ވައިގެ ނުސާފުމިން ސިއްހަތަށް ނުރައްކާވާ މިންވަރަށް މައްޗަށް: ސަމާލުވާންވީ ކަންކަން އެޗްޕީއޭއިން ހަނދާންކޮށްދީފި

ފެބްރުއަރީ 3، 2021؛ މާލޭގެ ބޮޑުތަކުރުފާނުމަގު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދާއި އުތުރުގެ ބައެއް ރަށްތަކަށް މިއަދު ވަރަށް ބޮޑަށް ވައި ނުސާފުވެ، ސިއްހަތަށް ނުރައްކާވާ މިންވަރަށް ނުވަތަ "ރެޑް އެލާޓް" ގެ ދަރަޖައަށް ވައިގެ ކޮލިޓީ ދަށަށް ގޮސްފައިވާތީ އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން ޚާއްސަަ ސަމާލުކަމެއް ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

ވައިގެ ކޮލިޓީ ދައްކުވައިދޭ އެޕެއް ކަމަށްވާ "އައިކިއުއެއާ" އިން ދައްކާ ގޮތުގައި މިއަދު މާލޭގެ ވައިގެ ކޮލިޓީ ހުރީ 159 ގައެވެ. އަދި ވިލިމާލޭގެ ވައިގެ ކޮލިޓީ 160 ގައި ހުރިއިރު، ކުޅުދުއްފުށީ ސިޓީގެ ވައިގެ ކޮލިޓީ ވަނީ 165 އަށް އަރާފައެވެ. މިއީ ސިއްހަތަށް ނުރައްކާތެރި ނުވަތަ "އަންހެލްތީ" މިންވަރެކެވެ. މީގެއިތުރުން ހުޅުމާލެ އަދި އައްޑޫ ސިޓީގެ ވައިގެ ކޮލިޓީ 70 އިން މަތީގައި ހުރިއިރު، އެއީ މޮޑަރޭޓް ލެވެލްއެކެވެ. އާންމު ގޮތެއްގައި ވައިގެ އެންމެ ރަނގަޅު މިންވަރަކީ 50 އިން ދަށެވެ.

ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް، އެކި ހާލަތްތަކުގައި އަމަލުކުރަންވީ މުހިންމު އިރުޝާދުތަކެއް އެޗްޕީއޭއިން ވަނީ އާންމުކޮށްފައެވެ.

އެގޮތުން، ވައިގެ ނުސާފުމިން 151 އާއި 200 އާ ދެމެދުގައި ހުންނަ ނަމަ ދެވޭ "ރަތް ސަމާލު" ގެ ހާލަތުގައި، ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމުގެ ފުރުސަތު ހުރިހާ އެންމެނަށްވެސް ބޮޑުވާނެއެވެ. ޚާއްސަކޮށް ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ މީހުންނަށް މި ނުރައްކާ އިތުރަށް ބޮޑުވެއެވެ. މިފަދަ ހާލަތްތަކުގައި އެންމެން ވެސް ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށާއި، ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި އެން95 ފަދަ މާސްކު އެޅުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ. މީގެއިތުރުން ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް ވެސް ވަނީ އެދިފައެވެ.

ވައިގެ ނުސާފުމިން 101 އާއި 150 އާ ދެމެދުގައި ހުންނަ "އޮރެންޖް ސަމާލު" ގެ ހާލަތުގައި، ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ނޭވާލާ ނިޒާމާއި ހިތުގެ ބަލިތައް ހުންނަ ނާޒުކު ފަރާތްތަކަށް ބޮޑަށް އަސަރުކުރެއެވެ. މި ހާލަތުގައި އެފަދަ ފަރާތްތަކުން ބޭރުގައި ހަރަކާތްތެރިވުން މަޑުޖައްސާލުމަށާއި، ބޭރަށް ނުކުންނައިރު އެން95 ފަދަ މާސްކު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ވައިގެ ނުސާފުމިން 51 އާއި 100 އާ ދެމެދުގައި ހުންނަ "ރީދޫ ސަމާލު" ގެ ހާލަތުގައި، ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތައް ބޭރުގައި އުޅުމުން ދުރުހެލިވުމަށާއި، ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ރައްކާތެރި މާސްކު އެޅުމަށް އެޗްޕީއޭއިން އިރުޝާދު ދެއެވެ.

ވައިގެ ކޮލިޓީ ބަލާ އެޕްތަކުން ދައްކާ ގޮތުގައި، މިހާރު މާލެ ސަރަހައްދުގެ ވައި ކޮންމެވެސް ވަރަކަށް ސާފުވާން ފަށާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، ވައި ނުސާފު މި ދުވަސްވަރު ހުރިހާ ރައްޔިތުން ވެސް ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުވުމަކީ މުހިންމު ކަމެކެވެ.

comment ކޮމެންޓް