އާމްދަނީ އިތުރުވި ނަމަވެސް ޚަރަދުތައް މައްޗަށް: ބަޖެޓް ޑެފިސިޓް 3.8 ބިލިއަން ރުފިޔާއަށް

ފިނޭންސް މިނިސްޓަރު ޒަރީރު --

މި އަހަރު ދައުލަތަށް ލިބުނު އާމްދަނީ އަށް ޕަސެންޓު އިތުރުވި ނަމަވެސް، ޚަރަދުތައް އެއަށްވުރެ ދެގުނަ ބާރުމިނެއްގައި މައްޗަށް ދިއުމާ ގުޅިގެން ދައުލަތުގެ ބަޖެޓް ޑެފިސިޓް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ތިންގުނައަށް ބޮޑުވެއްޖެއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސް އިން މިއަދު އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މި އަހަރުގެ ޖެނުއަރީން ފެށިގެން މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބަޖެޓް ޑެފިސިޓް ވަނީ 3.83 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޑެފިސިޓްގެ ގޮތުގައި ރެކޯޑުކުރެވިފައި ވަނީ 1.31 ބިލިއަން ރުފިޔާއެވެ.

މި މުއްދަތުގެ ތެރޭގައި ހިލޭ އެހީއާއެކު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އަށް ޕަސެންޓުގެ ކުރިއެރުމަކާއެކު 35.99 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޖުމްލަ ޚަރަދު ވަނީ %14.9 އިތުރުވެ، 39.81 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ޑެފިސިޓް ބޮޑުވުމަކީ އާމްދަނީ ނުލިބިގެން ދިމާވި މައްސަލައެއް ނޫނެވެ. އެގޮތުން ޓެކުހުގެ ގޮތުގައި ދައުލަތަށް 27.39 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 24.84 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް %10 ގެ އިތުރުވުމެކެވެ. މީގެ ތެރެއިން ހަމައެކަނި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) ގެ ގޮތުގައި 9.61 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

މުޅި އަހަރަށް ލިބޭނެ ކަމަށް އަންދާޒާކުރި އާމްދަނީގެ %89.1 މިހާތަނަށް ލިބިފައިވާއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތަށް ދެއްކި ޑިވިޑެންޑްވެސް ވަނީ 655 މިލިއަން ރުފިޔާއިން 1.06 ބިލިއަން ރުފިޔާއަށް ބޮޑުތަނުން މައްޗަށް ޖެހިފައެވެ.

ޚަރަދުތަކުގެ ބޮޑުބައި ހިނގާފައިވަނީ ތަރައްގީގެ މަޝްރޫޢުތަކަށްވުރެ ބޮޑަށް ދައުލަތް ހިންގުމުގެ އާންމު ޚަރަދުތަކަށެވެ. އެގޮތުން އެންމެ ބޮޑު އިތުރުވުމެއް އައިސްފައިވަނީ ސަބްސިޑީއަށެވެ. ސަބްސިޑީގެ ޚަރަދުތައް %51 އިތުރުވެ، 3.04 ބިލިއަން ރުފިޔާއިން 4.59 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.

މީގެ އިތުރުން:

  • އިދާރީ އަދި ހިންގުމުގެ ޚަރަދުތައް: %18 އިތުރުވެ، 20.86 ބިލިއަން ރުފިޔާ
  • މުސާރައާއި ޕެންޝަން: %11 އިތުރުވެ، 13.40 ބިލިއަން ރުފިޔާ

ޖުމްލަ ގޮތެއްގައި ދައުލަތް ހިންގުމުގެ ރިކަރަންޓް ޚަރަދު ވަނީ 34.34 ބިލިއަން ރުފިޔާއަށް އަރާފައެވެ. މިއީ މުޅި ޚަރަދުގެ %86 އެވެ. އަނެއްކޮޅުން އިމާރާތްތަކާއި މަގުމަތީގެ ތަރައްޤީ ފަދަ ކެޕިޓަލް ޚަރަދުތަކަށް ހޭދަކުރެވުނީ 5.47 ބިލިއަން ރުފިޔާއެވެ. މިއީ ބަޖެޓުގައި ކަނޑައެޅި 9.28 ބިލިއަން ރުފިޔާގެ %59 އެވެ. އަދި ޕަބްލިކް ސެކްޓަ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ޚަރަދުތައް މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ %23 ދަށަށް ގޮސްފައެވެ.

މާލީ ހާލަތުގެ މައިގަނޑު ހިސާބުތައް (1 ޖެނުއަރީ – 12 ނޮވެމްބަރު)

  • ޖުމްލަ އާމްދަނީ އާއި ހިލޭ އެހީ: 35,985.0 މިލިއަން ރުފިޔާ (%8.0 އިތުރުވުމެއް)
  • ޖުމްލަ ޚަރަދު: 39,810.5 މިލިއަން ރުފިޔާ (%14.9 އިތުރުވުމެއް)
  • ސަބްސިޑީ: 4,590.3 މިލިއަން ރުފިޔާ (%51.2 އިތުރުވުމެއް)
  • އިދާރީ އަދި ހިންގުމުގެ ޚަރަދު: 20,860.7 މިލިއަން ރުފިޔާ (%18.4 އިތުރުވުމެއް)
  • މުސާރަ، އުޖޫރަ އަދި ޕެންޝަން: 13,403.4 މިލިއަން ރުފިޔާ (%10.7 އިތުރުވުމެއް)
  • ޕްރައިމަރީ ބެލެންސް: 360.0 މިލިއަން ރުފިޔާ (%87.9 ދަށްވުމެއް)
  • ޖުމްލަ ބަޖެޓް ޑެފިސިޓް: 3,825.5- މިލިއަން ރުފިޔާ (2.9 ގުނަ އިތުރުވުމެއް)

ދަރަންޏަށް ދައްކަންޖެހޭ އިންޓްރެސްޓް ނުހިމަނައި ބަލާ ޕްރައިމަރީ ސާޕްލަސް މިދިޔަ އަހަރު 2.98 ބިލިއަން ރުފިޔާގައި ހުރި ނަމަވެސް، މި އަހަރު އެ އަދަދު ވަނީ 360 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި އިންޓްރެސްޓާއި ފައިނޭންސިން ޚަރަދުގެ ގޮތުގައި ހިނގި 4.19 ބިލިއަން ރުފިޔާ އެއްކުރުމުން މުޅި ބަޖެޓް މިވަނީ ބޮޑު ޑެފިސިޓަކަށް ގޮސްފައެވެ.

މި އަހަރަށް ފާސްކޮށްފައިވާ ޖުމްލަ ޑެފިސިޓަކީ 8.84 ބިލިއަން ރުފިޔާ ކަމަށްވުމުން، މިހާރުގެ އަދަދު އަދި އޮތީ އެ މިންވަރަށްވުރެ ދަށުގައެވެ. އެހެންނަމަވެސް، އަހަރުގެ ފަހު ހަފުތާތަކުގައި ޚަރަދުތައް އިތުރުވެގެންދިއުމަކީ އާންމު ކަމެކެވެ.

comment ކޮމެންޓް