ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް ކަމަށްވާ "ދިރާގު މޯލްޑިވްސް ރޯޑް ރޭސް" (ޑީއެމްއާރްއާރް) ގެ 17 ވަނަ އެޑިޝަން 5،500 އަށް ވުރެ ގިނަ ދުވުންތެރިންގެ ބައިވެރިވުމާ އެކު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކާމިޔާބުކަމާއެކު މިއަދު ނިންމާލައިފިއެވެ.
އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އޭއައިއެމްއެސް) އިން ސެޓިފައިކޮށްފައިވާ އަދި ވޯލްޑް އެތުލެޓިކްސް ރޭންކިންގައި ހިމެނޭ ރޫޓެއްގައި ކުރިއަށްދިޔަ މި މުބާރާތް ފެށީ ރޭ ދަންވަރު 2:30 ގައި ބޭއްވި ހާފް މެރަތަނުންނެވެ.
އޭގެ ފަހުން ފަތިހު 5:30 ގައި 10 ކިލޯމީޓަރުގެ ދުވުން ފެށިއިރު، ފަސް ކިލޯމީޓަރުގެ އޯޕަން، ސްކޫލް އަދި ޓީމު އިވެންޓްތައް ބޭއްވީ ހަވީރު 4:30 ގައެވެ. ހަވީރުގެ ވަގުތުގައި ބޯކޮށް ވާރޭ ވެހުނު ނަމަވެސް، ދުވުންތެރިން ވަނީ ފޯރިގަދަކޮށް ރޭސް ފުރިހަމަކޮށްފައެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު ޢަބްދުﷲ
މި އަހަރުގެ ރޭހުގައި އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދީ ކެންޔާގެ ތައިރޫ ޗޭގޭ އަދި ނޭޕާލްގެ ސަންތޯޝީ ޝްރެސްތާ އެވެ. ފިރިހެނުންގެ ހާފް މެރަތަން ޗޭގޭ ކާމިޔާބުކުރީ އެއް ގަޑިއިރާއި 18 މިނެޓު 16 ސިކުންތުން، ނޭޕާލްގެ ސަންތޯޝް ބިކްރަމް ބިސްތާއާ ވާދަކޮށް އެންމެ ސިކުންތެއްގެ ތަފާތުންނެވެ.
މި ބައިން ތިންވަނަ ރާއްޖޭގެ ޝިފާޒް މުހައްމަދު ހޯދިއިރު، އަންހެނުންގެ ހާފް މެރަތަންގެ އެއްވަނަ ނޭޕާލްގެ ޝްރެސްތާ ހޯދީ އެއް ގަޑިއިރާއި 26 މިނެޓު 39 ސިކުންތުންނެވެ. ދެވަނަ އައިޝަތު ޖިނާނީ އިބްރާހީމް އަދި ތިންވަނަ ފާތިމަތު ޝީޒާ ހޯދިއިރު، ޗޭގޭ އާއި ޝްރެސްތާ ވަނީ ފަސް ކިލޯމީޓަރުގެ އޯޕަން ކެޓަގަރީން ވެސް އެއްވަނަ ހޯދައި ދެ ރަން މެޑަލް ކަށަވަރުކޮށްފައެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު ޢަބްދުﷲ
ދިވެހި ދުވުންތެރިންގެ ފަރާތުން އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ފެނުނީ 10 ކިލޯމީޓަރުގެ އޯޕަން ކެޓަގަރީންނެވެ. އެގޮތުން ފިރިހެނުންގެ ބައިން ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އެއްވަނަ ހޯދިއިރު، އަންހެނުންގެ ބައިން އެއްވަނަ ހޯދީ އައިޝަތު ރިޝްމީ އެވެ.
މި ދެ އެތުލީޓުން ވަނީ ފަސް ކިލޯމީޓަރުގެ އޯޕަން ކެޓަގަރީން ތިންވަނަ ވެސް ހޯދާފައެވެ. މީގެ އިތުރުން 10 ކިލޯމީޓަރުގެ މާސްޓާސް ކެޓަގަރީން ކަރީމް މޭކޮކް އަދި ޒާރާ ރިޔާޒް އެއްވަނަ ހޯދިއިރު، ހާފް މެރަތަން މާސްޓާސް ބައިން އެއްވަނަ ހޯދީ އަސްވާން އަލީ އާއި ހުސްނާ މުހައްމަދެވެ.
ސްކޫލް ކުދިންގެ ފަސް ކިލޯމީޓަރުގެ ދުވުމުގެ 13 އަހަރުން ދަށުގެ ބައިން އީޒަން އިލްޔާސް ލަބީބް އަދި އައިޝަތު ޒާނާ ޒިޔާއު އެއްވަނަ ހޯދިއިރު، 13 އަހަރުން މަތީގެ ބައިން އެއްވަނަ ހޯދީ އިސްމާއީލް މުލްހަމް އާޒިމް އަދި ކްލާރާ ސަރީނާ އާސިފެވެ.

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމުގެ ހަރަކާތް، ދިރާގު މޯލްޑިވްސް ރޯޑް ރޭސްގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު ޝާތިއު ޢަބްދުﷲ
އަލަށް ތައާރަފުކުރި ޓީމު ކެޓަގަރީތަކަށް ވެސް ބޮޑު ތަރުހީބެއް ލިބިގެންދިޔަ މި މުބާރާތުގެ ވަނަތަކަށް ހޮވުނު ފަރާތްތަކަށް ޖުމްލަ 296،000ރ. ގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅާފައެވެ.
ރޭހުގެ އެންމެ ފަހުގެ މައުލޫމާތާއި، ރޭންކިން އަދި 'ލައިވް ޓްރެކިން' ފީޗާ މެދުވެރިކޮށް ދުވުންތެރިން ހަރަކާތްތެރިވާ ހިސާބު ވަގުތުން ބެލޭނެ އިންތިޒާމު ޚާއްސަ ޑީއެމްއާރްއާރް އެޕް މެދުވެރިކޮށް ދިރާގުން ފަހިކޮށްދިނެވެ.
ކުޅިވަރުގެ އިތުރުން އިޖުތިމާއީ ކަންކަމަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ކުޑަކުދިންގެ ހައްގުތަކާއި ސިއްހީ ދާއިރާގައި މަސައްކަތްކުރާ 12 ޖަމިއްޔާއަކަށް ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކޮންމެ ދުވުންތެރިއެއްގެ ރަޖިސްޓްރޭޝަން ފީގެ ތެރެއިން 100ރ. އަދި ބިބް ނަންބަރު ވިއްކައިގެން ލިބުނު ފައިސާ މި ޖަމިއްޔާތަކަށް ހަމަހަމަކޮށް ބަހަން ހަމަޖެހިފައިވާއިރު، އެންމެ ގިނަ ވޯޓު ލިބުނު ފަސް ޖަމިއްޔާއަށް ދިރާގުން ޖުމްލަ 200،000ރ. ގެ ހާއްސަ އެހީއެއް ދިނުމަށް ވަނީ ނިންމާފައެވެ.