުވެފައިވާ ކަމަށް ވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި އިއްޔެ އޭނާގެ ބަންދަށް 20 ދުވަސް ޖަހާފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހަށެވެ.
މަސްތުވާތަކެތީގެ މައްސަލަތަކަކީ މިހާރު ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އަދި މިފަދަ މައްސަލަތަކުގައި ގިނައިން ހައްޔަރުކުރަނީ ޒުވާނުންނެވެ.