ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް 2026ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލައިފި

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމް ކަމުގައިވާ ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ)އިން އިންތިޒާމުކޮށްގެން ބާއްވާ "ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް" (ޑީއެމްޖީސީ) 2026 ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

ގިނަ ބައެއްގެ ޝައުޤުވެރިކަމާއެކު އިންތިޒާރުކުރަމުންދާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފުތާގެ ބުރާސްފަތި ދުވަހުން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

މި އަހަރުގެ ޗެމްޕިއަންޝިޕްގައި ޖުމްލަ ފަސް ކުޅިވަރެއް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ވީޑިއޯ ގޭމްތަކާއި ޓޭބަލްޓޮޕް ބޯޑް ގޭމްތައް ހިމެނެއެވެ. އެގޮތުން، ވީޑިއޯ ގޭމްތަކުގެ ތެރެއިން ހިމެނޭ "އީ.އޭ ސްޕޯޓްސް އެފް.ސީ 27" ކުރިއަށްދާނީ 1v1 ނޮކައުޓް އުސޫލުންނެވެ. އަދި "ޓެކެން 8" މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 15،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު 1v1 ޑަބަލް އެލިމިނޭޝަން ފޯމެޓަށެވެ.

މީގެ އިތުރުން، އީ.އޭ ސްޕޯޓްސް އެފް.ސީ 27 މުބާރާތުން ވަނަވަނައަށް ދާ ކުޅުންތެރިންނަށް 25،000 އާ 27،000އާ ދެމެދު ފައިސާގެ އިނާމުތައް ވަނީ ކަނޑައަޅާފައެވެ.

އީ-ސްޕޯޓްސް ގޭމްތަކުގެ އިތުރުން، މި އަހަރުގެ މުބާރާތުގައި ޓޭބަލްޓޮޕް ދެ ކުޅިވަރެއް ވެސް ވަނީ ތައާރަފުކޮށްފައެވެ. އޭގެ ތެރޭގައި، 5،000 ރުފިޔާގެ ފައިސާގެ އިނާމަކާއެކު ބާއްވާ "ކަޓާން" ބޯޑް ގޭމް މުބާރާތުގެ އިތުރުން، ދެމީހުންގެ ޓީމުތަކުގެ މެދުގައި ވާދަކުރާ "ވޯހޭމަރ 40,000: ކިލް ޓީމް ބްލިޓްޒް" މުބާރާތް ހިމެނެއެވެ.

މި މުބާރާތްތަކަކީ އުމުރުން 12 އަހަރުން މަތީގެ ކޮންމެ ފަރާތަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތްތަކެކެވެ. މީގެ ތެރެއިން އީ.އޭ ސްޕޯޓްސް އެފް.ސީ 27، ޓެކެން 8 އަދި ކިލް ޓީމް ބްލިޓްޒްގައި ރަޖިސްޓްރީވުމުގެ އެންމެ ފަހު މުއްދަތަކީ 22 ނޮވެމްބަރު 2026 ގެ 23:59 އެވެ. އަދި ކަޓާން އަދި ވޯހޭމަރ 40،000 ގައި ބައިވެރިވުމުގެ ފުރުސަތު، މުބާރާތް ނިމެންދެން ވަނީ ހުޅުވައިލައިފައެވެ.

ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމްގެ ކަމުގައިވާ ޑީޖީޖީއިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށް، އަންނަން އޮތް ޖީލުތަކުގެ ގޭމިން ހުނަރުތައް އިތުރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

މި މުބާރާތަކީ ދިރާގުން ދިވެހި ގޭމިން އާ އުސްމިންތަކަކަށް އުފުލުމަށް ކުރަމުންދާ މަސައްކަތްތަކުން ހާސިލުކޮށްފައިވާ އިތުރު ކާމިޔާބީއެއްކަން އެ ކުންފުނިން ފާހަގަކުރެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް