ޓްރެފިކް އިދާރާގެ މަސައްކަތް ދާދި އަވަހަށް ފެށޭނެ، އޭރުން ހަނި ގޯޅިތަކުގައި ޕާކުކުރާ މައްސަލަ ހައްލުވާނެ: ރައީސް

ރައްޔިތުންގެ އަޑު ޕްރޮގުރާމުގައި ރައީސް: ވިދާޅުވީ ޓްރެފިކްގެ މައްސަލަތައް ހައްލުކުރަން އުފެއްދި އިދާރާގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ޓްރެފިކްގެ މައްސަލަތައް ހައްލުކުރަން އުފެއްދި ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، އެ އިދާރާގެ މަސައްކަތް ފެށުމުން ހަނި ގޯޅިތަކުގައި ޕާކުކުރާ މައްސަލަ ހައްލުވާނެ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ 'ޕީއެސްއެމު'ން ގެނެސްދިން މި ހަފުތާގެ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި އުމުރުން ދުވަސްވީ މީހަކު ބުނީ، އެ މީހާ ދިރިއުޅޭ ގެ ހުންނަނީ ކަންމައްޗެއްގައި ކަމަށާއި، އުޅަނދުފަހަރު ޕާކުކޮށްފައި ހުންނަ ގޮތުން އެއްޗެހި ނެރެން ދަތި ކަމަށެވެ. އޭގެ އިތުރުން ވެސް ބައެއް ސަރަހައްދުތަކުގައި އުޅަނދުފަހަރު ޕާކުކުރެވޭ ގޮތް ހަދައިދޭން އެ މީހާ ވަނީ އެދިފައެވެ.

އެ މީހާ ވަނީ އެ މީހާ ދިރިއުޅޭ ގޭގެ ކުރިމަތީގައި އުޅަނދުފަހަރު ބަހައްޓައިފައި ހުންނަ ގޮތް ވެސް ރައީސަށް ދައްކައިލައިފައެވެ.

"ނޯ ޕާކިން ވެސް ޖަހައިލައިފައި އޮވޭ، އެކަމަކު އެއްވެސް މީހަކު ނުވިސްނާ އަނެއް މީހަކާ ދޭތެރޭ، އެނގެންޖެހޭނެ ނޫންތޯ ދޮރެއްކަން މިއީ، މިތާ ލިޔެފައިވެސް އެބައޮތް، ތަންކޮޅެއް ފަނޑުކޮށް ލިޔެފައި އޮތީ،" ރައީސަށް ފޮޓޯތައް ދައްކަމުން އެ މީހާ ކިޔައިދިނެވެ.

ރައީސް ވިދާޅުވީ އެ ކަންކަމަށް އެދެވޭ ހައްލެއް ގެނައުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.

"އެއް ކަމަކަށް ކަންމަތިތަކުގައި ޕާކުކޮށްފައި ހުންނަ މައްސަލަ، އެއީ ދެން ވަރަށް ބޮޑުވެފައި އޮތް މައްސަލައެއް، އެހެންވީމާ އެކަމަށް ރަނގަޅު ހައްލެއް ގެނައުމަށް މިހާރު މަސައްކަތްތަކެއް ފެށޭނެ، އެކަމަށް ޚާއްސަ ޓްރާންސްޕޯޓު ވަކި އޮފީހެއް ވެސް ހަދައިފިން، ދެން އެ ތަނުގައި މަސައްކަތްތައް ފެށޭނެ ދާދި އަވަހަށް،" ރައީސް ވިދާޅުވިއެވެ.

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް"ގެ ނަމުގައި ރައީސް ޚާއްސަ އިދާރާއެއް އުފެއްދެވީ މިދިޔަ ޖުލައި މަހުގެ 12ވަނަ ދުވަހެވެ. އެ އިދާރާގެ ވެރިޔަކަށް ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު ޔޫސުފް މާނިޢު މުޙައްމަދު އައްޔަންކުރީ މިދިޔަ ސެޕްޓެންބަރު މަހެވެ.

މާލެއަށް ދިމާވެފައިވާ ޓްރެފިކް މައްސަލަ ހައްލުކުރުމަށް އުފެއްދި މި އިދާރާ ހިންގާނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުންނެވެ.

ރައީސް އޮފީހުން ބުނީ، މިއީ މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުފަހަރުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން އެ ކަމަށް އަވަސް ހައްލެއް ހޯދުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށް އުފެއްދި އިދާރާއެއް ކަމަށެވެ.

މީގެ އިތުރުން، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، މައްސަލަތައް ހައްލުކުރުން ފަދަ ކަންކަމުގައި އެ އިދާރާގެ ދައުރު ބޮޑުވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

އުޅަނދުފަހަރު ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން އޮފީހެއް އުފެއްދިއިރު، ފާހަގަކުރެވޭ ގޮތުގައި މާލޭ ސަރަހައްދުގައި އުޅަނދުފަހަރު ގެންގުޅެނީ އެކަށީގެންވާ ވަރަށްވުރެ އިތުރަށެވެ.

comment ކޮމެންޓް