ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކުރަން ދެ ލައުންޖެއް މާލެއާއި ހުޅުމާލޭގައި ހުޅުވައިފި

ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޒިޔާރަތްކުރެވޭނެ ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދެ ލައުންޖު މާލެއާއި ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެ ދެ ލައުންޖަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް އުފެއްދެވި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން ޚިދުމަތް ދިނުމަށް ހުޅުވި ދެ ލައުންޖު ކަމަށެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި ފަސޭހައިން ޒިޔާރަތްކުރެވޭގޮތަށް ހުޅުވި މާލެ ލައުންޖް ހުންނާނީ ހުޅުމާލެ ފެރީ ޓާމިނަލްގައި ކަމަށްވާއިރު، ހުޅުމާލޭގެ ލައުންޖު ހުންނާނީ އުމަރު ޒާހިރު ބިލްޑިންގެ ތިރީ ފަންގިފިލާގައި ކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ.

އެ ލައުންޖުތަކުގެ ޚިދުމަތް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށް ލިބޭނެ ކަމަށާއި، ކައިރި މުސްތަގުބަލެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް ލައުންޖެއް ހުޅުވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ އުފެއްދެވީ މި އަހަރުގެ އެޕްރީލް 16 ވީ ބުރާސްފަތި ދުވަހުއެވެ. އެ އޮފީހަކީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމު ކުރެއްވި އޮފީހެކެވެ.

https://sun.mv/230633

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ދަށުން މިހާރު ވަނީ ރައްޔިތުންގެ ޚިޔާލާއި ކަންބޮޑުވުންތައް ހުށަހެޅުމަށް ޚާއްޞަކުރެވިގެން ސިޓިޒަންސް ވޮއިސްގެ ނަމުގައި ވެބް ޕޯޓަލެއް އިފްތިތާޙުކުރައްވައި، 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ކޯލް ސެންޓަރެއް ގާއިމުކުރައްވާފައެވެ.

ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

comment ކޮމެންޓް