ރައްޔިތުންގެ ކަންބޮޑުވުން ރައީސަށް ހުށަހަޅަން އިތުރު ޕޯޓަލެއް

ރައީސް މުއިއްޒު، ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން: -- ފޮޓޯ/ ރައީސް އޮފީސް

ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ހުށަހެޅުމަށްޓަކައި "ސިޓިޒަންސް ވޮއިސް" ގެ ނަމުގައި އިތުރު ޕޯޓަލެއް މިއަދު އިފްތިތާހުކޮށްފިއެވެ.

ސަރުކާރަށް މިއަދު ތިން އަހަރު ފުރިފައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނި ގޮތުގައި، މި ޕޯޓަލް އިފްތިތާހުކޮށްފައިވަނީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދިނުމަށް އެ އޮފީހުގައި ގާއިމުކޮށްފައިވާ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" ގެ ދަށުންނެވެ.

އަލަށް އިފްތިތާހުކުރި މި ޕޯޓަލްގެ ހިދުމަތް މިވަގުތު ފަށާފައިވަނީ ވެބް މެދުވެރިކޮށެވެ.

މި ޕޯޓަލްގެ ހިދުމަތް މިވަގުތަށް ވެބް މެދުވެރިކޮށް ދޭން ފެށި ނަމަވެސް، ކައިރި މުސްތަގުބަލެއްގައި މި ހިދުމަތަށް ޚާއްސަކުރެވޭ ފޯނު އެޕްލިކޭޝަންވެސް އިފްތިތާހުކުރާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. މީގެ އިތުރުން، މިވަގުތުވެސް ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ ކޯލް ސެންޓަރުގެ ޚިދުމަތް ހޮޓްލައިން ނަންބަރު 1470 މެދުވެރިކޮށް އާންމުންނަށް ލިބޭނެއެވެ.

މި ޕޯޓަލަކީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި، ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް ފެށި ހިދުމަތެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ. ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ގޮތުގައި، މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ރައްޔިތުންގެ ޝަކުވާތައް ބެލެހެއްޓުމާއި، ރައްޔިތުންގެ ހިޔާލާއި ކަންބޮޑުވުންތައް ގާތުން ބެއްލެވުމެވެ.

ރައީސް މުއިއްޒު ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ ރަސްމީކޮށް އުފެއްދެވީ އޭޕްރީލް 16 ގައެވެ. އަދި މޭ 18 ގައި، ވަޒީރުންގެ ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯގެ މަގާމަށް ޑރ. މުހައްމަދު މަޖީދު ޝަރީފް ވަނީ އައްޔަންކުރައްވާފައެވެ.

މީގެ ކުރިންވެސް މި ސަރުކާރުން ވަނީ ރައްޔިތުންގެ ހިޔާލާއި ޝަކުވާތައް ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން ޚާއްސަ ޕޯޓަލެއް ތައާރަފުކޮށްފައެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފެބްރުއަރީ 23 ގައި "އަހާ" ފޯރަމްގެ ތެރެއިން ރައީސް މުއިއްޒު އިފްތިތާހުކޮށްދެއްވި "ރައްޔިތުންގެ އަޑު" ޕޯޓަލަކީވެސް ރައްޔިތުންގެ ކަންބޮޑުވުންތަކާއި ހިޔާލުތައް ސަރުކާރާ ހިއްސާކުރުމަށް ގާއިމުކުރި ޕްލެޓްފޯމެކެވެ. އަދި ފަހުން، ވަކިވަކި ދާއިރާތަކުގެ ރައްޔިތުން ސީދާ ރައީސްއާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކުރުމަށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ސިލްސިލާ ބައްދަލުވުންތަކުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ އިންތިޒާމުވެސް ރައީސް އޮފީހުގެ ވެބްސައިޓުގައި ޚާއްސަ ޕޯޓަލެއް މެދުވެރިކޮށް ވަނީ ހަމަޖައްސާފައެވެ.

comment ކޮމެންޓް