ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026ގެ ބިބް އެކްސްޕޯ ފޯރިއާއެކު ކުރިއަށް ދަނީ

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026ގެ ބިބް އެކްސްޕޯގެ ތެރެއިން -- ފޮޓޯ: ދިރާގު

ދިރާގު މޯލްޑިވްސް ރޯޑް ރޭސް (ޑީއެމްއާރްއާރް) 2026 ގެ ބިބް އެކްސްޕޯ، ދިރާގު ހެޑް އޮފީސް ކައިރީގައި އޮންނަ ބީޖީ ޓާފް ދަނޑުގައި ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގުން ބުނި ގޮތުގައި ބިބް އާއި ރޭސް ކިޓް ދޫކުރުމުގެ މުއްދަތު، މާދަމާގެ ނިޔަލަށް މިހާރު ވަނީ އިތުރުކޮށްފައެވެ. އެގޮތުން ބިން އާއި ރޭސް ކިޓް ދޫކުރާނެ ވަގުތުތަކަކީ:

  • ހެނދުނު 10:00 އިން މެންދުރު 12:00 އަށް
  • މެންދުރު 2:00 އިން ހަވީރު 6:00 އަށް
  • ރޭގަނޑު 8:00 އިން 10:00 އަށް

ކޮންމެ ރޭސް ކިޓެއްގައި ވެސް ޓައިމިން ޗިޕް ހިމެނިފައިވާ ބިބް، ރޭސް ޓީޝާޓު، ސްޓްރިންގް ބޭގް އަދި ހަތަރު ނަރުދަތި ހިމެނޭނެއެވެ. އަދި ވެރިފައި ކުރުމުގެ ގޮތުން ރޭސް ކިޓް ބާލާ އަންނަ ފަރާތުން ދުވުންތެރިޔާގެ އައިޑީ ކާޑާއި ބިބް ނަންބަރު ހުށަހަޅަން ޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026ގެ ބިބް އެކްސްޕޯގެ ތެރެއިން -- ފޮޓޯ: ދިރާގު

ދިރާގުން ބުނީ މިއަހަރުގެ ބިބް އެކްސްޕޯ ރޭވިފައި ވަނީ، ޒިޔާރަތްކުރާ ފަރާތްތަކަށް ތަފާތު އަދި ހިތްގައިމު ތަޖުރިބާތަކެއް ފޯރުކޮށްދެވޭނެ ފަދަ މާހައުލެއްގައި ކަމަށެވެ. އެގޮތުން ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން ދުވުންތެރިންނަށް ޚާއްސަ ތަފާތު ސްޓޯލްތައް މިފަހަރުގެ އެކްސްޕޯއިން ފެނިގެންދާނެއެވެ. މީގެއިތުރުން، އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކާއި ދުވުންތެރިންނަށް ބައިވެރިވެވޭނެ ގިނަގުނަ ހަރަކާތްތަކެއް ވެސް އެކްސްޕޯގައި ތެރެއިިން ކުރިއަށްދާނެ ކަމަށް ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ 5،600 އަށްވުރެ ގިނަ ދުވުންތެރިންނާއެކު ބާއްވާ، ރާއްޖޭގެ އެންމެ ބޮޑު ދުވުމުގެ ހަރަކާތް އޮންނާނީ ކުރިއަށް އޮތް ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ.

ޑީއެމްއާރްއާރް 2026 އާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް: www.dmrr.mv

ގުޅޭ ޓެގު
comment ކޮމެންޓް